Roadha Mihaaru
ސްޕިނެޗް ބޭނުން ކުރަންވީ ސުމޫތީއެއްގެ ގޮތުގައި

ސްޕިނެޗް ބޭނުން ކުރަންވީ ސުމޫތީއެއްގެ ގޮތުގައި

26 ޑިސެމްބަރ 2018

ސްޕިނެޗް ފަތުގެ ފައިދާ އެންމެ ފުރިހަމަ އަށް ހޯދަން ބޭނުންވާ ނަމަ އެންމެ ރަނގަޅީ ސްމޫތީ ހަދައިގެން ބުއިން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސްޕިނެޗް ފަތުގެ ފައިދާ އެންމެ ފުރިހަމަ އަށް ހޯދަން ބޭނުންވާ ނަމަ އެންމެ ރަނގަޅީ ސްމޫތީ ހަދައިގެން ބުއިން ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ފުޑް ޖާނަލް ކެމިސްޓްރީގައި ޝާއިއުކޮށްފައިވާ ދިރާސާގައި ބުނި ގޮތުގައި ސްޕިިނެޗްގެ ތާޒާކަން ގެއްލޭ ގޮތަށް، އެ ފަތް ކައްކައިގެން ފަދަ ގޮތްގޮތަށް ބޭނުން ކުރުމުން އޭގައި އެކުލެވޭ މުހިއްމު މާއްދާތައް އުނިވެ އެވެ. އެކަމަކު ތާޒާ ފަތުގެ ތެރެއަށް ކިރު، ޔޯގަޓް ނުވަތަ ކްރީމް އަޅާލައިގެން އޮލަ ސްމޫތީއެއް ތައްޔާރުކޮށްލައިގެން ބޯ ނަމަ ލިބޭ އެތައް ގުނަ އިތުރު ކަމަށް ބުންޏެވެ.

މީގެ ސަބަބުން ސްޕިނެޗްގައި އެކުލެވޭ ފައިދާ ހުރި ނިއުޓްރިއަންޓެއް ކަމަށްވާ ލޫޓިންގެ ފައިދާ އެތައް ގުނަ އިތުކޮށްދޭ ކަމަށް ވެސް ދިރާސާގައި ބުންޏެވެ. ލޫޓިންއަކީ ނާރުތައް ދުޅަވެ ފުއްޕުން ކަހަލަ މައްސަލަތަކުން ދުރުކޮށްދޭ، ލޭދައުރުވުން ފަސޭހަކޮށްދޭން ބާރު އަޅާ މާއްދާއެކެވެ. އަދި ހިތުގެ އެކި މައްސަލަތައް ހުންނަ މީހުންނަށް ލޫޓިންއަކީ މުހިއްމު މާއްދާއެކެވެ.

ލޫޓިންއަކީ "ލޮލުގެ ވިޓަމިން" އެއްގެ ގޮތުގައި ވެސް ސިފަ ކުރާ މާއްދާއެކެވެ. އެއީ އަވިން ލޮލަށް ލިބޭ ގެއްލުންތަކުން ވެސް ރައްކާތެރިކޮށް ދޭތީ އެވެ.

"މީގައި އެންމެ މުހިއްމު ކަމަކީ ވީހާ ވެސް ތާޒާކޮށް ސްޕިނެޗް ބޭނުން ކުރުން،" ދިރާސާގައި ބުންޏެވެ. "އެހެންވެ ފެނު ކައްކައިގެންނާއި ފްރައިކޮށްގެން ކަހަލަ ގޮތްގޮތަށް ބޭނުން ކުރުމުގެ ބަދަލުގައި ސްޕިނެޗްގެ ފައިދާ އެންމެ އެންމެ ބޮޑަށް ލިބޭނީ ތާޒާ ސްމޫތީއެއް ހަދާލައިގެން."

ދިރާސާ ހެދި ޓީމްގައި ބައިވެރިވި ރޮޒާނާ ޗަންގް ވިދާޅުވި ގޮތުގައި ސްޕިނެޗް އެއްވެސް ގޮތަކަށް ކެއްކުމަކީ އޭގެ ފައިދާތައް އުނިކޮށްލާނެ ކަމެކެވެ.

"ގިނަ އިރުތަކެއް ވަންދެން ސްޕިނެޗް ކެއްކުން މިސާލަކަށް މައިކްރޮވޭވް ކުރުމުން އޭގައި އެކުލެވޭ ފައިދާ ހުރި އެތައް މާއްދާއެއް ނެތިކޮށްލާ،" އޭނާ ވިދާޅުވި އެވެ.