Roadha Mihaaru
މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް އަލުން ހަދަން ފަށައިފި

މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް އަލުން އިމާރާތް ކުރަން ފަށައިފި

18 ޑިސެމްބަރ 2018

ބަޣުދާދު (ޑިސެމްބަރު 18) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގޮއްވާލި މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (ޑިސެމްބަރު 18) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގޮއްވާލި މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް އަލުން އިމާރާތް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

މިސްކިތް އަލުން އިމާރާތް ކުރުމުގެ ގޮތުން އިރާގުގެ ދީނީ ލީޑަރު އަބްދުލް ލަތީފް އަލް ހުމައިޔިމްއާ އެކު ވަނީ އދ. އާއި ޔޫރަޕިއަން ޔޫނިއަންގެ އިއްޒަތްތެރި ވެސް ބައިވެރިވެވަޑައިގެންފަ އެވެ.

ނޫރީ މިސްކިތް އައިއެސް އިން މިދިޔަ އަހަރު ގޮއްވާލީ ސަރުކާރު ސިފައިންގެ ކޮންޓްރޯލްގެ ދަށަށް މޫސަލް ގެންނަން ހަނގުރާމަ ކުރަމުން ދަނިކޮށެވެ. މޫސަލްގެ ހަނގުރާމަ ނުވަ މަސް ދުވަހަށް ދެމިގެން ދިޔަ އެވެ. މޫސަލްގެ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ 900،000 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ.

އިރާގުގެ ތާރީޚީ ނޫރީ މިސްކިތް ގޮއްވާލީ އައިއެސް އިން. --ފޮޓޯ:އަަލަމީ

އިރާގުގެ ތާރީޚީ ނޫރީ މިސްކިތް ގޮއްވާލީ އައިއެސް އިން. --ފޮޓޯ:އަަލަމީ

ނޫރީ މިސްކިތް އަލުން އިމާރާތް ކުރުމުގެ މަސައްކަތަށް ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ 50 މިލިއަން ޑޮލަރު ދީފަ އެވެ. މަސައްކަތް ނިމޭނެ ކަމަށް ލަފާކޮށްފައި ވަނީ ފަސް އަހަރުންނެވެ. ފުރަތަމަ އަހަރު ފޯކަސް ކުރާނީ ޑޮކިއުމެންޓް ކުރާށާއި ސައިޓް ސާފް ކުރުން އަދި މިސްކިތް ކުރަހާށެވެ. ބާކީ އޮތް ހަތަރު އަހަރު ކުރިއަށް ގެންދާނީ މިސްކިތުގެ މަޝްހޫރު މުންނާރުތައް ހެދުމާއި ނަމާދު ކުރާ ބަޔާ އަދި މިސްކިތާ ޖެހިގެން ހުރި އިމާރާތްތައް ހެދުމަށެވެ.

ނޫރީ މިސްކިތަކީ އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރި މިސްކިތެވެ.

ނޫރީ މިސްކިތުގެ މަޝްހޫރު މުންނާރު އަރިއަޅާލާފައި. --ފޮޓޯ:އީޕީއޭ

ނޫރީ މިސްކިތުގެ މަޝްހޫރު މުންނާރު އަރިއަޅާލާފައި. --ފޮޓޯ:އީޕީއޭ

މޫސަލްގެ ނޫރީ މިސްކިތަކީ ޒަންކީ ދައުލަތުގެ ދެ ވަނަ ރަސްކަލުން ނޫރުއްދީން މަހްމޫދު ޒަންކީގެ އަމުރަށް، މީލާދީން 1172 ވަނަ އަހަރު ބިނާ ކުރަން ފެށި މިސްކިތެކެވެ. މިސްކިތް ބިނާކޮށް ނިމުނީ ނޫރުއްދީން އަވަހާރަވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

މި މިސްކިތް އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ، އެ މިސްކިތާ އެކުގައި ބިނާ ކޮށްފައިވާ އަރިއަޅާލާފައިވާ މުންނާރުންނެވެ. އުސްމިނުގައި 45 މީޓަރު (150 ފޫޓު) ހުންނަ މި މުންނާރަކީ މޫސަލްގެ އެންމެ މުހިންމު އާސާރީ އެއް ބިނާ އެވެ. އެ މުންނާރު އަރިއަޅާފައިވާ ވަކި ސަބަބެއް ނޭނގެ އެވެ. މިސްކިތް އަލުން ބިނާކުރާ އިރު އެ މުންނާރު އަރިއަށް ބަހައްޓާނެ ކަމެއް ނޭނގެ އެވެ.