Roadha Mihaaru
މަސައްކަތް ހުއްޓާލަން ޖެހޭ ސައިޓެއް ނެތް: ޕްލޭނިން

މަސައްކަތް ހުއްޓާލަން ޖެހޭ ސައިޓެއް ނެތް: ޕްލޭނިން މިނިސްޓްރީ

18 ޑިސެމްބަރ 2018

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ތަންތަނުގެ ތެރޭގައި ވަގުތުން މަސައްކަތް ހުއްޓުވަން ޖެހޭ ފަދަ ހާލަތެއްގައި ހުރި އެއްވެސް ތަނެއް ނެތް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ތަންތަނުގެ ތެރޭގައި ވަގުތުން މަސައްކަތް ހުއްޓުވަން ޖެހޭ ފަދަ ހާލަތެއްގައި ހުރި އެއްވެސް ތަނެއް ނެތް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ޕްލޭނިން މިނިސްޓްރީން މިހެން ބުނީ މާލޭ ސިޓީ ކައުންސިލާ ގުޅިގެން ފެށި ސައިޓްތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއްގެ ބައެއް ފުރިހަމަ ކުރުމަށް ފަހު ދެ މުއައްސަސާ ގުޅިގެން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގަ އެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ނޫސްކޮންފަރެންސްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަލީ ވިދާޅުވީ ވަގުތުން މަސައްކަތް ހުއްޓައިލަން ޖެހޭ ހާލަތެއް އަދި ދިމާ ނުވިޔަސް ގަވައިދާ އެއްގޮތަށް ކަންތައްތައް ކޮށްފައި ނުވާ ތަންތަން އެބަހުރި ކަމަށެވެ.

"އަދި އެކަހަލަ ހާލަތެއް، ވަގުތުން މަސައްކަތް ހުއްޓާލަން ޖެހޭ އިންސްޓެންސް އެއް ދިމައެއް ނުވޭ. އެކަމަކު އެބަހުރި ސާވޭޔަރުންނަށް މިހާރު ވެސް ފާހަަގަ ކުރެވިފައި ހުރި ޝަކުވާތަކެއް. ގަވައިދާ އެއްގޮތަށް ނުކުރެވި ހުރި ކަންތައްތަކެއް،" އޭނާ ވިދާޅުވި އެވެ.

މުހައްމަދު އަލީ ވިދާޅުވީ މަސައްކަތް ކުރާ ތަންތަން ސާވޭ ކުރުމުގެ މަސައްކަތަކީ ކޮންމެހެން ބަޔަކު ކުށްވެރިކުރަން ކުރާ މަސަައްކަތެއް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނަންގަވާފައިވާ އިސް ނެެންގެވުމަކާ ވެސް ގުޅުވައިގެން ކުރާ މަސަައްކަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިއީ ބަޔަކު ކުށްވެރި ކުރަން ނުވަތަ ބަޔަކު މީހުންގެ މަސައްކަތްތަކެއް ހުއްޓުވުމުގެ މަގުސަދުގައި އެއްގޮތަކަށް ވެސް ކުރާ ކަމެއް ނޫން،" މުހައްމަދު އަލީ ވިދާޅުވި އެވެ.

މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މަސައްކަތް ކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ދާއިމީ ގޮތެއްގައި ކުރަން ފެށި މަސައްކަތެއް ކަމަށެވެ. ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތަކުން އެ މަސައްކަތް ދާއިމީ ގޮތެއްގައި ކުރުން ވަރަށް މުހިއްމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ އިމާރާތްކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ 161 ސައިޓެއް މާލޭގައި އެބަހުރި ކަމަށާއި އޭގެ ތެރެއިން ގިނަ ތަންތަނުން މިހާރު ވެސް މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފާހަގަ ކުރެވުނު މައްސަލަތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ޖަހާފައިވާ ދާގަނޑުތައް ހަލާކުވެފައި ހުރުމާއި ސައިޓްގައި ކުނި ގިނަވުމާއި މަދިރި އާލާވާ ގޮތަށް ތަންތަން ހުރުން ހިމެނެ އެވެ.

ޝިފާ ވިދާޅުވީ ހުރި މައްސަލަތައް ތަފުސީލާ އެކު އެނގޭނީ ސާވޭޔަރުން ކުރަމުން އަންނަ މަސައްކަތް މިއަދު ހަވީރު ނިންމައިލުމުން ކަމަށެވެ. މި ދެ ދުވަސް ތެރޭގައި ފާހަގަ ކުރެވުނު މައްސަލަތައް ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމަށް ގެނެސް، އެކަންތައްތަކާ މެދު މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާލޭގައި މަސައްކަތް ކުރާ ތަންތަނުގެ ރައްކާތެރިކަން ހުރި ނެތް ގޮތާއި ބާ އިމާރާތްތަކުގެ ހާލަތު ވެސް ބަލަން ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީގެ ސާވޭޔަރުން މިއަދު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އެ މަސައްކަތްތައް ފެށީ މާލޭގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ޒަހަމްވި އުމުރުން ހަތް އަހަރުގެ ރަވްޝަން ޖިއާންގެ މަރާ ގުޅިގެންނެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ޖިއާން މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.