ރ. ކަނދޮޅުދޫ، އޯޝަން ގޭގެ ދޮރު ލައްޕާލުމާ އެކު ހަދީޖާ މޫސާ ގެއިން ނުކުތީ އޭނާގެ ދަރިފުޅަކު ހިތުގެ މައްސަލައެއް ކުރިމަތިވެގެން އުޅޭތީ އޭނާ އަށް އެހީތެރިވާށެވެ. އެހެންނަމަވެސް އޭނާގެ އުމުރުން ފާއިތުވި 45 އަހަރުގެ ތެރޭގައި ހުވަފެނަކުން ވެސް ފެނިފައި ނުވާ ވަރުގެ ބިރުވެރި، ނުރައްކާތެރި، ހިތްދަތި ވަގުތުކޮޅާ ކުރިމަތިވީ ހަމަ ކުއްލިއަކަށެވެ. ގަޑިއަކީ ހެނދުނު 0920 އެވެ. ރަށުގެ ހަތަރު ފަރާތުން އަރައިގެން އައި ވަރުގަދަ ރާޅުގެ އޮއިވަރުގައި ހަޖީދާ އާއި އޭނާގެ ދަރިފުޅު ޖެހުނެވެ.
ރ. ކަނދޮޅުދޫ، އޯޝަން ގޭގެ ދޮރު ލައްޕާލުމާ އެކު ހަދީޖާ މޫސާ ގެއިން ނުކުތީ އޭނާގެ ދަރިފުޅަކު ހިތުގެ މައްސަލައެއް ކުރިމަތިވެގެން އުޅޭތީ އޭނާ އަށް އެހީތެރިވާށެވެ. އެހެންނަމަވެސް އޭނާގެ އުމުރުން ފާއިތުވި 45 އަހަރުގެ ތެރޭގައި ހުވަފެނަކުން ވެސް ފެނިފައި ނުވާ ވަރުގެ ބިރުވެރި، ނުރައްކާތެރި، ހިތްދަތި ވަގުތުކޮޅާ ކުރިމަތިވީ ހަމަ ކުއްލިއަކަށެވެ. ގަޑިއަކީ ހެނދުނު 0920 އެވެ. ރަށުގެ ހަތަރު ފަރާތުން އަރައިގެން އައި ވަރުގަދަ ރާޅުގެ އޮއިވަރުގައި ހަޖީދާ އާއި އޭނާގެ ދަރިފުޅު ޖެހުނެވެ.
ދޭތެރެ ދޭތެރެއިން އުދަ އަރައި ފެން ބޮޑުވުމުގެ ހިތްދަތި ތަޖުރިބާތައް ކުރަމުން ގެންދާ، 3،500 އަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކަނދޮޅުދުއަށް އިއްޔެ ބޮޑު ރާޅު އަރައި މުޅި ރަށް، މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވުމުގެ ސަބަބުން އެރަށުގެ މީހުން މިހާރު ވަނީ އަތޮޅުގެ އެކި ރަށަކަށް ގެންގޮސްފަ އެވެ. ކަނދޮޅުދޫ މީހުން ވަގުތީ ހިޔާވަހިކަން މިވަގުތު ހޯދަމުން އަންނަނީ އުނގޫފާރު، މަޑުއްވަރީ، ހުޅުދުއްފާރު، އިންނަމާދޫ، އަލިފުށި އަދި އަނގޮޅިތީމުގަ އެވެ. އެންމެ ގިނަ މީހުން ގެންގޮސްފައި ވަނީ އުނގޫފާރަށެވެ.
"މި ރަށުގައި އަލުން މީހުން ދިރިއުޅެން ފެށުމަށް ވުރެ، އަލުން އެހެން ރަށެއް އާބާދުކުރުން ވެސް މާ ހަރަދު ކުޑަވާނެ. މުޅި ރަށް އޮތީ ހަލާކުވެފައި. އިންސާނުން ދިރިނޫޅެވޭ ވަރަށް ރަށް ވަނީ ހަލާކުވެފައި،" އުދަ އެރުން ކޮންޓްރޯލް ކުރުމަށާއި ބިން ހިއްކުމަށް ފާއިތުވި ފަސް އަހަރެއްހާ ދުވަހު 35 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ރަށުގެ ކުޑަ ކަތީބު މުހައްމަދު އަލިފުޅު މިއަދު ވިދާޅުވި އެވެ.
