Roadha Mihaaru
ދަސްވާރާއި ބީޓެކުގެ ކިޔަވައިދިނުމުގެ އުސޫލު ބަދަލުކުރަނީ

ދަސްވާރާއި ބީޓެކުގެ ކިޔަވައިދިނުމުގެ އުސޫލު ބަދަލުކުރަނީ

22 ޖެނުއަރީ 2019

ދަސްވާރާއި ބީޓެކުން މިހާރު ކިޔަވައިދޭ އުސޫލު ބަދަލުކުރަން މި ސަރުކާރުން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަސްވާރާއި ބީޓެކުން މިހާރު ކިޔަވައިދޭ އުސޫލު ބަދަލުކުރަން މި ސަރުކާރުން ނިންމައިފި އެވެ.

މިދިޔަ އަހަރު ބޭއްވި އޯ ލެވެލް އިމްތިހާނުގެ ނަތީޖާއާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ، ދަސްވާރުގެ އިތުރުން އެޑެކްސެލް ބިޒްނަސް ޓެކްނޮލޮޖީ އެޑިއުކޭޝަން ކައުންސިލް (ބީޓެކް) މިހާރު ކިޔަވައިދެމުން އަންނަ ގޮތުން އެ ދެ ޕްރޮގްރާމާ މެދު މީހުން ދެކެނީ ނުބައި ނަޒަރަކުން ކަމަށެވެ. އެހެންވެ، ދަރިވަރުންނަށް އެންމެ އެކަށީގެންވާ ގޮތަށް އެކަން ބަދަލުކުރާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.

ބީޓެކަކީ ރާއްޖޭގެ ހަތަރު ވަނަ ސްޓްރީމްގެ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 2014 ވަނަ އަހަރު ތައާރަފްކުރި ޕްރޮގްރާމެކެވެ. ސްކޫލުތަކުގައި މިހާރު ވެސް ސައިންސާއި ކޮމާސް އާއި ބިޒްނަސްގެ އިތުރުން ބީޓެކް އަންނަނީ ކިޔަވައިދެމުންނެވެ. ދަސްވާރަކީ މަޖުބޫރު ހަތަރު މާއްދާ؛ އިސްލާމް، ދިވެހި، އިނގިރޭސި އަދި ހިސާބުގެ އިތުރުން ނަތީޖާ ދަށް ދަރިވަރުން ކިޔެވުމަށް ހާއްސަ ކޮށްފައިވާ ޕްރޮގްރާމެކެވެ. ދަރިވަރުގެ ގްރޭޑު ނުވެއްގެ ނަތީޖާ އަށް ބެލުމަށް ފަހު، އެ ދަރިވަރަކު ދަސްވާރުގައި ބައިވެރިކުރަންޖެހޭ ކަމަށް ފެންނަ ނަމަ އެކަމުގެ ލަފައެއް ސްކޫލުން ދޭނެ އެވެ. ނަމަވެސް، އެ ޕްރޮގްރާމުގައި ދަރިވަރުން ބައިވެރިކުރެވޭނީ ބެލެނިވެރިޔާގެ ރުހުމުގަ އެވެ.

ދަސްވާރުގެ ތެރޭގައި ހޮސްޕިޓާލިޓީ ދާއިރާގެ އިތުރުން އެއާ ކޮންޑިޝަން ފަދަ ތަކެތި މަރާމާތުކުރުމާއި ސިއްހީ ދާއިރާގެ އެކި ހުނަރުތައް ވެސް ދަސްކޮށްދޭނެ އެވެ. އެ ޕްރޮގްރާމުގައި ބައިވެރިވި ބައެއް ދަރިވަރުންނަށް ވަޒީފާ ވެސް ލިބިފައި ވެ އެވެ.

ރަޝީދު ވިދާޅުވީ ދަސްވާރު އަދި ބީޓެކް ފަދަ ވޮކޭޝަނަލް ތަމްރީނުތަކަކީ ވަކި ދަރިވަރުންނަށް ހާއްސަ ކޮށްފައިވާ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. އެހެންވެ އެއީ ހުރިހާ ދަރިވަރުންނަށް ވެސް އިހުތިޔާރީ ކަމެއްގެ ގޮތުގައި ބަދަލުކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި އަހަރުގެ ކިޔެވުން ކުރިއަށް ގެންދާނީ މިދިޔަ އަހަރުގެ ވެސް ޕްލޭނާ އެއްގޮތަށެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ދަސްވާރާއި ބީޓެކު މިހާރު ކުރިއަށް ގެންދާ ގޮތަށް ބަދަލު ގެންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ގަބޫލު ކުރަނީ ވޮކޭޝަނަލް އެޑިއުކޭޝަނަކީ ކޮންމެހެން ވަކި ކުދި ބަޔަކަށް ލިބެންޖެހޭ އެއްޗެއް ނޫނޭ. އަޅުގަނޑުމެންގެ ސްކޫލަށް ތައުލީމު ހާސިލް ކުރަން ދާ ހުރިހާ ކުދިންނަށް ލިބެންޖެހެއޭ އެއީ ވަށައި ޖެހޭ ތައުލީމެއް ފޯރުކޮށްދޭން ޖެހޭތީ،" ރަޝީދު ވިދާޅުވި އެވެ.

"ސްކިލްޑް މަސައްކަތްތަކަކީ އެ އަށް އިހުތިރާމް ކުރަންޖެހޭ އެއްޗެއް. އަދި ހުރިހާ ކުދިންނަށް އަމާޒުކޮށްގެން މަސައްކަތް ކުރަންޖެހޭ. އާ ކަރިކިއުލަމްގެ ތަސައްވުރަކީ ވެސް ކުދިން ދިރިއުޅުމަށް ތައްޔާރު ކުރުން. އެހެންވެ އެކަން ވެގެން ދާނީ ހުރިހާ ކުދިންނަށް ވެސް ދެވޭ ފުރުސަތަކަށް."

ދަސްވާރާއި ބީޓެކު ތައާރަފު ކުރުމުން ފާޑުކިޔުން އަމާޒުވި އެއް ސަބަބަކީ، އެއީ އޯ ލެވެލް އިމްތިހާނުގައި ރާއްޖޭގެ ޖުމްލަ ނަތީޖާ ރަނގަޅުކުރަން ކުރި ކަމެއް ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ނަތީޖާ ދަށް ކުދިންނަށް، މަސައްކަތްތެރިކަން ދަސްކޮށްދޭ ޕްރޮގްރާމަކަށް ވާތީ ރަނގަޅު ޕްރޮގްރާމެއް ކަމަށް ބައެއް މީހުން ދެކެ އެވެ.

މިދިޔަ އަހަރު 5،433 ދަރިވަރުން އޯ ލެވެލް އިމްތިހާނުގައި ބައިވެރިވިއިރު އޭގެ ތެރެއިން ހުރިހާ މާއްދާއެއް ހަދާފައިވަނީ 4،571 ދަރިވަރުންނެވެ. ބާކީ ތިބި 862 ކުދިން ބައިވެރިވެފައި ވަނީ ދަސްވާރާއި ބީޓެކުގަ އެވެ.

އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި 376 ދަރިވަރުން ހިމެނެ އެވެ.