Roadha Mihaaru
ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟

ތައުލީމީ އާ ބަދަލު: ރަނގަޅުތަ؟

08 މާޗް 2021

ސްކޫލުގެ ޒަމާންވީ ބޮޑު ބަންދަށް ބަދަލު ގެނެސް، ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރުމުގެ ވާހަކަތައް ދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. ނޮވެމްބަރު/ޑިސެމްބަރު މަހަކީ ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްވަރަށް ވާތީ ބައެއް އާއިލާތަކަށް ޗުއްޓީގެ ބޭނުން ރަނގަޅަށް ނުހިފޭ ކަމުގެ ޝަކުވާތަކަށް އެތައް އަހަރެއް ވެއްޖެ އެވެ. ކޮވިޑު-19 ގެ ބޯ ވިލާގަނޑު ލައްވައިލީ ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން ދަނިކޮށެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްކޫލުގެ ޒަމާންވީ ބޮޑު ބަންދަށް ބަދަލު ގެނެސް، ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރުމުގެ ވާހަކަތައް ދެކެވޭތާ އަހަރުތަކެއް ވެއްޖެ އެވެ. ނޮވެމްބަރު/ޑިސެމްބަރު މަހަކީ ޓޫރިޒަމްގެ އެންމެ ބާރު ބޮޑު ދުވަސްވަރަށް ވާތީ ބައެއް އާއިލާތަކަށް ޗުއްޓީގެ ބޭނުން ރަނގަޅަށް ނުހިފޭ ކަމުގެ ޝަކުވާތަކަށް އެތައް އަހަރެއް ވެއްޖެ އެވެ. ކޮވިޑު-19 ގެ ބޯ ވިލާގަނޑު ލައްވައިލީ ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރުމުގެ މަޝްވަރާތައް ކުރަމުން ދަނިކޮށެވެ.

މުޅި ދުނިޔެ އަށް ވެސް ކުރިމަތިވި ބޮޑު ބަލިމަޑުކަމުގައި ރާއްޖޭގެ އެކަޑެމިކް ކަލަންޑަރަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން މަޖުބޫރުވި އެވެ. އެ ކަންކަމުގެ ނަތީޖާއަކީ މި ހިނގާ ދިރާސީ އަހަރަށް ހަ މަސް އިތުރުކޮށް އާ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓް މަހަށް ބަދަލުކުރުމެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އިއްޔެ ވަނީ އެ ނިންމުން ދާއިމީ ކުރިކަން އިއުލާނުކުރައްވައިފަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ޖެނުއަރީގެ ބަދަލުގައި އޮގަސްޓް މަހުގެ ތެރޭގައި ދިރާސީ އަހަރު ފެށުމުން ދަރިވަރުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އަދި އެއީ ތަރައްގީވެފައިވާ ބައެއް ގައުމުތަކުގައި ވެސް ދިރާސީ އަހަރު ފަށާ މަސް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ދިރާސީ އަހަރު ބަދަލުކުރުމުން ތައުލީމީ ދާއިރާ އަށް ގެއްލުމެއް ލިބިދާނެތޯ އަދި ކިޔެވުން ދެން ކުރިއަށްގެންދާނީ ކިހިނެއްތޯ އެވެ؟

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު ވިދާޅުވީ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާ ދުވަސްވަރު ބަދަލުކުރުމަށް ވަރަށް ގިނަ ފަރާތްތަކަކާ އެކު ވަރަށް ގިނައިން އެޑިއުކޭޝަނުން ބައްދަލުކުރި ކަމަށެވެ. އޭގައި ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން އަދި ތައުލީމީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅުންނާއި ޓޫރިޒަމް އިންޑަސްޓްރީ އަދި ކުޅިވަރުގައި އުޅޭ މީހުން ހިމެނެ އެވެ.

