Roadha Mihaaru
މުއާޒަށް މަންފާތަކެއް ލިބުނު ކަމަށް ޔާމީންގެ ތުހުމަތު!

ތަރުޖަމާން މުއާޒް ވެސް ބަދަލުވީ މަންފާތަކެއް ލިބިގެން ކަމަށް ޔާމީންގެ ތުހުމަތެއް!

09 ޖެނުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސެޕްޓެމްބަރު، 28، 2015 ގައި ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލުމަކީ ޑްރާމާއެއްގެ ގޮތުގައި ސިފަކުރައްވައި އެމަނިކުފާނުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ތުހުމަތުތައް ޔާމީން ރޭ ދޮގު ކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ސެޕްޓެމްބަރު، 28، 2015 ގައި ދަތުރުފުޅު ކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލުމަކީ ޑްރާމާއެއްގެ ގޮތުގައި ސިފަކުރައްވައި އެމަނިކުފާނުގެ ކުރީގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ތުހުމަތުތައް ޔާމީން ރޭ ދޮގު ކުރައްވައިފި އެވެ.

އޭގެ ތިން އަހަރު ފަހުން ކުއްލި ގޮތަކަށް، އެ ހާދިސާ އޮޅުވާލައްވަން މުއާޒް މަސައްކަތް ކުރެއްވީ މަންފާތަކެއް ލިބިގެން ކަމަށް ޔާމީން ތުހުމަތު ކުރެއްވި އެވެ. އެމަނިކުފާނު އަވަހަރާކޮށްލަން ބަޔަކު ހިންގި އެ ޖަރީމާއާ ގުޅޭ ގޮތުން މުއާޒް ދައްކާ ވާހަކަތައް ގަބޫލުކުރުމުގެ ބަދަލުގައި، ނޫސްވެރިން ވެސް ސުވާލުކުރަންވީ ލިބުނު މަންފާތަކަކާ ގުޅޭ ގޮތުން ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ދިފާއު ކުރެއްވުމުގައި އުޅުއްވި މުއާޒް އެމަނިކުފާނާ ދެކޮޅަށް ނުކުންނަވައި ވިދާޅުވެފައިވާ ގޮތުގައި ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގައި އަލިފާނުގެ "ކަންޏެއް" ވެސް ފެނިވަޑައިގެންފައި ނުވާ ކަމަށެވެ. އެއާއެކު، އެ ހާދިސާގެ ކުރިން، ޔާމީން އުޅުއްވި ގޮތުން ޝައްކު އުފެދޭ ކަންކަން ކުރެއްވި ކަމަށް މުއާޒް ވިދާޅުވި އެވެ. އޭގެތެރޭގައި، އާއްމު އުސޫލުން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލު ނުކުރައްވައި ފާލަމުގައި ވާހަކަފުޅު ދައްކަވަން ނިންމެވުމާއި ލޯންޗުކޮޅުގައި އާއްމުކޮށް އިށީނދެވަޑައިގަންނަވާ ގޮނޑިކޮޅު ނޫން ތަނެއްގައި އިށީންނެވުމުން ހިމެނޭ ކަމަށް މުއާޒް ވިދާޅުވި އެވެ.

"އޭނަ މިއަދު އެ ވާހަކަ ދައްކަން ޖެހުނީ ކީއްވެތޯ؟ މިއޮއްހާ ދުވަހު އެ ވާހަކަ ނުދެއްކީ ކީއްވެތޯ؟ އެހެންވީމަ އޭގައި ކޮން ކަހަލަ މަންފާތަކެއްތޯ އޭނަ އަށް ލިބިގެން އަންނަނީ ނޫނިއްޔާ ކޮން ކަހަލަ ކަމެއް ވެގެންތޯ އެ ސުވާލު ތިޔަބޭފުޅުން [ނޫސްވެރިން] އުފައްދަން ޖެހެނީ،" ޔާމީން ވިދާޅުވި އެވެ.

