Roadha Mihaaru
ކަޅުވަކަރު މިސްކިތް މާލޭގައި ބަހައްޓަން ބޭނުން

ގިނަ މީހުން ބޭނުންވަނީ ކަޅުވަކަރު މިސްކިތް މާލޭގައި ބަހައްޓަން

20 ޑިސެމްބަރ 2018

ކަޅުވަކަރު މިސްކިތް ބަހައްޓަން ބޭނުން ވަނީ މާލޭގައި ކަމަށް، އެ މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް ރޭ ބޭއްވި ފޯރަމްގައި ގިނަ ބަޔަކު ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކަޅުވަކަރު މިސްކިތް ބަހައްޓަން ބޭނުން ވަނީ މާލޭގައި ކަމަށް، އެ މިސްކިތް ބަހައްޓާނެ ތަނެއް ކަނޑައެޅުމަށް ރޭ ބޭއްވި ފޯރަމްގައި ގިނަ ބަޔަކު ބުނެފި އެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން އެ މިސްކިތް އަލުން ބަހައްޓާނެ ތަނަކާ މެދު ރޭ ވަނީ އާންމުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވައިފަ އެވެ. ރަސްރަނި ބަގީޗާގައި ބޭއްވި މި ފޯރަމަށް ދިޔަ ގިނަ މީހުންގެ ހިޔާލު ހުރީ، މި މިސްކިތަކީ މާލޭގެ އާސާރީ ތަރިކައަކަށް ވާތީ، އެ މިސްކިތް އަލުން މާލޭގައި ރޭވުމަށެވެ.

އެ މިސްކިތަކީ ދިވެހި ތާރީހަށާއި، ސަގާފަތަށް ވަރަށް މުހިއްމު އާސަރީ ތަރިކައެއްކަން މި ފޯރަމް ފަށަމުން ހެރިޓޭޖް ޑިޕާޓްމަންޓުން ފާހަގަ ކުރި އެވެ. އަދި އެ މިސްކިތް ބިނާކޮށްފައިވާ ގޮތާއި، އެ މިސްކިތް އަލުން ރޭވުމުގައި ސަމާލުކަން ބަހައްޓަންވީ ކަންތައް ވެސް ފާހަގަ ކުރި އެވެ.

ކަޅުވަކަރު މިސްކިތަކީ ހިރިގާ ވަޑާމާއި ކަޅުވަކަރު ބޭނުން ކޮށްގެން 1789 ވަނަ އަހަރު ހެދި މިސްކިތެކެވެ. އެ މިސްކިތް އެންމެ ފުރަތަމަ ބިނާ ކުރީ ޗާންދަނީ މަގުގައި ނަމަވެސް ފަހުން ގަލޮޅު ދަނޑު ކައިރީގައި މިހާރު ހުންނަ ދެ ބުރި މިސްކިތް ހުރި ތަނަށް ވެސް ބަދަލުކުރި އެވެ. އޭގެ ފަހުން ރިސޯޓަކަށް ގެންދިޔަ އެވެ. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެ ރިސޯޓުން މިސްކިތް ދިނުމުން ގެނެސް ރޭވީ ސަލްޓަން ޕާކް، މިހާރުގެ ރަސްރަނި ބަގީޗާގެ އިރުދެކުނު ކަންމަތީގަ އެވެ.

ރަސްރަނި ބަގީޗާ ތަރައްގީކޮށް އެތަނުގައި ވިންޓަ ޕާކެއް ހަދަން "ގުރުބާންކުރީ" ތާރީޚީ އެ މިސްކިތެވެ. އެގޮތުން 2016 ގައި މިސްކިތް ރޫޅާލި ގޮތަށް އެއްޗެހިތައް ހުރީ ދާރުލްއާސާރު ތެރޭގައި ބަހައްޓައިފަ އެވެ.

ކަޅުވަކަރު މިސްކިތް ރޭވުމަށް އާންމުންގެ ހިޔާލު ހޯދަން ބޭއްވި ފޯރަމްގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން، (ކަނާތުން ވާތަށް) ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު އަދި މާލެ ސިޓީ ޑެޕިއުޓީ މޭޔަރު ޝުމާއު ޝަރީފް. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ކަޅުވަކަރު މިސްކިތް ރޭވުމަށް އާންމުންގެ ހިޔާލު ހޯދަން ބޭއްވި ފޯރަމްގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން، (ކަނާތުން ވާތަށް) ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގް، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން، މާލެ ސިޓީ މޭޔަރު ޝިފާ މުހައްމަދު އަދި މާލެ ސިޓީ ޑެޕިއުޓީ މޭޔަރު ޝުމާއު ޝަރީފް. -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

އެ މިސްކިތް އަލުން ރާވާނެ ތަނަކާ މެދު އާންމުންގެ ހިޔާލަށް ހުޅުވާލުމުގެ ކުރިން ރޭ ހެރިޓޭޖް މިނިސްޓްރީން ހަ ކަމެއް ފާހަގަކުރި އެވެ؛ އެއީ އެ މިސްކިތް އަލުން ބަހައްޓާ ތަނަކީ ރައްކާތެރިކޮށް ބެލެހެއްޓޭނެ ތަނަކަށް ވުމުގެ މުހިއްމުކަމާއި، ބަންދުކުރެވިފައިވާ ތަނަކަށްވުމުގެ މުހިއްމުކަމާއި ދިވެހިންނަށާއި ޓޫރިސްޓުންނަށް ފަސޭހައިން ޒިޔާރަތްކުރެވޭނެ ތަނަކަށްވުމުގެ މުހިއްމުކަމާއި ތާރީހު ދިރާސާކުރާ މީހުންނަށް ޒިޔާރާތް ކުރެވޭނެ ތަނަކަށް ވުމުގެ އިތުރުން ނަމާދު ވެސް ކުރެވޭނެ މިސްކިތެއްގެ ގޮތުގައި ބެހެއްޓުމުގެ މުހިއްމު ކަމެވެ.