ނިއު ނޯމަލްގައި، ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

ނިއު ނޯމަލްގައި، ހިރިޔާ ސްކޫލުގެ ދަރިވަރުންތަކެއް ކިޔަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މުޖާހިދު ވިދާޅުވީ އެކި ފަރާތްތަކާ މަޝްވަރާކޮށް ސާވޭ ހެދުމަށް ފަހު ނިންމީ ވީހާ ވެސް ގިނަ ބަޔަކަށް ފަސޭހަ އަދި ރަނގަޅުވާނެ ގޮތަކަށް އެކަޑެމިކް ކަލަންޑަރު ބަދަލުކުރާށެވެ. އަދި މެޓް އޮފީހާ އެކު ފާއިތުވި ފަސް އަހަރުގެ މޫސުން ދިރާސާކުރި ކަމަށް އޭނާ ވިދާޅުވި އެވެ. މާޒީން ދައްކައިދިނީ ޖޫން/ޖުލައި މަހަކީ ރާއްޖެ އަށް ވިއްސާރަ ދުވަސްވަރެއް ކަމެވެ. ނަމަވެސް މޫސުން ދިރާސާކުރިއިރު އެހެން ބުނެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކި ފަރާތްތަކުން އެދެމުން ދިޔައީ އެކަޑެމިކް ކަލަންޑަރު ބަދަލުކުރުމަށް. ވަކިން ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ފަރާތްތަކުން. އޭރުގައި ގެސްޓް ހައުސް އެސޯސިއޭޝަނުން ބޭއްވި ސިމްޕޯޒިއަމްގައި ވެސް އެ ވާހަކަ ފާހަގަކޮށްފައި އަދި އެހެނިހެން ޕްލެޓު ފޯމުތަކުގައި ވެސް އެ ކަން ފާހަގަކޮށްފައި އޮތީ. އޭގެ މަޝްވަރާތަކެއް ކުރެވެމުން ދަނިކޮށް ކޮވިޑު-19 އައީ. ކޮވިޑު-19 އައުމާ އެކީގައި މާޗު 15 ގައި އޭރު އެކަޑެމިކް އިޔާ އެކްސްޓެންޑްކުރަން ޖެހުނީ. އެކްސްޓެންޑްކޮށްފައި، މި ދަނޑިވަޅަކީ އޭރު އެ ކުރެވުނު މަސައްކަތާއި އެ ހުރިހާ ކަމަކުން މިކަން ކުރަން އެންމެ ރަނގަޅު ދަނޑިވަޅުތަކަށް ފެންނާތީ އެ މަޝްވަރާތަކަށް ފަހު އެކަން ނިންމީ،" މުޖާހިދު ވިދާޅުވި އެވެ.

ސްކޫލު ޗުއްޓީ އަށް 2019 ވަނަ އަހަރު ބަދަލުކޮށް ގެނެސް، މިދިޔަ އަހަރު ތަންފީޒުކުރަން ފެށީ ވެސް އޭގެ ތެރެއިންނެވެ.

މުޖާހިދު ވިދާޅުވީ މި ބަދަލާ އެކު އެންމެންނަށް ވެސް ފައިދާކުރާނެ ކަމަށެވެ. އޭގެ މިސާލެއްގެ ގޮތުން ނެންގެވީ އޯ ލެވެލް އިމްތިހާނު ނިންމައި އޭ ލެވެލް ފެށުމާ ދޭތެރޭގައި ހޭދަވާ މުއްދަތު ކުރުވުމުން ދަރިވަރުން ލިބޭ ފައިދާތަކެވެ.

