Roadha Mihaaru
ޖިނާއީ މައްސަލަތަކާ ބެހޭ އާ ސިޔާސަތު ކަނޑައަޅައިފި

ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތު 10 އަހަރު ފަހުން އަލުން ކަނޑައަޅައިފި

31 ޑިސެމްބަރ 2018

ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކަށް 10 އަހަރު ފަހުން، ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ސިޔާސަތުތައް ބަންޑާރަ ނައިބު އަލުން މިއަދު ކަނޑައަޅުއްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތުތަކަށް 10 އަހަރު ފަހުން، ބޮޑެތި ބަދަލުތަކެއް ގެނެސް، އެ ސިޔާސަތުތައް ބަންޑާރަ ނައިބު އަލުން މިއަދު ކަނޑައަޅުއްވައިފި އެވެ.

ގާނޫނުު އަސާސީ ބުނާގޮތުން ޖިނާއީ މައްސަލަތަކުގައި ދައުވާ ކުރުމަކީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަމަށް ވިޔަސް، އެފަދަ މައްސަލަތަކުގައި އަމަލުކުރާނެ މައިގަނޑު ސިޔާސަތު ކަނޑައެޅުމަކީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތެކެވެ. އެކަމާ ބެހޭ އާ ސިޔާސަތެއް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ކަނޑައެޅުއްވުމާ އެކު، 2008 އިން ފެށިގެން އަމަލު ކުރަމުން އައި ކުރީގެ ސިޔާސަތު އުވުނީ އެވެ.

އަލަށް ކަނޑައެޅި ސިޔާސަތުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ ދައުރު ކުރިއަށްވުރެ ފުޅާ ކުރުމުގެ އިތުރުން ކުރީގެ ސިޔާސަތުގައި ނުހިމެނޭ ވަރަށް ގިނަ ކަންކަން ހިމަނާފައިވެ އެވެ.

އެގޮތުން ސީރިއަސް ނޫން ކުށްތަކުގައި ސިއްރު ހެކި ބޭނުންކުރުން ހުއްޓާލުމާއި އެއް ކުށަކާ ގުޅޭ ދެ ގާނޫނެއް އޮންނަ ހާލަތުގައި، ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް ލުއި އިޖްރާއާތުތައް އޮންނަ ގާނޫނަކުން ދައުވާ ކުރުމާއި ކުށްކުރާ ފަހުން ގާނޫނަށް ބަދަލެއް އައިސް، ކުށުގެ އުންސުރުތައް ތަފާތުވާ ހާލަތުގައި ކުރީގެ ގާނޫނުގެ ދަށުން އެކަމަކަށް ދައުވާ ނުކުރުން އެ ސިޔާސަތުގައި ހިމަނާފައިވެ އެވެ.

މީގެ އިތުރުން މީހެއްގެ ހައްގަކަށް އުނިކަން އަންނަ ގޮތަކަށް ޖިނާއީ އިޖްރާއާތެއް ހިންގާފައިވާކަން އެނގިއްޖެ ނަމަ، ޕީޖީގެ އިސް ނެގުމުގައި އެކަމެއް ބެލުމާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ޖިނާއީ މައްސަލަތަކުގައި އަޅާ ފިޔަވަޅުތަކަކީ ގާނޫނުތަކާ ނުވަތަ މުއާހަދާތަކާއި ނުވަތަ އިންސާނީ ކަރާމާތާ އެއްގޮތަށް އަޅާ ފިޔަވަޅުތަކެއް ކަން ކަށަވަރުކުރުން ވެސް އެ ސިޔާސަތުގައި ހިމަނާފައިވެ އެވެ. އަދި އެއާ ޚިލާފަށް ފިޔަވަޅެއް އަޅާފައިވާ ނަމަ، އެކަމެއް ދައުލަތުން ދިފާއުކުރުމުގެ ބަދަލުގައި އެކަން ރަނގަޅު ކުރަން މަސައްކަތް ކުރަންޖެހޭ ގޮތަށް ވަނީ ހިމަނާފައިވެ އެވެ.

