Roadha Mihaaru
ލަންކާ ސަރުކާރު ބަދަލެއް ނުކުރެވޭނެ: ސިރިސޭނާ

ސަރުކާރު ބަދަލުކުރުމުގެ އުއްމީދުގައި ތިބި މީހުންނަށް ކާމިޔާބެއް ނުވާނެ: ސިރިސޭނާ

20 އޯގަސްޓް 2016

ކޮލަމްބޯ (އޮގަސްޓް 20) - ސްރީ ލަންކާގައި މިހާރު އޮތް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ބަދަލު ކުރުމުގެ އުއްމީދުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (އޮގަސްޓް 20) - ސްރީ ލަންކާގައި މިހާރު އޮތް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ބަދަލު ކުރުމުގެ އުއްމީދުގައި މަސައްކަތް ކުރަމުންދާ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ލަންކާގެ އެއްބައިވަންތަކަމުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ސަނަތު ޖަޔަސޫރިއާ ސްޓޭޑިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިރިސޭނާ ވިދާޅުވީ ވައްކަމާއި ކޮރަޕްޝަނާއި ސަރުކާރުގެ ފައިސާ އިސްރާފުކުރި މީހުންނަށް ދެން ދުވަހަކު ވެސް ވެރިކަމާ ހަމައަށް ނާދެވޭނެ ކަމަށެވެ. ސިރިސޭނާ އިޝާރާތް ކުރައްވާފައި ވަނީ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ސަރުކާރަށެވެ.

ސިރިސޭނާ ވިދާޅުވީ ކުރީގެ ސަރުކާރުން ގައުމު ވައްޓާލާފައިވާ ނުވަ ޓްރިލިއަން ރުޕީސްގެ ދަރަނިން ގައުމު ސަލާމަތްވަންދެން ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހައާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ގައުމުގެ ޑިމޮކްރެސީ ހަލާކުކޮށްލާ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ކޮރަޕްޝަނާއި ފަސާދަ ހިންގާ އެތައް ބިލިއަނަކުން ޚިޔާނަތްތެރިވި މީހުންނަށް ސަރުކާރެއް އުފައްދަން ދެން ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.

ލަންކާގެ އެއްބައިވަންތަކަމުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވެރިން.

ލަންކާގެ އެއްބައިވަންތަކަމުގެ ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ވެރިން.

"މި ގައުމުގެ ޖިހާދީންނޭ ކިޔާ މީހުންނަށް ވުރެ އަޅުގަނޑާއި ބޮޑު ވަޒީރު ރަނިލް މި ގައުމު ދެކެ ލޯބިވޭ،" ސިރިސޭނާ ވިދާޅުވި އެވެ.

ސިރިސޭނާ ވިދާޅުވީ އދ.ގެ ހިއުމަން ރައިޓްސް ކައުންސިލުގެ ގަރާރާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުންދާ އިރު ސަރުކާރުގެ އެ ފިޔަވަޅުތަކާ ދެކޮޅަށް ބަޔަކު މީހުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އަދި ހަނގުރާމައިގެ ސަބަބުން ދުރުވެފައިވާ މީހުން އެއްބައިވަންތަ ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދަވާ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ލަންކާގެ އުތުރާއި ދެކުނުގެ މީހުން ހަތިޔާރު ނެގުމަށް ދެން ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ލަންކާގެ މިހާރުގެ ސަރުކާރު އޮތީ ސާފު ސިޔާސީ ދަތުރެއްގައި ކަމަށާއި މި ސަރުކާރުގައި ވެސް ގޯހުން ކަމެއް ކޮށްފި މީހެއްގެ މައްޗަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ ކުރީގެ ސަރުކާރުގެ ކޮރަޕްޝަނުގެ ސަގާފަތް ނައްތާލެއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ރަނިލް ވިދާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރުން މިހާތަނަށް ހޯދި ކާމިޔާބީތަކަކީ ހަމައެކަނި ފެށުމެއް ކަމަށާއި މި ސަރުކާރަށް ދެ އަހަރު ފުރޭއިރު އަދި މާގިނަ ކަންކަން ހާސިލް ކުރާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ބަދަލު ހިފުމަށް ގައުމުގައި މިހާރު ވަނީ ފުލް ސްޓޮޕް ޖަހާފައި ކަމަށާއި މިހާރު ކުރާހާ ވެސް މަސައްކަތަކީ ކުރިމަގަށް ގައުމު ބިނާ ކުރުން ކަމަށް ވިދާޅުވި އެވެ.