Roadha Mihaaru
މޯބައިލް ފޯނުން ކެންސަރު ޖެހިދާނެކަން ސާބިތުވެއްޖެ

އާ ދިރާސާއެއްގައި ބުނަނީ މޯބައިލް ފޯނުން ކެންސަރު ޖެހިދާނެ ކަމަށް

28 މެއި 2016

މޯބައިލް ފޯނު ބޭނުންކުރުމާ ކެންސަރު ޖެހުމާ ގުޅުމެއް ނުވާ ކަމަށް މީގެ ކުރީގެ ދިރާސާތަކުން ދެއްކި ކަމުގައި ވިޔަސް އެއީ މުޅިން ރަނގަޅު ނިންމުމެއް ނޫން ކަމަށާއި މޯބައިލް ފޯނުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް، ފުޅާ ދާއިރާއެއްގައި ކުރި އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މޯބައިލް ފޯނު ބޭނުންކުރުމާ ކެންސަރު ޖެހުމާ ގުޅުމެއް ނުވާ ކަމަށް މީގެ ކުރީގެ ދިރާސާތަކުން ދެއްކި ކަމުގައި ވިޔަސް އެއީ މުޅިން ރަނގަޅު ނިންމުމެއް ނޫން ކަމަށާއި މޯބައިލް ފޯނުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށް، ފުޅާ ދާއިރާއެއްގައި ކުރި އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ނެޝަނަލް ޓޮކްސިލޮޖީ ޕްރޮގްރާމް އިން ކުރި އާ ދިރާސާގައި ވަނީ މޯބައިލް ފޯނު ބޭނުންކުރާއިރު ބޭރުވާ ފަދަ ރޭޑިއޭޝަނުގެ ތެރެއަށް ފިރިހެން މީދާތަކެއް ދޫކޮށްލައިފަ އެވެ. މި ރޭޑިއޭޝަންގެ ތެރޭގައި މީދާތައް ގެންގުޅުމަށް ފަހު ބެލި އިރު ބައެއް މީދަލުގެ ހިތާއި ސިކުނޑީގައި ދެ ވައްތަރެއްގެ ޓިއުމަރު އުފެދިފައިވާކަން ފާހަގަވި އެވެ. އެއީ ރޭޑިއޭޝަންގެ ތެރޭގައި މީދާތައް ގެންގުޅެން ފެށިއިރު އެސޮރުމެންގެ ހަށިގަނޑުން ފާހަގަވެފައި ނެތް ކަމެކެވެ.

މި ދިރާސާކުުރުމަށް 2500 އަށް ވުރެ ގިނަ މީދާ ދެ އަހަރު ދުވަހުގެ މުއްދަތަކަށް ގެންގުޅެފައިވެ އެވެ. އެގޮތުން އެކި މީދާތައް އެކި މިންވަރަށް އެކި މުއްދަތަށް ރޭޑިއޭޝަންގެ ތެރޭގައި ގެންގުޅުނެވެ.

"މުޅި ދުނިޔޭގައި މިހާރު މޯބައިލް ފޯނު އާންމުވެފައިވާ މިންވަރަށް ބަލާއިރު، މޯބައިލް ފޯނުން ބޭރުވާ ރޭޑިއޯ ފްރިކުއެންސީ ރޭޑިއޭޝަންގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު ކިތަންމެ ކުޑަ މިންވަރަކަށް އިތުރުވި ކަމުގައި ވިޔަސް އެއީ އާންމު ސިއްހަތަށް ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ،" ދިރާސާއާ އެކު އާންމުކުރި ރިޕޯޓްގައި ބުނެފައިވެ އެވެ.

މިއީ މޯބައލް ފޯނުގެ ސަބަބުން ކެންސަރު ޖެހޭތޯ ބެލުމަށް މިހާތަނަށް ކުރި އެންމެ ފުރިހަމަ އެންމެ ބޮޑު ދިރާސާގެ ގޮތުގައި ވަނީ ބެލެވިފަ އެވެ. އެމެރިކާ ސަރުކާރުން ވަނީ މި ދިރާސާ އަށް 25 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

މޯބައިލް ފޯނުގެ ސަބަބުން ކެންސަރު ޖެހޭ ކަމަށް 1990ގެ އަހަރުތަކުގައި ބައެއް ދިރާސާތަކުގައި ބުނަން ފެށުމާ އެކު ސައިންސްވެރިންގެ މެދުގައި ވަނީ އެކަމާ މެދު ބަހުސް އުފެދިފަ އެވެ. މޯބައިލް ފޯނުން ކެންސަރު ޖެހި އަދި ސިއްހީ އެހެން މައްސަލަތައް ވެސް ކުރިމަތިވާ ކަމަށް ބުނާ ވާހަކައަށް އެއްބަސްނުވާ ސައިންސްވެރިން ވެސް ގިނަ އެވެ.