Roadha Mihaaru
ބާސެލޯނާ ލީޑުފުޅާކުރިއިރު، މެޑްރިޑް ފަހަތަށް

ބާސެލޯނާ ލީޑުފުޅާކުރިއިރު، މެޑްރިޑް ފަހަތަށް

07 ޖެނުއަރީ 2019

މެޑްރިޑް (ޖެނުއަރީ 7) – ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރުވުމުގެ ފައިދާ ނަގައި ބާސެލޯނާ އިން މޮޅުވެ ތާވަލުގެ އެއް ވަނައިގައި ލީޑުފުޅާކުރިއިރު ރެއާލް މެޑްރިޑް ކުޅުނު މެޗުން ބަލިވެ އަނެއްކާ ވެސް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ޖެނުއަރީ 7) – ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗު އެއްވަރުވުމުގެ ފައިދާ ނަގައި ބާސެލޯނާ އިން މޮޅުވެ ތާވަލުގެ އެއް ވަނައިގައި ލީޑުފުޅާކުރިއިރު ރެއާލް މެޑްރިޑް ކުޅުނު މެޗުން ބަލިވެ އަނެއްކާ ވެސް ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ގެޓަފޭ އަތުން ރަށުން ބޭރުގައި 2-1 އިން ބޮޅުވެ ބާސެލޯނާ އެއް ވަނައިގައި އޮތީ 40 ޕޮއިންޓާ އެކު އަދި ފަސް ޕޮއިންޓުގެ ލީޑެއްގަ އެވެ. ރޭ ސެވިއްޔާއާ 1-1 އިން އެއްވަރުވި އެތުލެޓިކޯ ދެ ވަނައިގައި އޮތީ 35 ޕޮއިންޓާ އެކު އެވެ. ސެވިއްޔާ 33 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު، ކުރިން ހަތަރު ވަނައިގައި 30 ޕޮއިންޓާ އެކު ރެއާލް މެޑްރިޑް ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ. އަދި ރޭ ވެލެންސިއާ އަތުން 2-1 އިން މޮޅުވެ ޑިޕޯޓިވޯ އަލަވެސް ވަނީ 31 ޕޮއިންޓާ އެކު ހަތަރު ވަނަ އަށް ޖެހިލައިފަ އެވެ.

ރޭގެ މެޗާ އެކު މެޑްރިޑަށް މޮޅުނުވެވި ޖެހިޖެހިގެން ދެ މެޗު ދިޔައީ އެވެ. އާ ކޯޗު ސަންޓިއާގޯ ސޮލާރީއާ އެކު ނަތީޖާތައް ރަނގަޅަށް ގޮސްގޮސް އޮއްވައި އަނެއްކާ ވެސް މަޑުޖެހިލުމެއް މިވަނީ އައިސްފަ އެވެ. މެޑްރިޑުގެ ދަނޑުގައި ކުޅުނު މި މެޗުގެ ތިން ވަނަ މިނެޓުގައި ޕެނަލްޓީއަކުން ވިލިއަން ހޯސޭ ލަނޑު ޖަހައި ސޮސިއެޑާޑަށް ކުރި ހޯދައިދިނެވެ. މެޑްރިޑަށް އެނބުރި އަންނަން ކުރި މަސައްކަތަށް ހުރަސް އެޅުނީ 61 ވަނަ މިނެޓުގައި ލޫކަސް ވަސްކުއޭޒަށް ރަތްކާޑު ދެއްކުމުންނެވެ. އަދި 83 ވަނަ މިނެޓުގައި ރުބެން ޕަރްޑޯ ވަނީ ސޮސިއެޑާޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ. މިއީ ސޮސިއެޑާޑުން މެޑްރިޑުގެ ދަނޑުގައި 15 އަހަރު ތެރޭ މޮޅެއް ހޯދި ފުރަތަމަ ފަހަރެވެ.

ރަށުން ބޭރުގައި ބާސެލޯނާ ކުޅުނު މެޗުގައި ގެޓަފޭ ކޮޅަށް އެ ޓީމުގެ ގޯލްތައް ޖަހައިދިނީ ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒެވެ. ގެޓަފޭގެ ޔައިމޭ މަޓާ ތަފާތު ކުޑަކުރި ނަމަވެސް ބާސެލޯނާ އިން ވަނީ ނަތީޖާ ދަމަހައްޓައިފަ އެވެ.