ގްރޭޑު 10 ނިންމުމަށްފަހު އޭ ލެވެލް ފެށުމާ ހަމައަށް މީގެ އަހަރުތަކެއް ކުރިން ހަ މަސް ދުވަސް ހޭދަވި އެވެ. އެ މުއްދަތު ކުރުކުރަމުން މިހާރު ދެ ތިން މަހުގެ ތެރޭގައި އޭ ލެވެލް ފަށަ އެވެ. އެކަމަކު، މި ބަދަލާއެކު އޯ ލެވެލް މެއި/ޖޫންގައި ނިންމާފައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރު ނަތީޖާ ލިބެ އެވެ. އެހެންވެ، މި އަހަރުގެ އޮގަސްޓް 10 ގައި ކިޔެވުން ފަށާއިރު އެ ހުރިހާ ދަރިވަރުންނަށް ވެސް އޭ ލެވެލް ފެށިގެންދާނެ އެވެ. މިއީ އެހެން ގްރޭޑުތަކުގެ ދަރިވަރުންނާ އެކު ގްރޭޑު 11 އަދި 12 ގެ ދަރިވަރުން ކިޔަވަން ފަށާނެ ފުރަތަމަ އަހަރެވެ.

"އޭރު އޯ ލެވެލް އެގްޒާމް ނިންމާފައި އެ ކުދިންގެ އޭ ލެވެލް ފަށާނީީ އަނެއް އަހަރުގެ ޖޫން މަހު. ގާތްގަނޑަކަށް ހަ މަސް އެ ވަނީ އޯ ލެވެލް ނިންމާފައި އޭ ލެވެލް ފެށުމާ ދޭތެރޭގައި. ކޮންޓިނިއުސްކޮށް އޭތި ދާ ކަމުގައި ވަންޏާ އޭގެ ފައިދާތަކެއް ކުރާނެ. ކިޔެވުމާ ތަންކޮޅެއް ދުރުވެ، ކިޔެވި އެއްޗެހި ހަނދާން ނެތުމުގެ ފުރުސަތު ލިބޭނެ... ކުދިންނަށް ސްކޫލެއްގައި ރަޖިސްޓްރީ ނުވެ އެހެން ގާތްގަނޑަކަށް ހަ މަސް ދުވަސް އެ ވަނީ،" މުޖާހިދު ވިދާޅުވި އެވެ.

ދިރާސީ އާ އަހަރުގެ ބޮޑު ބަދަލާ ގުޅޭ މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ (މ) އަދި ޑެޕިއުޓީ މިނިސްޓަރު މުޖާހިދު (ވ) އަދި އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ދިރާސީ އާ އަހަރުގެ ބޮޑު ބަދަލާ ގުޅޭ މައުލޫމާތު ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އައިޝަތު އަލީ (މ) އަދި ޑެޕިއުޓީ މިނިސްޓަރު މުޖާހިދު (ވ) އަދި އިހުސާން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތަފާތު އެކި ހަރަކާތްތަކަށް އެހެން ގައުމުތަކަށް ދާ ކުދިންނަށް، އެ ގައުމުތަކާ އެއް ދުވަސްވަރެއްގައި އެކަޑެމިކް އަހަރު ފެށުމުގެ ފައިދާ ބޮޑުވާނެ ކަމަށް ވިދާޅުވި އެވެ.

އެކަޑެމިކް އަހަރު ފަށާ ދުވަސްވަރު ބަދަލުކުރުން ފިޔަވައި އިތުރު ބަދަލެއް ނާންނާނެ އެވެ. މިހާރު ވެސް ހަމަޖައްސާފައިވާ ގޮތަށް ސްކޫލުތަކުގައި ކިޔަވައިދޭނީ ދެ ޓާމެވެ.

ގެއްލުމެއް ނެތް ނިންމުމެއް؟

ތައުލީމީ ދާއިރާގެ 25 އަހަރަށްވުރެ ގިނަ އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ ދިރާސީ އާ އަހަރުގެ ފަށާ ދުވަސްވަރު ބަދަލުކުރުމުން ލިބޭނެ ގެއްލުމެއް ނެތް ކަމަށެވެ. ކުރިމަތިވެފައިވާ ހާލަތަށް ބަލާއިރު، އެއީ އެޑިއުކޭޝަނުން ނިންމި ރަނގަޅު ނިންމުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ކޮވިޑް-19 އާއެކު އެކަޑެމިކް ކަލަންޑަރަށް ގެންނަން ޖެހުނު ބޮޑު ބަދަލާއެކު މި އަހަރުގެ ކިޔެވުން ފެށުން އޮގަސްޓް މަހަށް ބަދަލުކުރަން ޖެހުނެވެ. މިހާރު ހަމަޖައްސާފައިވާ ގޮތުން މި އަހަރުގެ ދިރާސީ އާ އަހަރު ފަށާނީ އޮގަސްޓް 10 ގަ އެވެ.

