އިންޑޮނޭޝިއާގެ ސުމަޓްރާގެ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާ އެކު އުފެދުނު ސުނާމީގައި ރ. ކަނދޮޅުދޫ މުޅިން ވީރާނާ ވިތާ މިއަދަށް މިވީ 14 އަހަރެވެ. ޑިސެމްބަރު 26، 2004 ގައި ހިނގި އެ ހާދިސާއަށް ފަހު ރ. އަތޮޅުގެ އެކި ރަށްތަކުގައިވާ ވަގުތީ ހިޔާތަކުގައި ކަނދޮޅުދޫ މީހުން ހަތަރު އަހަރު ހޭދަކުރި އެވެ.
26 ޑިސެމްބަރ 2018
އިންޑޮނޭޝިއާގެ ސުމަޓްރާގެ ކައިރިއަށް އައި ބާރުގަދަ ބިންހެލުމަކާ އެކު އުފެދުނު ސުނާމީގައި ރ. ކަނދޮޅުދޫ މުޅިން ވީރާނާ ވިތާ މިއަދަށް މިވީ 14 އަހަރެވެ. ޑިސެމްބަރު 26، 2004 ގައި ހިނގި އެ ހާދިސާއަށް ފަހު ރ. އަތޮޅުގެ އެކި ރަށްތަކުގައިވާ ވަގުތީ ހިޔާތަކުގައި ކަނދޮޅުދޫ މީހުން ހަތަރު އަހަރު ހޭދަކުރި އެވެ.
އެމީހުން އަލުން އާބާދުކުރަން ރ. ދުވާފަރު ތަރައްގީ ކުރަމުން އައި އިރު އެންމެން ވެސް ބެލީ ރެފިއުޖީ ދިރިއުޅުން ދެން މި ނިމެނީ ކަމަށެވެ. އެ އުއްމީދުގައި ތިއްބައި 2009 ގައި ދުވާފަރަށް ދިރިއުޅުން ބަދަލުކުރި އެވެ. އެކަމަކު އޭގެ ފަހުން 10 އަހަރު ވީ އިރު ވެސް އެރަށުގެ ރަށްވެހިކަން އެމީހުންނަށް ލިބޭ ގޮތެއް އަދިވެސް ނުވެ އެވެ.
"އަދިވެސް އަޅުގަނޑުމެންގެ ރަޖިސްޓްރީ މި އޮންނަނީ ކަނދޮޅުދޫގައި. އައިޑީ ކާޑުގައި އޮންނަނީ ކަނދޮޅުދޫ. އަލަށް އުފަންވާ ކުދިން ވެސް ރަޖިސްޓްރީ ކުރަނީ ކަނދޮޅޫދޫގައި،" ރ. އަތޮޅު ކައުންސިލްގައި ދުވާފަރު ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އަހުމަދު މުހައްމަދު ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުވާފަރުގައި އަދިވެސް ރަށްވެހި ނުވެވި ތިބުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ކަންބޮޑުން އެކި ފަހަރު މަތިން އެކި ސަރުކާރާ ހިއްސާކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރަށްވެހި ނުވެވި ގޭގެ ވެސް ރަޖިސްޓްރީ ނުވެ ހުރުމުން ލޯނު ނެގުމާއި އެނޫން ވެސް އެފަަދަ އެތައް ކަމަކަށް އިދާރީ ގޮތުން ހުރަސް އެޅޭ ކަމަށެވެ.
ސުނާމީގެ ސަބަބުން ރަށުން މީހުން ފޭބުމާ އެކު ކަނދޮޅުދޫ ފަޅުވެފައި
"އެހުރިހާ ކަމެއްގެ އިތުރުން އަޅުގަނޑުމެންނަށް މިރަށުގައި ހަމަޖެހިއްޖެ ކަމުގެ އިހުސާސް ވެސް ރަނގަޅަކަށް ނުކުރެވޭ އެކަން ބަދަލު ނުވާތީ. އަދިވެސް މި ކުރަން ޖެހެނީ ފަޅުރަށެއްގައި ތިބި ރެފިއުޖީންގެ ގޮތުގައި ތިބި އެހެން ރަށެއްގެ ބައެއްގެ އިހުސާސް،" އޭނާ ވިދާޅުވި އެވެ.