ލޯންޗު ގޮއްވާލުމަކީ ޔާމީނަށް އެނގިވަޑައިގެން ހިނގި ކަމެއް ކަމަށް މުއާޒް ކުރެއްވި ތުހުމަތާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރީ އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އާއި ޚިޔާނާތުގެ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ތަފްސީލް ދެއްވަން ނޫސްވެރިންނާ ރޭ ބައްދަލު ކުރެއްވުމުންނެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލުމާ ގުޅޭ ސުވާލު ނޫސްވެރިޔާ ކުރުމުން، ޖަވާބުގައި ޔާމީން އެއްސެވީ އަމިއްލަފުޅު އާއިލާ މެމްބަރުން ތިއްބެވި ލޯންޗުކޮޅު ގޮއްވާލައި އަނިޔާދޭން އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަފާނެތޯ އެވެ.

"އަޅުގަނޑު ލޯންޗުގައި އިނދެ، އަނބިދަރިންނާ އެކު ލޯންޗު ގޮއްވާލަން އަޅުގަނޑުތޯ މަސައްކަތް ކުރާނީ،" ޔާމީން އެއްސެވި އެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ޔާމީން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފުލުސް އޮފީހުން ނުކުމެވަޑައިގެން ޔާމީން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެ ހާދިސާ އަކީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ތަހުގީގުކޮށް ހޯދުންތައް ހޯދާފައިވާ މައްސަލައެއް ކަމަށް ވިދާޅުވި އެވެ. އެހެންކަމުން، އިތުބާރު އޮންނާނީ އެ ހާދިސާއާ ގުޅޭ ގޮތުން މުއާޒް ދައްކާ ވާހަކައިގައިތޯ ނުވަތަ ތަހުގީގީ އިދާރާތަކުގެ ބަހުގައިތޯ ޔާމީން ސުވާލު ކުރެއްވި އެވެ.

"އެއީ ރިޔާސީ ކޮމިޝަން، ފުލުހުންނާއި ސިފައިން ތިބެގެން ތަހުގީގު ނިންމާފައި އޮތް މައްސަލައެއް. ތަހުގީގީ އިދާރާއަކުން ކުރީމަ އެއަށްތޯ ބުރަވާނީ ނުވަތަ ވަކި ފަރުދަކު ދައްކާ ވާހަކައަށްތޯ. އޭނަ [މުއާޒް]ގެ ކޮން ހައިސިއްޔަތެއް، ކޮން ފެންވަރެއްތޯ ހުރީ ތަހުގީގެއް ކުރަން،" ޔާމީން ވިދާޅުވި އެވެ.

ފިނިފެންމާ ލޯންޗު ގޮއްވާލި ބޮޑު އަލިފާންގަނޑެއް ފެންނަ ވީޑިއޯ އަކީ އެޑިޓްކޮށްފައިވާ ވީޑިއޯއެއް ކަމަށް މުއާޒް ވަނީ ވިދާޅުވެފަ އެވެ. އެކަން ސާފުކުރަން، ވީޑިއޯ އެޑިޓް ކުރަން މޮޅު މީހުންނާ ސުވާލުކޮށްގެން ހަގީގަތް ހޯދަން ޔާމީން އެދިވަޑައިގަތެވެ.

އެކި މީހުންގެ ކެމެރާ އިން ވީޑިއޯ ކުރެވޭނީ އެކި ފެންވަރުގައި ކަމަށް ވިދާޅުވެ މުއާޒްގެ ވާހަކަތައް ގަބޫލުކުރާތީ ހައިރާންވެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ. މުއާޒްގެ ވާހަކަ އެކަނި ގަބޫލުކުރާ ނަމަ ތަހުގީގީ އިދާރާތަކުގެ ބޭނުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެކި މީހުންގެ ވިސްނުމަށް އެކި ވަގުތުތަކުގައި ބަދަލު އަންނާނެ އެވެ. އެ ހާދިސާ ހިނގި ކަމަށް ތަހުގީގަށް އިއުތިރާފްވެފައި ތިބި މީހުން މާދަމާ ވާހަކަ އެހެން ގޮތަކަށް ބަދަލުކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެހެންވިޔަސް ލޯންޗު ގޮއްވާލުމަކީ ބޮޑު ޖަރީމާއެއް ކަމަށާއި އެކަން ތަހުގީގުކޮށް ބައިވެރިންނަށް އަދަބު ވެސް ދެމުން އަންނަ ކަމަށް ޔާމީން ވިދާޅުވި އެވެ. ލޯންޗު ގޮއްވާލީ ތަހުގީގުން ނިންމާފައިވާ ގޮތުގައި، އޭރު ޔާމީނާ ގާތް ގުޅުމެއް އޮތް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބެވެ.