Roadha Mihaaru
އުސްގެކޮޅުގައި ކެފޭ ހެދުމުގެ އެއްބަސްވުން ބާތިލްކުރަނީ

އުސްގެކޮޅުގައި ކެފޭ ހެދުމުގެ އެއްބަސްވުން ބާތިލްކުރަނީ

10 ޖެނުއަރީ 2019

ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ކެފޭއެއް ހަދަން 13 އަހަރަށް، އަމިއްލަ ކުންފުންޏަކަށް ދިނުމަށް ކުރީގެ ސަރުކާރުން ހަދާފައިިވާ އެއްބަސްވުން ބާތިލްކުރަން ހައުސިން މިނިސްޓްރީން ނިންމައި އެޓާނީޖެނެރަލް އޮފީހަށް މިދިޔަ ހަފުތާގައި ފޮނުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ކެފޭއެއް ހަދަން 13 އަހަރަށް، އަމިއްލަ ކުންފުންޏަކަށް ދިނުމަށް ކުރީގެ ސަރުކާރުން ހަދާފައިިވާ އެއްބަސްވުން ބާތިލްކުރަން ހައުސިން މިނިސްޓްރީން ނިންމައި އެޓާނީޖެނެރަލް އޮފީހަށް މިދިޔަ ހަފުތާގައި ފޮނުވައިފި އެވެ.

ރަސްކަލުން ބޭނުން ކުރެއްވި، ތިން ބުރީގެ އުސްގެކޮޅުގައި ކެފޭއެއް ހަދަން މިދިޔަ އަހަރުގެ އޭޕްރީމް މަހު އޭރުގެ ހައުސިން މިނިސްޓްރީން ދީފައިވަނީ ބްލޫބޭ ރެސްޓޯރެންޓް ހިންގި ކުންފުންޏަކަށެވެ. އުސްގެކޮޅު އެ ކުންފުންޏަށް ކުއްޔަށް ދީފައިވަނީ ޑިޖިޓަލް ލައިބްރަރީއަކާއެކު ކެފޭއެއް ހިންގުމަށެވެ. އެ ކުންފުންޏަށް އެތަން ދީފައިވަނީ އާޓިފިޝަލް ބީޗްގައި ބްލޫބޭ ރެސްޓޯރެންޓް ހިންގި ބިން ހުސްކުރަން އަންގައި އޭގެ ބަދަލުގަ އެވެ.

"މިހާރު" އަށް އެނގިފައިވާގޮތުގައި މިސަރުކާރުން ނިންމާފައިވަނީ ތާރީހީ ތަރިކައެއްގެ ގޮތުގައި އުސްގެކޮޅު ހިމާޔަތްކުރާށެވެ. އެހެންކަމުން ކެފޭ ހިންގުމަށް ހެދި އެއްބަސްވުން ބާތިލްކުރަން ނިންމައި އެކަމާ ގުޅުން ހުރި ގާނޫނީ ކަންކަން ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހަށް މިދިޔަ ހަފުތާގައި ވަނީ ފޮނުވައިފަ އެވެ.

ރަސްކަލުން ބޭނުން ކުރެއްވި އުސްގެކޮޅުގެ އެތެރެ-- ފޮޓޯ: މިހާރު

ރަސްކަލުން ބޭނުން ކުރެއްވި އުސްގެކޮޅުގެ އެތެރެ-- ފޮޓޯ: މިހާރު

ބްލޫބޭގެ މެނޭޖިން ޑިރެކްޓަރު، އަލީ ރަޝީދު ވިދާޅުވީ އުސްގެކޮޅުގައި ކެފޭއެއް ހަދަން ދިންތާ ގިނަ ދުވަސްތަކެއް ވެފައި ވިޔަސް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ. އެއީ ތާރީހީ ތަނަކަށްވާއިރު އެތަނުގައި ކެފޭއެއް ހިންގުމަށްވުރެ އެކުންފުނިން އެދެނީ އެހެން ބިމެއް ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ނުފަށާ މަޑުކޮށްލައިގެން މި ތިބީ ވެސް އެތަނުގައި އެކަން ކުރަން ބޭނުންނުވާތީ. އެ އިމާރާތާ ކުޅޭކަށް ބޭނުމެއް ނޫން. އެހެން ބިމެއް ދިނުން އަޅުގަނޑުމެން ވެސް އެދެނީ،" އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ވެރިކަން ބަދަލުވިއިރު އެތަން ތަރައްގީ ކުރުމުގެ ޑިޒައިންތައް ވެސް ފައިނަލް ކޮށްފައިނުވާ ކަމަށެވެ. އަދި އާ ސަރުކާރާއެކު އެ ޕްރޮޖެކްޓްގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އިއްޔެ ވިދާޅުވިގޮތުގައި އުސްގެކޮޅު ހުރި ސަރަހައްދުން އެހެން ތަނަކަށް ބަދަލުކުރުމުގެ ވިސްނުން ވެސް ކުރީގެ ސަރުކާރުން ގެންގުޅުނެވެ.

ކަޅުވަކަރު މިސްކިތް ނެގުން ފަދަ އެތައް ކަމެއް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކޮށްފައިވާއިރު ތާރީހީ ތަރިކަތަކަށް އެ ސަރުކާރުން އިހުމާލުވެފައިވާ ކަމުގެ ފާޑުކިޔުންތައް ބޮޑެވެ.

އުސްގެކޮޅަކީ 1903 ވަނަ އަހަރު ރާއްޖޭގެ ރަސްކަން ކުރެއްވި އަލްސުލްތާނު މުހައްމަދު އިމާދުއްދީން ހަވަނަ މިސްރުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުންނަށް ހެއްދެވި ތަނެކެވެ. ނަމަވެސް ގިނަ ދުވަސްނުވެ އެ ރަސްކަން ނިމުމަކަށް އައީ އެވެ. ފަހުން އެ ގެކޮޅު ބޭނުންކުރީ ރަސްކަލުންގެ އެކިއެކި ބޭނުންތަކަށެވެ. އެންމެ ފަހުން އެތަނުގައި ހިންގީ ގައުމީ ދާރުލްއާސާރެވެ.