އަބުދުﷲ އަލީ ،34، ގެ ވެސް ހުރީ ރަށުގެ އެހެން މީހުންގެ ވެސް ޝަކުވާތަކެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރާ އެހެން ކަމެއް ވެސް އެބަ އޮތެވެ. އޭނާ ބުނީ ރައްޔިތުންގެ މަޖިލީހުގައި ވަކިން ދުވާފަރު ދާއިރާއެއް އޮތަސް އެ ދާއިރާއަށް މެމްބަރުން އިންތިހާބުކުރަނީ ކަނދޮޅުދޫ ރައްޔިތުން ވޯޓުލައިގެން ކަމަށެވެ. އެހެންކަމުން އޭނާގެ ނަޒަރުގައި އެއީ "ވަރަށް ހެއްވާ ކަމެކެ"ވެ.
"ކަނދޮޅުދޫ އެއީ ފަޅުރަށެއް. އެކަމަކު ކަނދޮޅުދޫ މީހުންގެ ނަމުގައި އަދިވެސް އަޅުގަނޑުމެން ވޯޓު ވެސް މިލަނީ،" އަބްދުﷲ ބުންޏެވެ.
ދުވާފަރުގައި ގާތްގަނޑަކަށް 5،000 މީހުންގެ އާބާދީއެއް އޮވެ އެވެ. ކުރިން ވެސް ތިމާވެށީގެ އެތައް މައްސަލައެއް ކުރިމަތިވި ކުޑަކުޑަ ކަނދޮޅުދޫގައި ދިރިއުޅުނު އިރު ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑުވި އެވެ. ރަށް އޮތީ ފުރިފަ އެވެ. ހިއްކޭނެ ފަޅެއް ނޯވެ އެވެ. ހަމަ އެގޮތަށް ދުވާފަރުގައި ވެސް، އަބްދުﷲ ދެކޭ ގޮތުގައި، ބޯހިޔާވަހިކަމުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ.
އަހުމަދު ވިދާޅުވީ ދެ އާއިލާ ނުވަތަ ތިން އާއިލާ އެކުގައި ދިރިއުޅެން ޖެހުމުން ދަތިވެގެން ބައެއް މީހުން އެހެން ތަންތަނުގައި އުޅެނީ ކުއްޔަށެވެ.
"މިއީ މި ރަށުގެ ބޯހިޔާވަހިކަމުގެ ދަތިކަން އޮތް މިންވަރު ރަނގަޅަށް ހާމަވާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އަބުދުﷲ ބުނީ މިވަރުގެ އާބާދީއެއް ދިރިއުޅޭ ރަށަކަށް މި މުއްދަތުގައި އަންނަން ޖެހޭ ވަރުގެ ތަރައްގީއެއް އައި ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ. އެގޮތުން ރަށުގެ މަގުތައް ރަނގަޅު ފެންވަރަކަށް ނުހެދި ވާއިރު، މިއަށް ވުރެ މަދު މީހުން ދިރިއުޅޭ ބައެއް ރަށްތަކުގެ މަގުތައް ވެސް ހަދާފައިވާ ކަމަށް އޭނާ ބުންޏެވެ.
ފާތުމަތު އިބްރާހީމް ،60، ބުނީ ދުވާފަރަށް ބަދަލުވުމުން ގިނަ ކަންތައްތަކެއް ބަދަލުވި ނަމަވެސް ކަނދޮޅުދޫގެ މަތިން އޭނާ ހަނދާނެއް ނުނެތެ އެވެ. އެހެންކަމުން އަދިވެސް އޭނާއަށް ދުވާފަރުން އުޅެނީ ކުރީގެ ހިތްހަމަޖެހުން ނުލިބި އެވެ.
