Roadha Mihaaru
ވިކީ އަށް "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި

ވިކީ އަށް ބަންސާލީގެ "ޕަދުމާވަތު" ގެއްލުނީ ދީޕިކާއާ ހެދި

22 ޖެނުއަރީ 2022

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު މަސައްކަތްކުރަން އެކްޓަރު ވިކީ ކޯޝަލަށް ލިބުނު ހަމައެކަނި ފުރުސަތު ގެއްލުނީ ބަތަލާ ދީޕިކާ ޕަދްކޯންއާ ހެދި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީއާ އެކު މަސައްކަތްކުރަން އެކްޓަރު ވިކީ ކޯޝަލަށް ލިބުނު ހަމައެކަނި ފުރުސަތު ގެއްލުނީ ބަތަލާ ދީޕިކާ ޕަދްކޯންއާ ހެދި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި ދީޕިކާ ޓައިޓަލް ރޯލު ކުޅުނު 2018 ގެ ލޯބީގެ ޕީރިއަޑް ޑްރާމާ އިން ވިކީ އަށް ލިބުނީ ޝާހިދު ކަޕޫރު ކުޅުނު ރަތަން ސިންގެ ރޯލެވެ. ނަމަވެސް އޭނާއާ އެކީ އޭރު ދީޕިކާ މަސައްކަތްކުރަން ދެކޮޅު ހެދުމުން ވިކީ ފިލްމަށް ގެންނަން ބަންސާލީ ކުރި މަސައްކަތް ހުއްޓާލައި، ޝާހިދަށް ފުރުސަތު ދިނީ އެވެ. ބައެއް މީޑިއާތަކުން ބުނީ މިކަމާ ހެދި ވިކީ ހުރީ އޭރު ދީޕިކާއާ މެދު ވަރަށް ހިތްހަމަނުޖެހިފައި ކަމަށެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޕަދުމާވަތު" އަކީ ބަންސާލީއާ އެކު ޝާހިދު މަސައްކަތްކުރި ހަމައެކަނި ފިލްމެވެ. އެކަމަކު އެ ފިލްމަކީ ދީޕިކާ އާއި ފިރިމީހާ ރަންވީރު ސިންހު ކުޅަދާނަ ޑައިރެކްޓަރާ އެކު މަސައްކަތްކުރި ތިން ވަނަ ފިލްމެވެ. އަނެއް ދެ ފިލްމަކީ 2015 "ބަޖިރާއޯ މަސްތާނީ" ގެ އިތުރުން 2013 ގެ "ރާމް-ލީލާ" އެވެ.

"ޕަދުމާވަތު" ގައި ރަންވީރު ކުޅުނީ ނެގެޓިވް ރޯލެއް ކަމަށްވާ އަލާއުއްދީން ހިލްޖީގެ ރޯލެވެ. އަދި އެ ރޯލަކީ ޝާހިދުގެ ކެރެކްޓާ އަށް ވުރެ ބޮޑަށް ބެލުންތެރިން ބަލައިގަތް އަދި ރަންވީރަށް ތައުރީފު އޮހުނު ރޯލެކެވެ.

ވިކީ އަށް، ދީޕިކާއާ ހެދި ބަންސާލީއާ އެކު މަސައްކަތްކުރުމުގެ ފުރުސަތު ގެއްލުނު އިރު، އެ ދެ ތަރިން އަދި އެކީގައި ފިލްމެއް ކުޅެފައެެއް ނުވެ އެވެ. ވިކީގެ އަންހެނުން ކެޓްރީނާ އަކީ ދީޕިކާގެ ކުރީގެ ލޯބިވެރިޔާ ރަންބީރް ކަޕޫރުގެ ކުރީގެ ލޯބިވެރިޔާ އެވެ.

މިކަމާ ހެދި އެ ދެ މީހުންގެ މެދުގައި ކުރިން ވަރަށް ބޮޑު ދެކޮޅުވެރިކަމެއް އޮތެވެ. އަދި އެކަން ނިމުމަކަށް އައީ ދީޕިކާ 2018 ގައި ރަންވީރުއާ ކައިވެނިކުރި ހިސާބުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޑައިރެކްޓަރު ޒޯޔާ އަޚްތަރު ވަނީ ރަންވީރާއި ކެޓްރީނާއާ އެކީ ފިލްމެއް ހަދަން ޕްލޭންކޮށްފަ އެވެ. ދެ ތަރިން އަދި އެކީގައި މަސައްކަތްކޮށްފައެއް ނުވެ އެވެ.