Roadha Mihaaru
ބީޗްގެ މަސައްކަތް ނުކުރަނީ ޑިޒައިނާމެދު ގޮތެއްނުނިމޭތީ

ބީޗްގެ މަސައްކަތް ނުކުރަނީ ޑިޒައިނާމެދު ގޮތެއް ނުނިމޭތީ: އެމްޓީސީސީ

06 ޖެނުއަރީ 2019

ޒަމާނީ ފެންވަރަށް އާޓިފިޝަލް ބީޗް ތަރައްގީކުރަން 13 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ދީފައިވާ ޕްރޮޖެކްޓް ކުރިއަށް ނުދަނީ އެ ކުންފުނިން ހުށަހެޅި ޑިޒައިން ކުރީގެ ސަރުކާރަށް ކަމުނުދާތީ އަލުން ޑިޒައިންކުރަން ޖެހި އަދި އާ ސަރުކާރުން އެ ޕްރޮޖެކްޓް ރިވައިޒްކުރާތީ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ޒަމާނީ ފެންވަރަށް އާޓިފިޝަލް ބީޗް ތަރައްގީކުރަން 13 މިލިއަން ރުފިޔާއަށް އެމްޓީސީސީއަށް ދީފައިވާ ޕްރޮޖެކްޓް ކުރިއަށް ނުދަނީ އެ ކުންފުނިން ހުށަހެޅި ޑިޒައިން ކުރީގެ ސަރުކާރަށް ކަމުނުދާތީ އަލުން ޑިޒައިންކުރަން ޖެހި އަދި އާ ސަރުކާރުން އެ ޕްރޮޖެކްޓް ރިވައިޒްކުރާތީ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

އެ ޕްރޮޖެކްޓް މިދިޔަ އަހަރުގެ މޭ މަހު އެމްޓީސީސީއާ ހަވާލުކުރީ ފަސް މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އާޓިފިޝަލް ބީޗްގައި ހަދާފައިހުރި ސްޓޭޖް ތަޅާލައި އެ ސަރަހައްދުގައި ހިންގަމުން ދިޔަ ދެ ކެފޭތައް ބަންދުކުރި ނަމަވެސް މިހާތަނަށް ޕްރޮޖެކްޓްގެ މަސައްކަތެއް ނުފަށަ އެވެ.

އެ ސަރަހައްދު މިހާރު އޮތީ ހަތަރު ފުރޮޅީ އުޅަނދުތައް ޕާކް ކޮށް ފުރާލައިފަ އެވެ.

އާޓިފިޝަލް ބީޗް ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި. އެތަނުގެ ހިތްފަސޭހަކަން ވަނީ ގެއްލިފައި: ފޮޓޯ: ނިޝާން އަލީ/މިހާރު

އާޓިފިޝަލް ބީޗް ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި. އެތަނުގެ ހިތްފަސޭހަކަން ވަނީ ގެއްލިފައި: ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްޓީސީސީގެ ޖެނެރަލް މެނޭޖަރު މުހައްމަދު ހުޝާމް ވިދާޅުވީ ބީޗް ތަރައްގީކުރަން ޑިޒައިންކޮށް ކުރީގެ ހައުސިން މިނިސްޓްރީއަށް ހުށަހެޅުމުން އެ ޑިޒައިން ބަދަލުކުރަން އޭރު އެންގި ކަމަށެވެ. އާ ސަރުކާރާއެކު އެ ޕްރޮޖެކްޓް ޕްލޭނިން މިނިސްޓްރީއަށް ވަނީ ބަދަލުކޮށްފަ އެވެ. އެ މިނިސްޓްރީން އަންނަނީ ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތައް ރިވައިޒް ކުރަމުންނެވެ.

ހުޝާމް ވިދާޅުވީ އެ ޕްރޮޖެކްޓް ރިވައިޒްކޮށް އެންގުމުން އެ ކުންފުނިން މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ދީފައިވާ ފަސް މަހުގެ މުއްދަތު ގުނަން ފެށޭނީ ކޮންސެޕްޓް ފައިނަލްވުމުން. އެހެންވީމަ އަދި ޕްރޮޖެކްޓް މުއްދަތު ގުނަން ނުފެށޭނެ. ޕްލޭނިން އިން [ކުރިއަށް ދާން] އެންގުމުން އަޅުގަނޑުމެން ޕްރޮޖެކްޓް ފަށާނަން،" ހުޝާމް ވިދާޅުވި އެވެ.

މާފަންނުގައި ހަދާފައިވާ ރަސްފަންނު ގޮތަށް ހެންވޭރު ބީޗް ތަރައްގީކުރަން ހަވާލުކުރީ ކުޑަ ޖަހައި ހޮޅުއައްޓާއި އުނދޯލި ވެސް ބަހައްޓާ ގޮތަށެވެ. މޫދަށް އެރޭ ސަރަހައްދު ކޮނެ، އިތުރަށް ބޮޑުކުރާނެ ކަމަށް އޭރު ހައުސިން މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން އައުޓްޑޯ ޖިމަކާއި ކެފޭ އާއި އޯޕަން ޝަވާ ވެސް ބަހައްޓާނެ ކަމަށް ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓާ ގުޅޭގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް ނުލިބުނެވެ.