ކަނދޮޅުދޫ އޭޝިޔާ މުހައްމަދު ހުސެއިން، 65، ގާތު އަނބުރާ ކަނދޮޅުދުއަށް ދާނަންތޯ ސުވާލުކުރުމުން ފުރަތަމަ ވެސް ފެށީ ރޯށެވެ. ރޮމުން އޭނާ ބުންޏެވެ:
"ދަތުރުވަރެއްގައި ވެސް ދެނެއް ކަނދޮޅުދުއަކަށް ނުދާނަން. މިވަރުން ފުދިއްޖެ. އަހަރެން އުމުރުގައި ވިޔަފާރިކޮށްގެން ހޯދި ހުރިހާ ފައިސާ އާއި އަށް ލައްކަ ރުފިޔާގެ ފިހާރަ ވީ ތަނެއް ވެސް ނޭނގޭ. އަލުން ބަލުން މި ޖެހުނީ ދިރިއުޅުން ބިނާކުރަން."
އިންޑޮނީޝިއާގެ ސުމަޓްރާއަށް އިއްޔެ ހެނދުނު ކުރިމަތިވި، ދުނިޔޭގެ ތާރީހުގައި ފާއިތުވި 40 އަހަރުގެ ތެރޭ އައި އެންމެ ވަރުގަދަ ބިން ހެލުމުގެ ސަބަބުން އުފެދުނު ބޮޑު ރާޅުގެ އަސަރު ރާއްޖެއަށް ކުރީ ވަރަށް ކުއްލި ގޮތަކަށެވެ. ވެރިރަށް މާލެ އާއި ރާއްޖޭގެ ގިނަ ރަށްތަކުގައި ފެން ބޮޑުކޮށްލަން ހޭދަވީ އެންމެ ފަސްވަރަކަށް މިނިޓެވެ. އެވަގުތުކޮޅުގެ ތެރޭގައި ކަނދޮޅުދޫގައި، އެކަކު ބުނި ގޮތުން ނަމަ، "ކަރުތާ ފެނަށް ފެން ހެދުނެ"ވެ.
"މި ރަށުގައި 10 ފޫޓަށް ފެން ބޮޑުވި،" ކަނދޮޅުދޫ އެހެން މީހަކު ބުންޏެވެ.
އިއްޔެގެ ހާދިސާގައި ކަނދޮޅުދުއަށް ލިބުނު ބޮޑު ގެއްލުން ސިފަކޮށްދެއްވަމުން ކުޑަ ކަތީބު ވިދާޅުވީ ރަށުގެ ބައެއް ހިސާބުތަކުން ވަނީ އަޑިން ފަސްގަނޑު ދަމައިގަތުމުގެ ސަބަބުން ގޭގެ އާއި މަގުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދިފައި ކަމަށެވެ.
"ވަރަށް ގިނަ ގެތައް ވަނީ ރާޅާ އެކު ވެއްޓިފައި. ނުވެއްޓި ހުރި ގެތައް ވެސް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި. ނަރުދަމާ ވެސް މައްސަލަ ޖެހިއްޖެ. ކަރަންޓް ދޭން ގެންގުޅޭ މުޅި ނިޒާމު ހަލާކުވެއްޖެ،" މުހައްމަދު އަލިފުޅު ވިދާޅުވި އެވެ.
ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން އިއްޔެ ރ. ހުޅުދުއްފާރަށް ގޮސް ހުރި ކަނދޮޅުދޫ މީހަކު، އުފަން ރަށަށް ބޮޑު ރާޅު އެރުން ސިފަކުރީ މިގޮތަށެވެ.؛ "ލައިގެން ހުރި އަންނައުނާއި އަހަރެމެންގެ ފުރާނަ ފިޔަވާ ސަލާމަތްވި އެއްވެސް އެއްޗެއް ނެތް. މުޅި ދިރިއުޅުން އޮޔާ ހިނގައްޖެ."
ކަނދޮޅުދުއަށް އިއްޔެ ހެނދުނު ދެ ފަހަރެއްގެ މަތިން ރާޅު އަރާފައިވެ އެވެ. ފުރަތަމަ ރާޅު އެރި ކަމަށް ވަނީ ހެނދުނު 0920 އަހާކަންހާއިރު އެވެ.
"އެ ރާޅު އެރުމުން މީހުންނަށް ލިބުނު ގެއްލުމަށް ސިއްހީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށް ދެ ވަނަ ރާޅު އަރައިގެން އައީ. އެފަހަރު އެއްވެސް ހިމާޔަތެއް ނެތް. މުޅި ރަށް ކަނޑަކަށް ހަދާލި،" ޖަމާއަތުގެ ސިއްހީ އެހީތެރިޔާ ހަސަން ޝިހާމް ވިދާޅުވި އެވެ.
ބައެއް މީހުން ސިފަކުރި ގޮތުގައި ކަނދޮޅުދޫގައި އިއްޔެ ފެން ބޮޑުވީ "ފުރިފައިވާ ފެން އެއްޗަކަށް ތައްޓެއް ގަންބާލުމުން ދެ ފަރާތަށް ފެންގަނޑު ފައިބައިގެން ދާ ގޮތަށެ"ވެ.
