Roadha Mihaaru
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

25 ޑިސެމްބަރ 2018

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ޒީރޯ" ބަލާފައި އެ ފިލްމުގެ އެއް ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާ އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ފިލްމަށް ތައުރީފުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ޒީރޯ" ބަލާފައި އެ ފިލްމުގެ އެއް ބަތަލާ އަނުޝްކާ ޝަރުމާގެ ފިރިމީހާ އަދި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ފިލްމަށް ތައުރީފުކޮށްފި އެވެ.

އޮސްޓްރޭލިއާގައި ފިލްމު ބަލައިފައި ވިރާޓް ކުރި ޓްވީޓެއްގައި ބުނީ އޭނާ އަށް ފިލްމު ވަރަށް ކަމުދިޔަ ކަމަށާއި ފިލްމުގެ ހުރިހާ ތަރިން ދައްކުވައި ދީފައިވާ ހުނަރު ވެސް ވަރަށް ފުރިހަމަ ކަމަށެވެ. ވަކިން ހާއްސަކޮށް އަނުޝްކާ އަށް ތައުރީފުކޮށް އޭނާ ބުނީ "ޒީރޯ" ގައި އަނބިމީހާ ކުޅެފައި ވަނީ ވަރަށް ޗެލެންޖިން ރޯލަކަށްވެފައި، އެ ރޯލް ވަރަށް މޮޅަށް އަނުޝްކާ ކުޅެފައިވާ ކަމަށެވެ.

އާނަންދު އެލް ރާއީ ޑައިރެކްޓްކުރި ފިލްމުގައި ކުޅަދާނަ ބަތަލާ ކުޅެފައި ވަނީ ސެރެބަލް ޕަލްސީގެ ސަބަބުން ނުހިނގި، ފުރޮޅުލީ ގޮނޑިއެއްގައި އިންނަ ނާސާގެ ސައިންޓިސްޓެއްގެ ރޯލެވެ. "ޒީރޯ" ގައި ލީޑް ރޯލް ކުޅެފައި ވަނީ އަނުޝްކާ އާއި ޝާހްރުކް ހާންގެ އިތުރުން ކެޓްރީނާ ކެއިފެވެ.

މި ފިލްމު ކްރިޓިކުންނަށް އެހާ ކަމުދިޔަ ފިލްމަކަށް ނުވިޔަސް، ތަރިންގެ އެކްޓިން ވަރަށް ފުރިހަމަ ކަމަށް ގިނަ ކްރިޓިކުން އިއްތިފާގުވެފައިވެ އެވެ.

"ޗަޕާކް" އާ ފޮކްސް ސްޓާ އިން ގުޅިއްޖެ

ދީޕިކާ ޕަދުކޯން ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ މެގްނާ ގުލްޒާރުގެ ފިލްމު "ޗަޕާކް" އާ ފޮކްސް ސްޓާ ސްޓޫޑިއޯސް އިން ހިއްސާވެއްޖެ އެވެ.

އެހެންވެ މި ފިލްމު ކޯ-ޕްރޮޑިއުސަރެއްގެ ޒިންމާ އެ ކުންފުނިން ނަގާނެ އެވެ. ދީޕިކާ އާއި ވިކްރާންޓް މަސޭ ލީޑް ރޯލް ކުޅޭ "ޗަޕާކް" އަކީ އެސިޑް ޝިކާރައަކަށްވި އިންޑިއާގެ އަންހެނެއް ކަމަށްވާ ލަކްޝްމީ އަގަރްވާލްގެ ވާހަކަ ކިޔައިދޭ ބައިގްރަފިކަލް ޑްރާމާއެކެވެ.

މި ފިލްމުގެ ޝޫޓިން އަންނަ މާޗް މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ އިރު، ފިލްމު ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މެގްނާ އެންމެ ފަހުން ޑައިރެކްޓް ކުރި ފިލްމަކީ މި އަހަރު ބޮކްސް އޮފީހުގައި 194.06 ކްރޯޑް ރުޕީސްއެއް ހޯދި "ރާޒީ" އެވެ.