"ކަނދޮޅުދޫ ނޫން ވީމާ ހަމަ ހިތްހަމަނުޖެހެނީ. އެއީ އުފަން ވަޒަން އެރަށް ދޫކޮށް ދާން ޖެހުމުގެ ހިތާމަ އަދިވެސް ކުރެވޭ،" ސުނާމީގެ ބިރުވެރިކަން ވަރަށް ގާތުން ތަޖުރިބާކުރި ފާތުމަތު ބުންޏެވެ.
ކަނދޮޅުދޫ ބައެއް މީހުން މިސްކިތުގައި: ސުނާމީގައި މުޅި ރަށް ފުނޑުވި --ފޮޓޯ: އަބުދުﷲ އަލީ
މީގެ 14 އަހަރު ކުރިން ސުނާމީ އެރި ދުވަހު ކަންތައްތައް ވީ ގޮތުގެ ހަނދާންތައް ކަނދޮޅުދޫ މީހުންގެ ހިތްތަކުގައި އަދިވެސް ހުރީ ތާޒާކޮށެވެ. އެވާހަކަތައް މިހާރުވެސް ކިޔައިދެނީ އިއްޔެވީ ކަމެއް ހެންނެވެ. ފާތުމަތު އިބްރާހީމް (ފާއްތަ) އެ ދުވަހު އުޅުނީ ޗުއްޓީއަށް ރަށުގައި ތިބި ދަރިން މާލެ ފޮނުވާލުމުގެ ދަތުރަށް ތައްޔާރުކުރާށެވެ.
"އެއީ ވަރަށް މޫސުން ރީތި ސާފު ދުވަހެއް. ފުރަތަމަ ރާޅާ އެކީގައި ގިނަ ގޭގޭގައި ފެން ބޮޑުވި، ދެވަނަ ރާޅު އެރީ ފެންބޮޑުގެން ތަކެތި ސަލާމަތް ކުރެވޭތޯ އުޅެއުޅެ ތިއްބާ،" ފާއްތަ ކިޔައިދިނެވެ.
އޭނާއަށް އެންމެ ހިތްދަތި ކަމަކަށް ވީ އެ ދުވަހުގެ ރާޅުން އޭނާގެ ބަފާބެ ސަލާމަތްކުރަން އުޅެ އެކަން ނުވެ އަތުން ދޫވުމެވެ. ފުރަތަމަ ރާޅާ އެކު ގޭގައި ފެން ބޮޑުވުމުން ފިރިމީހާގެ މުސްކުޅި ބައްޕަ ބުނި ކަމަށް ވަނީ "ދުނިޔެ ނިމެނީ" ކަމަށެވެ. އެހެންވެ ގަދަ ދެއްކީ ގެއިން ނުނިކުންނާށެވެ. ދެ ވަނަ ރާޅު އަރައި، ބަފާބެ ފާއްތަގެ އަތުން ދޫވީ އެ ހިސާބުންނެވެ.
"ދުރަށް ގެންދަން ވެގެން އަތުގައި ހިފައި ނަގަން އުޅެނިކޮށް ދެވަނަ ރާޅު އައީ. އެހާ ހިސާބުން އެކަކު ވީ ތަނެއް އަނެކަަށް ނުވެސް އެނގުނު،" ފާއްތަ ކިޔައިދިނެވެ.
އެ ދުވަހުގެ ހާދިސާގައި ކަނދޮޅުދޫން ތިން މީހުން މަރުވި އެވެ. މުޅި ރާއްޖެއިން މަރުވެ އަދި ގެއްލުނު މީހުންގެ އަދަދަކީ 82 އެވެ.