ބައެއް މީހުންގެ އިސްކޮޅަށް ވުރެ އުސްކޮށް ފެން ބޮޑުވުމުގެ ސަބަބުން އެރަށު މީހުން ފުރާނަ ސަލާމަތް ކުރުމަށްޓަކައި، ފެެންމަތީގައި ތިބުމަށް ބޭނުންކުރީ މަޅުގަނޑުގަނޑާއި ކުކިން އޮއިލް ހުސްކުރި ހަންހަން ފަދަ ތަކެއްޗެވެ. މިހާތަނަށް ސާފުވި މައުލޫމާތުތަކުން އެނގެނީ ކަނދޮޅުދޫން ތިން މީހުން މަރުވެފައިވާ ކަމެވެ.
އޯޝަން ގޭގެ ދޮރު ލައްޕާލާފައި އިއްޔެ ހެނދުނު އޭނާ ގެއިން ނުކުތް އިރު އެއީ ދާއިމަށްޓަކައި ލެއްޕުނު ދޮރެއްކަމުގެ ކުޑަ ހިލަމެއް ވެސް ހަދީޖާ މޫސާއަކަށް ނުވެ އެވެ. ހަގީގަތުގައި ވެސް، މުޅި ރާއްޖެ އެ ބިރުވެރި، ނުރައްކާތެރި އަނދަވަޅަކަށް ވެއްޓިގެން ދިޔައީ ހަމަ އެއްވެސް ހިލަމެއް ނުވެ، ހިނދުކޮޅެއްގެ ތެރޭގަ އެވެ. އެހެންވެ ދިވެހިން އަދިވެސް ތިބީ، ޑޮކްޓަރުން ސިފަކުރައްވާ ގޮތުގައި "ނަފުސާނީ މަޑުމޮޅިކަމެއްގެ ތެރޭގަ" އެވެ.
އެއް ޑޮކްޓަރަކު އެކަން ސިފަކުރެއްވި ގޮތަކީ މި އެވެ؛ "ހަށިގަނޑަށް ލިބޭ އަނިޔާތަކުގެ އަސަރު ވެސް ބޮޑަށް ކުރަން ފަށަނީ އައްސިކަން ކެނޑުނީމާ. މިހާރު ދިވެހިން މިތިބީ އެފަދަ ހާލަތެއްގައި. މަޑުމަޑުން އެމީހުންނަށް ނަފުސާނީ ގޮތުން ތަދުވާން ފަށާނެ."
އެތެރެހަށީގެ ތަޖުރިބާކާރު ޑޮކްޓަރު އަހުމަދު ރާޒީ ވިދާޅުވީ މިފަދަ ގުދުރަތީ ބޮޑެތި ހާދިސާތަކާ ގުޅިގެން ޕޯސްޓް ޝޮކް ސިންޑްރޯމް ކިޔާ ހާލަތަކަށް އިންސާނާ ވެއްޓޭނެ ކަމަށާއި ގިނަ މީހުންގެ ކިބައިން މިހާރު ވެސް ފެންނަނީ "ޝޮކް ސިންޑްރޯމްގެ އަސަރު" ކަމަށެވެ.
"އެ ހާލަތަށް ދިއުމުން ބައެއް މީހުން ބުއްދި ގޯސް ވެދާނެ. އެއްގޯސްވާނެ. މާޔޫސްވުމާއި ކަންބޮޑުވެ، ހާސްވެ، ފިކުރު ބޮޑުވާނެ. ރުޅި އަރައިގަންނަ ގޮތް ވެސް ދިމާވާނެ. އަދި މިވަގުތު އެންމެން އެ ތިބީ ރޮއިލާން ވެސް ނޭނގިފައި،" ޑރ. ރާޒީ ވިދާޅުވި އެވެ.
ނަފުސާނީ ތަޖުރިބާކާރުން ވިދާޅުވަނީ ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭގައި މީހުންގެ ސިކުނޑިތައް ހާދިސާ އަށް ހާނާލަން ޖެހޭނެ ކަމަށާއި އެހެން ނޫން ނަމަ ފަހުން ނުކުންނަ ނަތީޖާ ގޯސް ވެދާނެ ކަމަށެވެ.
ގއ. ދާންދޫ ކުޑަ ކަތީބު ވިދާޅުވީ "މިއީ ސިފަކޮށްދޭން ވެސް ނޭނގޭ ފަދަ ބިރުވެރިކަމެއް" ކަމަށެވެ.
"އަދިވެސް ރައްޔިތުން ތިބީ ހާދިސާ ހިނގި ގޮތުން ގަބޫލުކުރަން ވެސް ނޭނގޭ ފަދަ ބޮޑު ޝޮކެއްގައި،" އޭނާ ވިދާޅުވި އެވެ.