މީގެ އިތުރުން ހިރަފުހާއި، ދުއްވާ އެއްޗެހިން ބޭރުވާ ދުމުން އެ މިސްކިތަށް ގެއްލުންވާނެ ކަން ވެސް އެ މިނިސްޓްރީން ފާހަގަކުރި އެވެ.

އެ މިސްކިތް މާލޭގައި ރާވަން ގިނަ މީހުން ހުށައެޅިޔަސް، މާލެއަކީ ދުއްވާ އެއްޗެހި ގިނަ ތަނެއްކަން ފާހަގަކޮށް ހުޅުމާލޭގައި ރާވަން ބައެއް މީހުން ހުށަހެޅި އެވެ. އެ މީހުން ހުށަހެޅީ ހުޅުމާލެއާ ގުޅިފައިވާ ފަރުކޮޅުފުށީގައި ހެރިޓޭޖް ސައިޓް ހަދަން ނިންމާފައިވާ ތަނުގައި އެ މިސްކިތް ބަހައްޓައި، އެތަން ވަށައިގެން ރަށްފުށް އޮންނަ ގޮތަށް ބޮޑު ސަރަހައްދެއް ތަރައްގީކުރުމަށެވެ.

އެ މިސްކިތް އަލުން ރާވާއިރު އެއީ ރަނގަޅަށް ހިމާޔަތްކޮށްފައިވާ ތަނަކަށް ހެދުމަށް މި ފޯރަމްގައި ބައިވެރިވި ގިނަ މީހުން އެދުނެވެ. އަދި އެ ތަން ރަނގަޅަށް ބަލަހައްޓާނެ ބަޔަކާއި އެ ތަނާ ގުޅޭ މައުލޫމާތު ފަސޭހައިން ލިބޭނެ ގޮތަށް ހަދަން ވެސް ބައެއް މީހުން އެދުނެވެ.

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނެ ތަނަކާއި މެދު އާންމުގެ ހިޔާލު ހޯދަން ރޭ ބޭއްވި ފޯރަމްގައި ބައިވެރިވި މީހުން -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ކަޅުވަކަރު މިސްކިތް އަލުން ބަހައްޓާނެ ތަނަކާއި މެދު އާންމުގެ ހިޔާލު ހޯދަން ރޭ ބޭއްވި ފޯރަމްގައި ބައިވެރިވި މީހުން -- ފޮޓޯ: އަހްމަދު ނިޝާތު/މިހާރު

ދިވެހި ބަހާއި ތާރީހު ދިރާސާ ކުރައްވާ ބޭފުޅުން ވެސް މި ފޯރަމްގައި ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ މަރުކަޒުގެ ކުރީގެ ރައީސް އައްބާސް އިބްރާހިމާއި ގައުމީ އަރުޝީފްގެ ޑިރެކްޓަ ޖެނެރަލް އަދި ތާރީހީ އިލްމުވެރިޔާ މުހައްމަދު ޝާތިރު ހިމެނެ އެވެ.

އެ ފޯރަމްގައި ބައިވެރި މީހުންނަށް ޝުކުރު އަދާކުރައްވައި، އެ މީހުން ހުށަހެޅި ހިޔާލުތައް ރަނގަޅަށް އަޑުއަހާނެ ކަމަށް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވި އެވެ.

"މިއަދުގެ ސަރުކާރުން ވަރަށް ބޮޑު އަހައްމިޔަތުކަމެއް ދެއްވާ ރައްޔިތުންގެ ބައިވެރިވުމާއި، ރައްޔިތުންގެ ހިޔާލާ އެކީ ކަންކަން ނިންމަން،" ޔުމްނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެ މިސްކިތް އަލުން ރާވާނެ ތަނެއް ނިންމާ އިރު ސަމާލުކަން ބަލަހައްޓަން ޖެހޭ ތަފާތު ކަންކަން ހުރި ކަމަށެވެ. އަދި އެއީ އެންމެންގެ ތަރިކައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެެވެ.

"ކަޅުވަކަރު މިސްކިިތަކީ އަޅުގަނޑުމެން އެންމެންގެ ގައުމީ ތަރިކައެއް. އެހެންވީމަ މިކަން ނިންމާ އިރު އަޅުގަނޑު ހަމަ ބޭނުންވީ ރައްޔިތުންގެ ހިޔާލާ އެކީ މިކަން ނިންމަން،" ޔުމްނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން ސަރުކާރުން އޭނާ އިސްތިއުފާ ދެއްވީ ވެސް ކަޅުވަކަރު މިސްކިތް ނަގަން އުޅުމުންނެވެ. އަދި އާ ސަރުކާރުގެ ހެރިޓޭޖް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ފެއްޓެވީ ވެސް އެ މިސްކިތް ސަލާމަތްކުރެއްވުމުގެ މަސައްކަތެވެ.