Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

06 ޖުލައި 2019

އަންނަ މަހުގެ 15 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "މިޝަން މަންގަލް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ މަހުގެ 15 ގައި ރިލީޒް ކުރަން ނިންމާފައިވާ ފިލްމު "މިޝަން މަންގަލް" ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި އެވެ.

ޖަގަން ޝަކްތީ ޑައިރެކްޓްކޮށްފައިވާ ފިލްމުގެ މައިގަނޑު ވާހަކައަކީ އަންހެނުން ސައިންޓިސްޓުންތަކެއްގެ ވާހަކަ އެވެ. އަދި ފިލްމު ބިނާކޮށްފައި ވަނީ އިންޑިއަން ރިސާޗް ސްޕޭސް އޮގަނައިޒޭޝަން (އިސްރޯ) އިން ނޮވެމްބަރު، 5، 2013 ގައި ލޯންޗް ކުރި މާސް އޯބިޓާ މިޝަން (މަންގަލިޔާން) އަށެވެ.

"މިޝަން މަންގަލް" ގެ މައިގަނޑު ކާސްޓުންނަކީ އަކްޝޭ ކުމާރު، ވިދިޔާ ބަލަން، ސޮނާކްޝީ ސިންހާ، ކިރިތީ ކުލްހާރީ، ނިތިޔާ މެނަން، ޝަރުމަން ޖޯޝީ، ތާޕްސީ ޕައްނޫ އަދި ސަންޖޭ ކަޕޫރެވެ.

އިންޑިއާގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ އޮގަސްޓް 15 ގައި ޓީ ސީރީޒާއި ފޮކްސް ސްޓާ ގުޅިގެން ގެނެސްދޭ މި ފިލްމު ރިލީޒް ކުރާ އިރު، ޓީ ސީރީޒުން ޕްރަބާސްއާ އެކު ގެނެސްދޭ "ސާހޯ" އާއި ޖޯން އަބްރަހަމްގެ "ބަތުލާ ހައުސް" ވެސްއެ ތާރީހުގައި ރިލީޒް ކުރާނެ އެވެ.

އެހެންވެ އޮގަސްޓް 15 ވެގެން ދާނީ ބޮކްސް އޮފީހަށް ބޮޑު ދުވަހަކަށެވެ.

"ދިލް ބޭޗާރާ" ނޮވެމްބަރު 29 ގައި

ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ހޯދި ހޮލީވުޑްގެ ފިލްމު "ދަ ފޯލްޓް އިން އަވާ ސްޓާޒް" އިން ހިންދީ ރިމެކް "ދިލް ބޭޗާރާ" އަންނަ ނޮވެމްބަރު މަހުގެ 29 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.

ކާސްޓިން ޑައިރެކްޓަރު މުކޭޝް ޖަބްރާގެ އަލަތު ފީޗާ ޑައިރެކްޝަންގެ ލީޑް ރޯލް ކުޅެފައި ވަނީ ސުޝާންތު ސިންގް ރާޖްޕޫތާއި ސަންޖަނާ ސާންގީ އެވެ.

ކުރިން "ކިޒީ އޯރް މެނީ" ގެ ނަން ދިނުމަށް ފަހު، ފަހުން "ދިލް ބޭޗާރާ" އަށް ނަން ބަދަލު ކުރި ފިލްމުގެ ރޯލަކުން ސައިފް އަލީ ހާން ވެސް ފެނިގެން ދާނެ އެވެ.

މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ އޭއާރް ރަހްމާނެވެ.

"ޝެހެރް ކީ ލަޅުކީ" ދައްކާލައިފި

އަންނަ މަހުގެ 2 ގައި ރިލީޒް ކުރާ ފިލްމު "ޙާންދާނީ ޝަފަޙާނާ" ގައި ހިމެނޭ "ޝެހެރް ކީ ލަޅުކީ" ގެ ލަވަ ދައްކާލައިފި އެވެ.

އެ ލަވައަކީ 1996 ހައި ސުނިލް ޝެޑީ ކުޅުނު ފިލްމު "ރަކްޝަކް" ގައި އޭނާއާ އެކު ހާއްސަ ފެނިލުމަކުން ރަވީނާ ޓަންޑަން ފެނިގެންދާ ލަވައިގެ އާ ވާޝަނެކެވެ. އާ ލަވައިގައި ވެސް އެ ދެ ތަރިން ހިމަނާފައިވާ އިރު ލަވައިން ދެން ފެންނަނީ "ޙާންދާނީ ޝަފަޙާނާ" އިން އެކްޓިން އަށް ނުކުތް ރެޕާ/ލަވަކިޔުންތެރިޔާ ބާދްޝާ އާއި ޑަޔާނާ ޕެންޓީ އެވެ.

އާ ލަވަ ކިޔާފައި ވަނީ ބާދުޝާ އާއި ތުލްސީ ކުމާރާތުގެ އިތުރުން ކުރީގެ ލަވައިގެ އަޑުގެ ވެރިން ކަމަށްވާ އަބިޖީތު ބަޓަޗަރިއާ އާއި ޗަންދުރާ ޑިކްސިޓްގެ އަޑު ވެސް ހިނަމައިގެންނެވެ.

ޝިލްޕީ ދާސްގުޕްތާ ޑައިރެކްޓްކޮށްފައިވާ "ޙާންދާނީ ޝަފަޙާނާ" ގެ ކާސްޓުންނަކީ ސޮނާކްޝީ ސިންހާ، ވަރުން ޝަރުމާ، ބާދުޝާހް، އައްނޫ ކަޕޫރް އަދި ނާދިރާ ބައްބަރެވެ.

މިއޮތީ "ސައިކޯ ސައްޔާ" ގެ ޓީޒާ

އަންނަ މަހު ރިލީޒް ކުރާ ފިލްމު "ސާހޯ" ގެ ލަވަތަކުގެ ތެރެއިން ބެލުންތެރިންނަށް ދައްކައިލާ ފުރަތަމަ ލަވަ "ސައިކޯ ސައްޔާ" ގެ ޓީޒާއެއް ދައްކާލައިފި އެވެ.

ޕާޓީ ސްޓައިލްގެ ލަވައިން ފެނިގެން ދާނީ ފިލްމުގެ ލީޑް ދެ ތަރިން ކަމަށްވާ ޕްރަބާސް އާއި ޝްރަދާ ކަޕޫރެވެ. "ސައިކޯ ސައްޔާ" ކިޔާފައި ވަނީ ދުވާނީ ބަނުޝާލީ އެވެ. ލަވައިގެ މިއުޒިކާއި ޅެން ހަދާފައި ވަނީ ތަނިޝްގް ބަގްޗީ އެވެ.

ސުޖީތު ޑައިރެކްޓްކޮށްފައިވާ "ސާހޯ" އަކީ އެކްޝަން ތުރިލާއެކެވެ.

އަންނަ މަހުގެ 15 ގައި ރިލީޒް ކުރާ ފިލްމުގެ ކާސްޓުންގެ ތެރޭގައި ނީލް ނިތިން މުކޭޝް، ޖެކީ ޝްރޮފް، މަންދިރާ ބޭދީ، ޗަންކީ ޕާންޑޭ، އެވެލީން ޝަރުމާ އަދި ޖެކްލިން ފެނަންޑޭޒް އެވެ.

"ސާހޯ" އަކީ "ބާހްބަލީ" ދެ ފިލްމަށް ފަހު، ޕްރަބާސް ސްކްރީނުން ފެންނަ ފުރަތަމަ ފިލްމެވެ.