"މިވަގުތު ކައުންސެލިން ވަރަށް މުހިންމު. މީހުންގެ ދުލުން އެވާހަކަ ދައްކުވާ އެ މީހުންގެ ހިތުގެ އަޑީގައި ބޭރުނުވެ ހުރި އިހްސާސްތައް އޭގެ އަސަރާ އެކު ބޭރުކުރުވަންވީ. އެވަގުތު އެމީހުން ރޯނެ. ގިސްލާނެ، އެހެންނަމަވެސް މަޑުމަޑުން ހަމަޖެހުމަކަށް އަންނާނެ،" ތިނަދޫ ބޯޓު ބަންޑުން ޖަހާލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ކައުންސެލިންގެ ޚިދުމަތް ދިނުމުގައި ހަރަކާތްތެރިވެފައިވާ ތަޖުރިކާރު ކައުންސެލަރަކު ބުންޏެވެ.
ކ. ކާށިދޫ ޒުވާނެއް ކަމަށްވާ އަހުމަދު އަރީފު ބުނީ ކަރަންޓް ކަނޑައިގެން ގޮސް މުޅި ރަށް ރޭ ކަނުއަނދިކަމުގެ ތެރޭގައި އޮތް އިރު ވެސް ރައްޔިތުން ތިބީ ލޯމަރާލަން ވެސް ނުކެރިފައި ކަމަށެވެ.
"ޝަހާދަތް ދުލުން ނުކިޔާ ހަމަ އެކަކު ވެސް މިރަށުގައި ނެތް. ރޭގައި ވެސް އެއްވެސް މީހަކު ނުނިދާ. މުޅި ރަށުގައި ހިތާމައިގެ ހަމަހިމޭންކަމެއް މިއޮތީ. ރަށުގައި އެއްވެސް ދިރުމެއް ނެތް،" އަރީފު ކިޔައިދިނެވެ.
ދިވެހި ތާރީހުގައި މިހާތަނަށް ކުރިމަތިވި އެންމެ ބިރުވެރި އަދި ހިތްދަތި ހާދިސާގެ އަސަރު ނުކުރާ ހަމަ އެންމެ ދިވެއްސަކު ވެސް ނެތެވެ. ކަނދޮޅުދޫގެ އިތުރުން އެހެން ބައެއް ރަށުން ވެސް ވަނީ މީހުން ބަދަލުކޮށްފަ އެވެ. މިއީ ގައުމީ ބޮޑު ހިތާމައެކެވެ. ބިރުވެރިކަމެކެވެ.
އަހުމަދު އަބްދުﷲ (ކ) އާއި އިސްމާއިލް ރަޝީދު.
ލިއުންތެރިޔާ އަހުމަދު އަބްދުﷲގެ ނޫސްވެރިކަމުގެ ހަޔާތަށް ފަހު މިހާރު މަސައްކަތް ކުރައްވަނީ ވިޔަފާރީގެ ދާއިރާގަ އެވެ. އިސްމާއިލް ރަޝީދަކީ އަދުވެސް ނޫސްވެރިޔެކެވެ. ސީއެންއެމްއަކީ އޭނާގެ އަމިއްލަ މީޑިއާ އެވެ. އިސްމާއިލް ނޫސްވެރިކަމުގައި އުޅުއްވާތާ މިހާރު 25 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.
މި ރިޕޯޓަށް ވާހަކަ ދައްކަވާފައިވާ ޑރ. ރާޒީ ވަނީ އަވަހާރަވެފަ އެވެ.
މައްސަލަތައް ހައްލުކުރަން އެއްބައިވަންތަވާންޖެހޭ: ރައީސް
އެ ދުވަސް: ވީރާނާވެފައިވާ މަޑިފުށި
އެ ދުވަސް: ގައުމީ ހިދުމަތުގައި އަތުކުރި އޮޅާލައިގެން
އެ ދުވަސް: މާލެ ލޮނުގަނޑުގެ އަޑިއަށް
ސުނާމީގައި ބައިނަލްއަގުވާމީ/ދިވެހިި މޫނު
ބޮޑު އުފަލެއް؛ ރަށްވެހިންނަށްވެ، ގެތައް ރަޖިސްޓްރީވަނީ!
ދުވާފަރުގައި 10 އަހަރު، ރަށްވެހިކަން ކަނދޮޅުދޫގައި!
ސުނާމީ އާއި އެއްބައިވަންތަކަން އަދި ދުވާފަރުގެ ޝުކުރު
ސުނާމީގައި ގަންބާލި ދިރިއުޅުން މިހާރު މާ މަތީގައި
މީހުން ސަލާމަތްކޮށްފައި ބެލި އިރު އާއިލާ ގެއްލިއްޖެ