އޭނާ ވިދާޅުވީ، މި އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން އޮގަސްޓް މަހު ފެށުމަށްފަހު އަނެއްކާ ކިޔެވުން ޖެނުއަރީ އަށް ބަދަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ގޮތަށް ހެދުމުން ދަރިވަރުންގެ ހަޔާތުން އިތުރު އަހަރެއް ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭގައި މާ ބޮޑަކަށް އޯ ލެވެލް އޭ ލެވެލް ހަދާ ކުދިންނަކަށް ގެއްލުމެއް ނެތް ކަންނޭނގެ. އެކަމަކު މިހާރު އެ ތިބި ކުދިންނަށް، އެ ކުދިންނަށް މިސްވާ މިސްވުން އޮންނާނެ، ހަ މަސް ދުވަހުގެ ގެއްލުމެއް އެ ކުދިންނަށް ވާނެ،" މާލެ ސަރަހައްދުގެ ސްކޫލުގެ އިސް އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އޯ ލެވެލް ނިންމައި އޭ ލެވެލް ފެށުމާ ދޭތެރޭގައި ގިނަ ދުވަސް ވުމަކީ އެއް ގޮތަކުން ބަލާނަމަ ކުދިންނަށް އޮތް ގެއްލުމެކެވެ. ކިޔެވުން މަތިން ފޫހިވެ އިތުރަށް ކުރިއަށް ދިއުމުގެ ވިސްނުން ބަދަލުވެ އެވެ.

"މި އަހަރު އޮގަސްޓް މަހު ކިޔެވުން ފަށައި އަންނަ އަހަރުގެ ކިޔެވުން ޖެނުއަރީގައި ފެށުމަކީ ވަރަށް ބޮޑަށް ލޮސްއަކަށް ވެގެންދާނީ އެހެން ހެދި ނަމަ. ދެން މިހާރު އެންމެ ރަނގަޅީ އެކަން ދާއިމީކުރުން. ވަގުތީގޮތުން މި ކަހަލަ ކަންތަކާ ކުޅޭކަށް ނުވާނެ. އެކަޑެމިކް އިޔާއާ ވަގުތީގޮތުން ކުޅުމަކީ އެއީ ދުނިޔޭގެ އެއްވެސް ތާކު އޮންނާނެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ވަރަށް ތަފާތު ތަނެއް. މިސާލަކަށް ސަރުކާރު ބަދަލުވީމަ ދެން އަންނަ ބަޔަކު މި ޗޭންޖު ވެސް ކޮށްފާނެ. މި ކަހަލަ ވަރަށް ގިނަ ގޭމްސް ރާއްޖޭގައި އޮންނާނެ. މި ފަހަރު މިހެން ހަދާފައި އަންނަ އަހަރު އެހެން ހެދީމަ އޭގެ މާނައަކީ މުޅި ސިސްޓަމް އެއްކޮށް އޮޅުންބޮޅުން ވާނީ. އޭގެ ވަރަށް ބޮޑު ލޮސްއެއް ދައްކާނެ."

ދިރާސީ އަހަރަށް ބަދަލު ގެނައުމާ ގުޅޭގޮތުން ޕްރިންސިޕަލުންނާ އެކު ގިނަ ދުވަސްތަކެއް ވަންދެން ވަރަށް ގިނަ މަޝްވާރަތައް ކުރި އެވެ. އެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލަކު ވިދާޅުވީ، ދިރާސީ އަހަރާ ގުޅޭގޮތުން ވަކި ގޮތެއް ނިންމައި އެކަން ދާއިމީކުރަން އެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވި ޕްރިންސިޕަލުން އެދިވަޑައިގެންނެވި ކަމަށެވެ.

