Roadha Mihaaru
މޫސަލްގެ ތާރީޚީ މިސްކިތް އަލުން އިމާރާތް ކުރަނީ

މޫސަލްގެ ތާރީޚީ މިސްކިތް އަލުން އިމާރާތް ކުރަނީ

24 އެޕްރީލް 2018

ބަޣުދާދު (އެޕްރީލް 24) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގޮއްވާލި އިރާގުގެ މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް އަލުން އާބާދު ކުރަން ނިންމައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބަޣުދާދު (އެޕްރީލް 24) - އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގޮއްވާލި އިރާގުގެ މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް އަލުން އާބާދު ކުރަން ނިންމައިފި އެވެ.

އދ.ގެ ސަގާފަތާ ބެހޭ އެޖެންސީން ބުނީ މިސްކިތް އަލުން އިމާރާތް ކުރަން ފަސް އަހަރުގެ މަޝްރޫއެއް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ އެ މަޝްރޫއަށް 50 މިލިއަން ޑޮލަރު ދޭން އެއްބަސްވެފަ އެވެ.

ޔުނެސްކޯ އިން ބުނީ އިރާގު ސަރުކާރާ ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި ފުރަތަމަ އަހަރު ކުރާނީ ޑޮކިއުމެންޓް ކުރުމާއި ސައިޓް ސާފް ކުރުން އަދި މިސްކިތް ކުރެހުން ކަމަށެވެ. އަނެއް ހަތަރު އަހަރު ކުރިއަށް ގެންދާނީ މިސްކިތް ބިނާ ކުރުން ކަމަށް ބުނެފައިވެ އެވެ. އޭގެ ތެރޭގައި މިސްކިތުގެ މަޝްހޫރު މުންނާރުތައް ހެދުމާއި ނަމާދު ކުރާ އޭރިޔާ އާއި މިސްކިތާ ޖެހިގެން އެހެން އިމާރާތްތައް ހެދުން ހިމެނެ އެވެ.

މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް: އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރީ އެ މިސްކިތުގައި. --ފޮޓޯ:އީޕީއޭ

މޫސަލްގެ ތާރީޚީ ނޫރީ މިސްކިތް: އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރީ އެ މިސްކިތުގައި. --ފޮޓޯ:އީޕީއޭ

ނޫރީ މިސްކިތަކީ އައިއެސްގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ އައިއެސްގެ ޚިލާފަތު 2014 ވަނަ އަހަރު އިއުލާންކުރި މިސްކިތެވެ. އޭގެ ތިން އަހަރު ފަހުން، މިދިޔަ އަހަރުގެ ޖޫން މަހު އައިއެސް އިން ވަނީ އެ މިސްކިތް ގޮއްވާލާ ބިމާ ހަމަކޮށްލައިފަ އެވެ. އައިއެސް އިން ނޫރީ މިސްކިތް ތަޅާލީ އިރާގު ސިފައިން މޫސަލްގެ ބޮޑު ބައެއް ހިފުމުންނެވެ.

މިސްކިތުން ސަލާމަތުން ހުރީ މުންނާރުތަކުގެ ބުޑުތަކާއި ބައެއް ތަނބުތަކުގެ ސަޕޯޓުގައި ހުރި ގުއްބެކެވެ. އިރާގުގެ ބޮޑު ވަޒީރު ހައިދަރު އަލް އަބާދީ އެ ދުވަސްވަރު ވިދާޅުވެފައި ވަނީ ނޫރީ މިސްކިތް ތަޅާލުމަކީ "ތާރީޚީ ގޮތުން ހިންގި ބޮޑު ޖަރީމާއެއް" ކަމަށެވެ.

މޫސަލްގެ ނޫރީ މިސްކިތަކީ ޒަންކީ ދައުލަތުގެ ދެ ވަނަ ރަސްކަލުން ނޫރުއްދީން މަހްމޫދު ޒަންކީގެ އަމުރަށް، މީލާދީން 1172 ވަނަ އަހަރު ބިނާ ކުރަން ފެށި މިސްކިތެކެވެ. މިސްކިތް ބިނާކޮށް ނިމުނީ ނޫރުއްދީން އަވަހާރަވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

މި މިސްކިތް އެންމެ ބޮޑަށް މަޝްހޫރު ވެފައިވަނީ، އެ މިސްކިތާ އެކުގައި ބިނާ ކޮށްފައިވާ އަރިއަޅާލާފައިވާ މުންނާރުންނެވެ. އުސްމިނުގައި 45 މީޓަރު (150 ފޫޓު) ހުންނަ މި މުންނާރަކީ މޫސަލްގެ އެންމެ މުހިންމު އާސާރީ އެއް ބިނާ އެވެ. އެ މުންނާރު އަރިއަޅާފައިވާ ވަކި ސަބަބެއް ނޭނގެ އެވެ. މިސްކިތް އަލުން ބިނާކުރާ އިރު އެ މުންނާރު އަރިއަށް ބަހައްޓާނެ ކަމެއް ނޭނގެ އެވެ.