Roadha Mihaaru
ރައީސް ދުވާފަރަށް ވަޑައިގެންފި

ރައީސް ދުވާފަރަށް ވަޑައިގެންފި

26 ޑިސެމްބަރ 2018

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވަަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރ. ދުވާފަރަށް މިއަދު ހެނދުނު ވަޑައިގެންފި އެވެ.

މުހައްމަދު ނަސީމް ރ. ދުވާފަރުން މުހައްމަދު ނަސީމް

ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވަަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ރ. ދުވާފަރަށް މިއަދު ހެނދުނު ވަޑައިގެންފި އެވެ.

ރައީސްގެ އަރިހުގައި އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ދުވާފަރަށް ވަޑައިގެންނެވި އެވެ. ރައީސް އަށް މަރުހަބާ ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުންނެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ޑިސެމްބަރު މަހުގެ 26 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަން ފެށީ 2004 ވަނަ އަހަރު ރާއްޖެއަށާއި އިންޑިއާ ކަނޑުގެ އެހެން ބައެއް ގައުމުތަކަށް އެރި ވަރުގަދަ ސުނާމީގައި އެތައް ބަޔަކު ހާލުގައި ޖެހުނުއިރު ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ. ދުވާފަރަކީ އެ ސުނާމީގައި މުޅިން ވީރާނާވި ކަނދޮޅުދޫގެ ރައްޔިތުން އާބާދުކޮށްފައިވާ ރަށެެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ "މިހާރު" އަށް ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަސް ރަސްމީކޮށް މި ރަށުގައި ފާހަގަ ކުރަން ނިންމީ މިއީ ސުނާމީއާ ގުޅިގެން އަލަށް އާބާދުކުރި ހަމަ އެކަނި ރަށަށް ވާތީ ކަމަށެވެ.

ދުވާފަރުގައި މިއަަދު މެންދުރު ފަހު 1:30 ގައި ބާއްވާ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ބައިވެރިވަޑައިގަންނަވާނެ އެވެ. ރައީސްގެ މި ދަތުރުގައި ޅ. ކުޑަދޫ އައިލެންޑް ރިސޯޓް ހުޅުއްވައިދެއްވުމުގެ އިތުރުން ނ. ހެނބަދު އަށް ވަޑައިގެން އެ ރަށުގެ ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ފައްޓަވައި ދެއްވާނެ އެވެ.

އިންޑޮނީޝިއާގެ ސުމަޓްރާގެ ކައިރިން ބިމުގެ އަޑިއަށް ޑިސެމްބަރު 26، 2004 ގައި އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގައި ކަނދޮޅުދޫން ތިން މީހުން މަރުވި އެވެ. އެ ހާދިސާގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތައް ލިބި 82 މީހަކު މަރުވި އެވެ. ސުނާމީގައި އެކި ގައުމުތަކުން މަރުވި މީހުންގެ އަދަދު 230،000 އަށް ވުރެ ގިނަ އެވެ.