އަތޮޅު ކައުންސިލަރު އަހުމަދަކީ ކަނދޮޅުދުއަށް ރާޅު އަރައިގެން އައި މަންޒަރު ފެންނަ ހަމައެކަނި ވީޑިއޯ ނެންގެވި ބޭފުޅެވެ. ދުނިޔޭގެ ޓީވީތަކުން އެތައް ފަހަރަކު އެ ވީޑިއޯ ދައްކާފައިވެ އެވެ. ސުނާމީގައި ކަނދޮޅުދޫ ފެނު އަޑިއަށް ދިޔަ މަންޒަރު އެހާ ރީތިކޮށް ފެންނަ ވީޑިއޯއެއް، އަދި އެ ވީޑިއޯ ބޭނުންކޮށްގެން ނެގި ފޮޓޯ ނޫނީ، ނެތެވެ.
"ފުރަތަމަ އެރި ރާޅާ އެކީގައި ވެސް އެނގުނު އެއީ އާދައިގެ އުދައެއް ނޫންކަން. އެއީ އަޅުގަނޑުމެންގެ ގެ ހުންނަނީ ރަށުގެ މެދުގައި ކަމަށް ވެފައި އެގެއާ ހިސާބަށް ރާޅުގެ އަސަރު ކުރީމާ. ދެން އެހެންވެ ފޮޓޯ ނަގަން ނުކުތީ،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅި ގޮތުގައި ދެވަނަ ރާޅު ބިންދާލީ އޭނާ ބަލަން ހުއްޓަ އެވެ. ވީޑިއޯ ކުރަން ފެށީ އެހިސާބުންނެވެ. އޭރު އޭނާ ހުންނެވީ ރަށުގެ ސައި ހޮޓަލެއްގެ ބޭރު ގާގަނޑު މަތީގަ އެވެ.
ފާއްތަ ޔާއި އަހުމަދު ވެސް ވަނީ ސުނާމީގެ އެތައް އަހަރެއްގެ ފަހުން ކަނދޮޅުދުއަށް ގޮސް އެރަށް ދެކިފަ އެވެ. ރަށުގައި އޮތީ ވާހެދިފަ އެވެ. އެކަމަކު އަދިވެސް ދުވާފަރުގެ ރައްޔިތުންގެ ރަޖިސްޓްރީ އޮތީ އެ ފަޅުރަށުގަ އެވެ.
ސުނާމީއާ ގުޅިގެން ރާއްޖޭގައި ފާހަގަކުރާ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި ރަށަށް މިއަދު ވަޑައިގަންނަވާ އިރު، ރައްޔިތުންނަށް ދިމާވެފައިވާ އެ މައްސަލަތަކަށް ނިމުން ގެންނެވުމަކީ ރިޔާސީ ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދެކެވެ. އެހެންކަމުން ދުވާފަރު މީހުން އިންތިޒާރުކުރަނީ ރައީސްގެ ހައިސިއްޔަތުން މިރަށަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އެމަނިކުފާނު ވިދާޅުވާނެ އެއްޗަކަށެވެ.
ބޮޑު އުފަލެއް؛ ރަށްވެހިންނަށްވެ، ގެތައް ރަޖިސްޓްރީވަނީ!
ސުނާމީ އާއި އެއްބައިވަންތަކަން އަދި ދުވާފަރުގެ ޝުކުރު
އޮޔާދިޔަ އެޑްރެހާ އެކު ހައްގުތަކެއް ގެއްލި 20 އަހަރު
ތަފާތުކުރުން ގެންގުޅޭތީ ނަޝީދުގެ ނަސޭހަތް އަސްލަމަށް
އެ ދުވަސް: "މިތިބީ އެއްގަމުގައި ކަނޑުވެފައި"
ދެމަފިރިންގެ ފަހު ނޭވާ ގާތްގަނޑަކަށް އެކުއެކުގައި!
ރައީސް ދުވާފަރަށް ވަޑައިގެންފި
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
ރައީސް ޔާމީން ނ. އާއި ރ. އަތޮޅަށް
ތަރައްގީ ލަސްވެއްޖެ ނަމަ ރާއްޖެ ބާކީވާނެ: ރައީސް