Roadha Mihaaru
އެކަށީގެންނުވާ އަދަބެއް އެކަކަށްވެސް ނުދޭނަން: އިމްރާން

އެކަށީގެން ނުވާ އަދަބެއް އެކަކަށް ވެސް ނުދޭނަން: އިމްރާން

30 ޖެނުއަރީ 2019

އެއްވެސް މީހަކަށް، ހައްގު ނޫން އަދި ދޭން ނުޖެހޭ އަދަބެއް ނުދެވޭކަން ކަށަވަރު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެއްވެސް މީހަކަށް، ހައްގު ނޫން އަދި ދޭން ނުޖެހޭ އަދަބެއް ނުދެވޭކަން ކަށަވަރު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ގައިދީންގެ ސިއްހީ ފަރުވާ ރަނގަޅުކުރަން ކުރާ މަސައްކަތްތަކާ ބެހޭ ގޮތުން ކަރެކްޝަނަލް ސާވިސް އާއި އައިޖީއެމްއެޗް ގުޅިގެން ރައީސް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސްގައި އިމްރާން ވިދާޅުވީ އަދަބެއް ދޭން ޖެހޭ މީހަކަށް ދޭން ޖެހޭ ވަރަށް ވުރެ ބޮޑު އަދަބެއް ލިބޭތަން ބައްލަވަން ނުހުންނަވާނެ ކަމަށެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކޮރަޕްޝަނާއި ޓެރަރިޒަމް ފަދަ ކުށްތަކުގައި 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އާއިލާއިން ކުރާ ތުހުމަތުތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުންނެވެ.

"އަޅުގަނޑުމެންގެ ވަސީލަތްތަކާ ކަންކަން ހުންނަ ގޮތުން، އަދަބެއް ދޭން ޖެހޭ ނުވަތަ ކުށެއް ކޮށްފައިވާ ކޮންމެ މީހަކަށް ލިބެން ޖެހޭ އަދަބު ނުލިބިދާނެ، ވަސީލަތްތަކާ ކަންކަން ހުންނަ ގޮތުން. އެކަަމަކު ކުށެއް ނުކުރާ މީހަކަށް، އަދަބެއް ދޭން ނުޖެހޭ މީހަކަށް އަޅުގަނޑުމެން އަދަބެއް ނުދޭނަން. އެކަން އަޅުގަނޑު ކަށަވަރު ކުރެވޭތޯ ބަލާނަން،" އޭނާ ވިދާޅުވި އެވެ.

އެފަދަ ކަމެއް ހިނގާ ނަމަ މަގާމުން އިސްތިއުފާ ދެއްވުމަކީ "ވަރަށް ފަސޭހަ ކަމެއް" ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

އަދީބުގެ ބޭސް ފަރުވާއާ ބެހޭ ގޮތުން އިމްރާން ވިދާޅުވީ މިދިޔަ ދެ އަހަރު ތެރޭގައި އަދީބަށް ނުދޭހާ ފަރުވާ މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި ދީފާއިވާ ކަމަށެވެ. ސިއްހީ ހާލަތާ ބެހޭ ގޮތުން އަދީބު ކުރައްވާ ކޮންމެ ޝަކުވާއެއް ބަަލައި ބޭނުންވާ ފަރުވާ ދެއްވާ ކަމަށާއި ބައެއް ފަރުވާތައް އޭނާ ޝަކުވާއެއް ނުކުރެއްވިޔަސް ދެމުން އަންނަ ކަމަށް އިމްރާން ވިދާޅުވި އެވެ. އެގޮތުން ލޮލުގެ ފަރުވާއާ މެދު މިހާރު ޝަކުވާއެއް ނުކުރައްވާ ކަމަށާއި ނަމަވެސް ލޮލުގެ ފަރުވާ ދޭން މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"އަދީބު އެ ވާހަކަ ނުވެސް ދައްކަވާ އެކަމަކު އަޅުގަނޑުމެން މިދަނީ އެ އިންތިޒާމް ހަމަޖައްސަމުން. އިރާދަކުރެއްވިއްޔާ އެކަމުގައި، މި ރާއްޖޭގައި އެކަށީގެންވާ ޑޮކްޓަރުން ނެތްކަމަށް ވާ ނަމަ ރާއްޖޭއަށް އެކަށީގެންވާ ޑޮކްޓަރުން ގެނެސްގެން ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފަރުވާ ކުރާނަން،" އިމްރާން ވިދާޅުވި އެވެ.

އަދީބުގެ އާއިލާ އާއި އޭނާގެ ޕާޓީން ކުރަމުން އަންނަ ޑިމާންޑްތަކަކީ ގަވާއިދާއި އުސޫލުގައި ނެތް ކަންތައްތަކަކަށް ކުރާ ޑިމާންޑެއް ކަމަށް އިމްރާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަދީބާ މެދު ކުރިން ކަންތައް ކުރި ގޮތާއި މިހާރު އަމަލުކުރާ އުސޫލު ރަނގަޅުވެފައިވާކަން ވެސް އާއިލާއަށް އިނގޭނެ ކަމަށެވެ. އަދި އެކަންތައްތައް ރަނގަޅުވިކަން ހާމަކުރަން އާއިލާއިން ބޭނުން ނުވޭތޯ އިމްރާން ސުވާލު އުފެއްދެވި އެވެ.

"ގަވައިދާއި އުސޫލުގައި ނެތް ކަންތައްތަކަށް އާއިލާއިން ޑިމާންޑް ކުރާތީ އެކަންތައްތައް ނުކުރެވިގެން މިއުޅެނީ،" އޭނާ ވިދާޅުވި އެވެ.

އަދީބަށް ހުކުމް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުމާއި ފިސްތޯލައެއް ގެންގުޅުނު މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެންނެވެ. އަދީބަށް ފަރުވާ ދިނުމަށް އެކިފަހަރު މަތިން މާލެ ގެނެސް އަދި ގިނަ ދުވަސްތަކެއް ވަންދެން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ވެސް އޮތެވެ.