އީލޮން މަސްކް "ބަޖިރާއޯ މަސްތާނީ" ގެ ޖާދޫގައި

ދެމަފިރިން ކަމަށްވާ ރަންވީރު ސިންގް އާއި ދީޕިކާ ޕަދްކޯން އެކީގައި ކުޅުނު 2015 ގެ ފިލްމު "ބަޖިރާއޯ މަސްތާނީ" އެމެރިކާގެ ސްޕޭސް އެކްސްގެ އެއް ބާނީ އީލޮން މަސްކް އަށް ވަރަށް ކަމުދިޔަ ފިލްމަކަވެއްޖެ އެވެ.

އޭނާ ކުރި ޓްވީޓެއްގައި ސަންޖޭ ބަންސާލީ ޑައިރެކްޓް ކުރި "ބަޖިރާއޯ މަސްތާނީ" ނަމުގެ ފަހަތަށާއި ކުރިއަށް ދެ ހިތް ލައި، ފިލްމުގެ ލަވައެއް ކަމަށްވާ "ދީވާނީ މަސްތާނީ" ގެ ޔޫޓިއުބް ލިންކެއް ހިއްސާކޮށްފައިވެ އެވެ. އަދި ފިލްމުގެ އެހެން ލަވައެއް ކަމަށްވާ "މަލްހާރީ" ގެ މަންޒަރެއްގެ ގިފީއެއް ވެސް ހިމަނާފައިވެ އެވެ.

މިއަށް ދީޕިކާ ރިޕްލައި ކުރީ ނަމަސްތޭއޭ ބުނާ ކަހަލަ އިޝާރާތަކުންނެވެ.

އީލޮންގެ ޓްވީޓާ ގުޅިގެން އޭނާ ފޮލޯ ކުރާ ބައެއް މީހުން ބުނީ އެމީހުން ހީކުރި އޭނާގެ ޓްވިޓާ ބަޔަކު ހެކްކޮށްގެން ހިންދީ ފިލްމަކާ ބެހޭ ގޮތުން ޓްވީޓް ކުރީ ކަމަށެވެ. އެހެންވެ ގިނަ ބަޔަކަށް މިކަން ސަޕްރައިޒަކަށްވީ އެވެ.

"ބާހްބަލީ" ޓީމްގެ ކޮފީގެ އެޕިސޯޑްގެ ޕްރޮމޯއެއް

ކަރަން ޖޯހަރުގެ ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ސީޒަން ހައެއްގެ ކުރިއަށް ހުރި އެޕިސޯޑްތަކުގެ ތެރެއިން އެންމެ ޝައުގުވެރި އެއް އެޕިސޯޑަކަށް ވާނީ "ބާބްހަލީ" ގެ ޓީމް ފެނިގެންދާ އެޕިސޯޑެވެ.

ސްޓާ ވޯލްޑުން މިހާރު ވަނީ މި އެޕިސޯޑްގެ ޕްރޮމޯއެއް ވެސް ދައްކާލައިފަ އެވެ. ޑައިރެކްޓަރު އެސްއެސް ރާޖަމޯލީ އާއި ބާހްބަލީގެ ކެރެކްޓާ ކުޅުނު ޕްރަބާސް އާއި ބައްލާދޭވްގެ ކެރެކްޓާ ކުޅުނު ރާނާ ދަގޫބަތީ ފެނިގެންދާ މި އެޕިސޯޑްގައި ފިލްމުގެ ތަޖުރިބާތަކާއި ޒާތީ ބައެއް ވާހަކަތައް ވެސް ހިއްސާ ކުރެ އެވެ.

ޔަގީނުން ވެސް އެ އެޕިސޯޑްވެގެން ދާނީ "ބާހްބަލީ" ގެ ފޭނުންނަށް ވަރަށް ވެސް ހާއްސަ އެޕިސޯޑަކަށެވެ. އިންތިޒާރުކޮށްލަން ޖެހެނީ އަންނަ ހަފުތާގެ އާދީއްތައަށެވެ.