ދައުވާކުރުމާ މެދު ގޮތެއް ނިންމާއިރު، އެއް ހާލަތެއްގައި ތިބޭ މީހުންނާ މެދު އެއް އުސޫލަކުން އަދި އަދުލުވެރިކަމާ އެކު ފިޔަވަޅު އަޅަންޖެހޭ ގޮތަށް ޕީޖީގެ މަސައްކަތްތައް ބައްޓަން ކުރަންޖެހޭ ގޮތަށް އެ ސިޔާސަތުގައިވެ އެވެ. މީގެ އިތުރުން، އަލަށް ކުށްކުރާ މައްސަލަތަކުގައި މީހަކަށް ނުވަތަ މުދަލަށް ގެއްލުމެއް ނުލިބޭ ނަމަ، ދައުވާކުރުމުގެ ބަދަލުގައި އެހެން ފިޔަވަޅުތައް އެޅުމަށް އިސްކަންދިނުން ހިމެނެ އެވެ. އަދި އާންމު މަސްލަހަތަށް ފައިދާ ހުރި ގޮތަކީ ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުން ކަމަށްވާ ނަމަ، އެގޮތަށް އަމަލުކުރަން ވެސް ވަނީ ހިމަނައިފަ އެވެ.

އެ ސިޔާސަތުގައިވާ ގޮތުން ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ލިބޭނެ ގޮތަކަށް އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އިތުރަށް އަނިޔާ ނުލިބޭނެ ފަދަ ގޮތަކަށް ވެސް ޕީޖީގެ މަސައްކަތްތައް ބައްޓަން ކުރަންވާނެ އެވެ.

މީގެ އިތުރުން ކުށްކުރާ ކުޑަކުދިންގެ މައްސަލަތަކާ ގުޅިގެން ވެސް އަމަލު ކުރާނެ އުސޫލުތައް އެ ސިޔާސަތުގައިވެ އެވެ. އެގޮތުން، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމައަށް ގެނެވޭނެ ފަދަ ގޮތަކަށް އެ ކުދިންނާ މެދު ފިޔަވަޅު އެޅުމާއި ޖިނާއީ ދައުވާ ކުރުމުގެ ބަދަލުގައި، ވީވަރަކުން ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން އެފަދަ ކުދިންނާ މެދު ފިޔަވަޅު އަޅަން އިސްކަން ދިނުމަށް ވެސް އެ ސިޔާސަތުގައި ބާރު އަޅަ އެވެ.

އިތުރު ގޮތެއް ނެތިގެން ނޫނީ ކުޑަކުދިން ހައްޔަރު ނުކުރުމާއި އަދި ހައްޔަރު ކުރާނަމަ، އެ ކުދިން ބަންދުކުރަނީ އެކަމަށް ކޮންމެހެން ބޭނުންވާ އެންމެ ކުރު މުއްދަތަކަށްކަން ކަށަވަރުވާ ގޮތަށް، އެކަމާ ބެހޭ އުސޫލުތައް ކަނޑައެޅުމަށް ތަންފީޒީ އިދާރާތަކަށް ބާރު އެޅުން ވެސް ހިމެނެ އެވެ. އަދި ކުޑަކުއްޖާގެ މައިންބަފައިން ނުވަތަ އޭނާގެ މަސްލަހަތު ހިމެނޭ ފަރާތެއްގެ ހާޒިރުގައި ނޫނީ، ކުއްޖާއާ މުއާމަލާތް ނުކުރުމާއި ތަހުގީގުގެ އެއްވެސް މަރުހަލާއެއް ނުހިންގުން ވެސް އާ ސިޔާސަތުގައިވެ އެވެ.

އަދި ހައްދު ކަނޑައެޅިފައިވާ ކުށެއް ކުޑަކުއްޖަކު ކޮށްފި ނަމަ، ކަމާބެހޭ އިދާރާތައް ގުޅިގެން އެފަދަ ކޮންމެ މައްސަލައެއްގައި ހިމެނޭ ކޮންމެ ކުއްޖެއްގެ ހާލަތަށް ވަކިވަކިން ރިއާޔަތްކޮށް، މައްސަލަ ތަހުގީގުކުރުމާއި ދައުވާ ކުރުމާ މެދު ގޮތެއް ނިންމުން ވެސް ހިމަނާފައިވެ އެވެ.

