Roadha Mihaaru
މޫސަލްގެ ނޫރީ މިސްކިތް ބިމާ ހަމަ، ގޮއްވާލީ ކާކު؟

މޫސަލްގެ ނޫރީ މިސްކިތް ބިމާ ހަމަ، ގޮއްވާލީ ކާކު؟

22 ޖޫން 2017

އިރާގުގެ މޫސަލްގައި ހުންނަ ޒަމާންވީ އާސާރީ މިސްކިތް އިއްޔެ ގޮއްވާލައި ބިމާ ހަމަކޮށްލައިފި އެވެ. ނަމަވެސް މިކަން ކުރި ބަޔަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

އިރާގުގެ މޫސަލްގައި ހުންނަ ޒަމާންވީ އާސާރީ މިސްކިތް އިއްޔެ ގޮއްވާލައި ބިމާ ހަމަކޮށްލައިފި އެވެ. ނަމަވެސް މިކަން ކުރި ބަޔަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

އިރާގުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި މިހާރު އެންމެ ވަރުގަދަ އަށް ހަމަލާ ބަދަލު ކުރަމުންދަނީ ވެސް މޫސަލްގަ އެވެ. އިރާގު ސަރުކާރުން ބުނާ ގޮތުގައި، މޫސަލްގެ އައް ނޫރީ މިސްކިތުގައި ގޮވާ ތަކެތި ހަރުކޮށް ގޮއްވައިލީ މޫސަލް އަށް ވެރިވެގަނެގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ހަނގުރާމަވެރިންނެވެ. ނަމަވެސް އައިއެސް ޖަމާއަތުން ބުނާ ގޮތުގައި އެ މިސްކިތް ގޮއްވައިލީ އެމެރިކާ ސިފައިންނެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީ ވިދާޅުވި ގޮތުގައި ނޫރީ މިސްކިތް ގޮއްވައިލުމަކީ އައިއެސް ޖަމާއަތް ބަލިވެއްޖެ ކަމަށް އެ ޖަމާއަތުން އެއްބަސްވި ކަމުގެ ހެއްކެކެވެ. އިރާގުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި، ނޫރީ މިސްކިތް ގޮއްވައިލީ، މޫސަލް މިނިވަން ކުރުމަށް ހަނގުރާމަ ކުރަމުންދާ އިރާގު ސިފައިން އެ މިސްކިތާ ފަންސާހަކަށް މީޓަރަށް ކައިރިވެފައި ވަނިކޮށެވެ.

އެމެރިކާގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރަކު ސިފަ ކުރި ގޮތުގައި މިއީ އިރާގުގެ އަދި މޫސަލްގެ ވެސް އަގުބޮޑު ޚަޒާނާތަކުގެ ތެރެއިން ޚަޒާނާއެއް ނައްތައިލުމެވެ. އަދި މިއީ އިރާގާއި މޫސަލްގެ ރައްޔިތުންނާ ދެކޮޅަށް އައިއެސް އިން ހިންގި ޖަރީމާއެއް ކަމަށާއި، މި ކަމަކީ މި އަނިޔާވެރި ޖަމާއަތް ނައްތައިލަން ޖެހިފައިވާ ކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނޫރީ މިސްކިތަކީ ޒަންކީ ދައުލަތުގެ ދެ ވަނަ ރަސްކަލުން ނޫރުއްދީން ޒަންކީގެ އަމުރުފުޅަށް، މީލާދީން 1172-1173 އަށް ބިނާ ކުރެއްވި މިސްކިތެކެވެ. މިސްކިތް ބިނާކޮށް ނިމުނީ ނޫރުއްދީން އަވަހާރަ ވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

މި މިސްކިތް އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ، އެ މިސްކިތާ އެކުގައި ބިނާ ކޮށްފައިވާ އަރިއަޅާލާފައިވާ މުންނާރުންނެވެ. އުސްމިނުގައި 45 މީޓަރު (148 ފޫޓު) ހުންނަ މި މުންނާރަކީ މޫސަލްގެ އެންމެ މުހިންމު އާސާރީ އެއް ބިނާ އެވެ.

އިސްލާމިކް ސްޓޭޓްގެ ނަމުގައި ވަކި ވެރިކަމެއް އިއުލާންކޮށް، އެ ދައުލަތުގެ ޚަލީފާ ކަމުގައި އަބޫބަކުރު އަލް ބަޣްދާދީ އަމިއްލަ އަށް އިއުލާން ކުރީ، ޖޫން 29، 2014 ވީ ހުކުރު ދުވަހު މި މިސްކިތުގެ މިންބަރުގައި ހުރެ ދިން ޚުތުބާގަ އެވެ.

މީގެ ކުރިން ވެސް އައިއެސްގެ ހަނގުރާމަވެރިން ވަނީ އިރާގާއި ސީރިޔާގެ އާސާރީ ކިތަންމެ ތަނެއް ޑައިނަމައިޓް އަޅައި ގޮއްވާލައިފަ އެވެ.

އދ. ޖަމިއްޔާ އިން ބުނި ގޮތުގައި މޫސަލްގައި ތިބި އައިއެސްގެ ހަނގުރާމަވެރިން، އެ ސަހަރަށް ބާރު ފޯރުވައިގެން އުޅެނީ އެ ސަހަރުގެ 100،000 މީހުން އިންސާނީ އައްޑަނަތަކަކަށް ހަދައިގެންނެވެ.

އައިއެސްގެ ބާރު ނައްތައިލުމަށް އޮކްޓޫބަރު 17، 2016 ގައި ފެށި ހަނގުރާމައިގައި އިރާގުގެ ސަލާމަތީ ބާރުތަކުގެ އިތުރުން، ކުރުދީންގެ ޕެޝްމެރްގާ ހަނގުރާމަވެރިންނާއި އަރަބި ސުންނީ ގަބީލާތަކާއި ޝީއީ ހަނގުރާމަވެރި ޖަމާއަތްތައް ބައިވެރިވެ އެވެ. އަދި އެމެރިކާގެ ވައިގެ ސިފައިންގެ ލަޝްކަރުތަކުން އިރާގަށް އެހީތެރިކަން ފޯރުކޮށްދެ އެވެ.

މޫސަލްގެ އިރުމަތީ ފަޅި މިނިވަން ކުރުވިއްޖެ ކަން އިރާގު ސިފައިން އިއުލާން ކުރީ މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ. ނަމަވެސް މޫސަލްގެ ހުޅަނގު ފަޅި ހިފުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ، އެ ސަރަހައްދުގެ ބޮޑު ބައެއް އަދިވެސް އޮތީ އައިއެސްގެ ބާރުގެ ދަށުގަ އެވެ.