ދަރިވަރުންތަކެއް ސްކޫލުގެ ގޯތިތެރޭގައި ކިޔަވަނީ. މި އަހަރުން ފެށިގެން ސްކޫލު ބޮޑު ޗުއްޓީ ލިބޭނީ ޖޫން/ޖުލައިގައި.

ދަރިވަރުންތަކެއް ސްކޫލުގެ ގޯތިތެރޭގައި ކިޔަވަނީ. މި އަހަރުން ފެށިގެން ސްކޫލު ބޮޑު ޗުއްޓީ ލިބޭނީ ޖޫން/ޖުލައިގައި.

ތަފްސީލުތައް ހާމަކުރުން މުހިއްމު

ތައުލީމީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ އެހެން ބޭފުޅަކު ވިދާޅުވީ ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ދެއްކި ސަބަބުތައް މާ ރަނގަޅު ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

"މިސާލަކަށް، ކުދިންނަށް މައިންބަފައިންނާ އެކީގައި ވަގުތު ހޭދަކުރަން ލިބެއޭ. ވިދާޅުވާން ބޭނުންވަނީ ހަމައެކަނި ޓޫރިޒަމް އިންޑަސްޓްރީ ކަމަށްވަންޏާ އެ ވާހަކަ ރަނގަޅު. އެކަމަކު ކުރީގައި ވެސް ލިބޭ ޗުއްޓީގައި ބެލެނިވެރިންނާ އެކީގައި ވަގުތު ހޭދަކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. ވަކި ދުވަސްވަރެއްގައި ޗުއްޓީ އޮވެގެން ނޫން ވަގުތު ހޭދަކުރެވެނީ،" ނަން ނުޖަހަން އެދިވަޑައިގެން އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރީ މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް މިނިސްޓްރީން ބުނާއިރު އެއީ ކޮން ބައެއްކަމެއް ނޭނގެ އެވެ. އޭގެ އިތުރުން، ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ފުރި ފޯމުތަކުގެ ނަތީޖާ ވެސް ނޭނގޭ ކަމަށް ވިދާޅުވި އެވެ.

"ސާވޭއެއް ކޮށްފިއްޔާ އޭގެ ނަތީޖާ އެ މީހުންނަށް އެނގުމަކީ މުހިއްމު ކަމެއް ކިހިނެއްކަން މީހުން ދެކެނީ އޭގައި. ދިރާސާއެއް ކުރެއްވި ވާހަކަ ވެސް އެބައޮތް. ތިއީ އިލްމީ ދިރާސާއެކޭ ވިދާޅުވެއްޖިއްޔާ އަޅުގަނޑަށް ގަބޫލުކުރެވެނީ މީހުންނަށް އޭތި ފެންނަން އޮތުން ވަރަށް މުހިއްމު ކަންނޭނގެ ދިރާސާގައި ކޮން ގައުމުތަކެއްގައި ކޮން ކަމަކަށް ބަލާފައިތޯ މިކަން ކުރީ،" އޭނާ ވިދާޅުވި އެވެ.

"ޖަސްޓިފައިކޮށްދޭން ދެއްކެވި ވާހަކަތައް އެހާ ބޮޑަށް ޖަސްޓިފައިވާ ގޮތަކަށް ނޫން ކަންނޭނގެ އަދި އޮތީ. އާއްމު ގިނަ މީހުންނަށް ގަބޫލެއް ނުކުރެވޭ ކަންނޭނގެ އެ ވާހަކަތަކެއް."

އެކަމަކު ސަރުކާރުން މިހާރު މި ވަނީ އެ ބަދަލު ދާއިމީކޮށް، އާންމުކޮށް އިއުލާންކޮށްފަ އެވެ. އެކި ޚިޔާލުތައް ހުރި ނަމަވެސް އޭގެ ނަތީޖާ ފެންނަން އަދި ދުވަސްކޮޅެއް ނަގާނެ އެވެ.