މީހުން ހައްޔަރުކުރުމާއި ބަންދު ކުރުމާ ބެހޭގޮތުން ވެސް އެ ސިޔާސަތުގައި އާ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެގޮތުން ތަހުގީގު މަރުހަލާގައި މީހުން ހައްޔަރު ކުރުމާއި ބަންދު ކުރުމާއި މިނިވަންކަން ހިފަހައްޓާ ހާލަތްތައް މުރާޖާ ކުރަމުން ގެންދިއުމާއި އެ މަސައްކަތުގެ މައުލޫމާތު ހިމެނޭ ރިޕޯޓެއް ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެ އެވެ. އެ މަސައްކަތުގައި ޕީޖީ ބަލަންޖެހޭ މައިގަނޑު އަސާސަކީ ތަހުގީގުގެ ބޭނުމަށް ހައްޔަރު ނުވަތަ ބަންދުގައި ނުބެހެއްޓުމާއި އެކަށީގެންނުވާ ގޮތެއްގައި އަސާސީ ހައްގަކަށް އުނިކަން ލިބުނަ ނުދިނުމެވެ.

މީހުން ބަންދު ކުރަނީ ގާނޫނީ ގޮތުން އެކަމުގެ ހުއްދަ އޮންނަ މަރުކަޒުތަކުގައި އެކަނި ކަން ކަށަވަރު ކުރުމާއި އެފަދަ ތަންތަނުގައި ތިބޭއިރު ޓޯޗާގެ އަމަލުތައް ނުހިންގާ ކަން ކަށަވަރު ކުރުމަކީ ވެސް ޕީޖީގެ ޒިންމާ އެކެވެ. އަދި އެފަދަ ކަމެއް ހިނގައިފި ނަމަ، އަވަހަށް ފިޔަވަޅު އެޅުމުގެ އިތުރުން އެފަދަ ފިޔަވަޅުތަކާ ގުޅޭގޮތުން ކޮންމެ އަހަރަކު ދެ ފަހަރު މަޖިލީހަށް ރިޕޯޓެއް ފޮނުވަންޖެހެ އެވެ.

ޖިނާއީ ތަހުގީގުތައް ހިންގަނީ ގާނޫނާ އެއްގޮތަށްތޯ ބެލުމާއި އެކަންކަމުގައި އެކަށީގެންނުވާ ގޮތެއްގައި މީހެއްގެ ހައްގަކަށް އުނިކަން އަންނަ ކަމެއް ނުހިނގާ ކަން ކަށަވަރު ކުރުމާއި އެކަމާ ބެހޭ ރިޕޯޓެއް ވެސް ކޮންމެ އަހަރަކު ދެ ފަހަރު މަޖިލީހަށް ޕީޖީ ފޮނުވަންޖެހޭނެ އެވެ. އަދި ޖިނާއީ މައްސަލައެއް މުއައްސަސާއަކުން ނުބަލައިފި ނަމަ، އެކަން ތަހުގީގު ކުރަން އެ މުއައްސަސާއަކަށް ޕީޖީ އެންގުމާއި އެކަމާ ބެހޭ ރިޕޯޓެއް ވެސް އަހަރަކު ދެ ފަހަރު މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށް އާ ސިޔާސަތުގައިވެ އެވެ.

އެ ސިޔާސަތުގައިވާ ގޮތުން ދައުލަތުން ޖިނާއީ މައްސަލައެއްގެ ނިންމުން އިސްތިއުނާފް ކުރަން ވާނީ އެ މައްސަލައެއްގައި ގާނޫނު ނުވަތަ ގާނޫނީ އުސޫލެއް މާނަ ކުރުމުގައި އުފެދޭ ޚިލާފަކާ ގުޅިގެން ނުވަތަ ހެކިބަސް ވަޒަން ކުރުމުގައި އުފެދޭ ޚިލާފަކާ ގުޅިގެން އެކަންޏެވެ. އަދި އަދަބާ ބެހޭގޮތުން ޕީޖީގެ ފަރާތުން ވާހަކަ ދެއްކުމުގައި ގާނޫނުލް އުގޫބާތުގެ މަގްސަދުތައް ހާސިލްވާނެ ގޮތަކަށް އަދި އަދުލުވެރި، އިހްސާންތެރި އަދަބަކާ ބެހޭގޮތުން ޕީޖީގެ ހުށަހެޅުންތައް ބިނާ ކުރުން ވެސް އެ ސިޔާސަތުގައި ހިމަނާފައިވެ އެވެ.