ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލަ ހައި ކޯޓުން ނިމެންދެން އަދީބު ގޭ ބަންދުގައި ބެހެއްޓުމުގެ ވަގުތީ އަމުރަކަށް އަދީބުގެ ފަރާތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
27 ޖެނުއަރީ 2019
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މައްސަލަ ހައި ކޯޓުން ނިމެންދެން އަދީބު ގޭ ބަންދުގައި ބެހެއްޓުމުގެ ވަގުތީ އަމުރަކަށް އަދީބުގެ ފަރާތުން ހައި ކޯޓުގައި މިއަދު އެދެފި އެވެ.
އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބުގެ ސިއްހީ ހާލަތު ގޯސްވުމުން އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި އަދީބުގެ ފަރާތުން ސިވިލް ކޯޓުގައި ދައުވާ ކުރިޔަސް، އެ ކޯޓުން މިދިޔަ އަހަރު ނިންމީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް އަދީބުގެ މައްސަލާގައި ފުރިހަމަ ކޮށްފައި ނެތުމުން އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ.
އެ މައްސަލަ އަދީބުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އަދީބުގެ ފަރާތުން އެދުނީ އެ މައްސަލަ ހައި ކޯޓުން ނިމެންދެން، ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އަދީބު ގޭގައި ބެހެއްޓުމުގެ އަމުރެއް ނެރެ ދިނުމަށެވެ.
އަދީބުގެ ވަކީލް މުހައްމަދު އިސްމާއިލް ވިދާޅުވީ އަދީބުގެ ސިއްހީ ހާލު ވަރަށް ގޯސްވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު ވެސް މިހާރު އެބައޮތް ކަމަށެވެ. އަދި އަދީބު އާއިލީ ވެއްޓެއްގައި ބަހައްޓަން ޑޮކްޓަރު ކުރިން ލަފާ ދީފައިވާ ކަމަށާއި އެހެންވެ، އެ މައްސަލަ ހައި ކޯޓުން ނިމެންދެން އަދީބު ގޭގައި ބެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް އިސްމާއިލް އެދިވަޑައިގަތެވެ. އަދި އަދީބުގެ ސިއްހީ ހާލަތާ ގުޅޭ ލިޔުންތައް ވެސް އޭނާ ޝަރީއަތަށް ހުށަހެޅުއްވި އެވެ.
އިސްމާއިލް ވިދާޅުވީ އަދީބު ބޭރަށް ފޮނުވުމުގެ މައްސަލަ ސިވިލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭނެ ކަމަށް ގަވާއިދުގައި ބުނާ އިޖްރާއާތުތައް އަދީބުގެ ފަރާތުން ފުރިހަމަ ކޮށްފައި ނުވާތީ ކަމަށް ބުނެ ކަމަށެވެ. އެކަމަކު އެ އިޖްރާއާތުތަކަކީ ދައުލަތުން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތަކެއް ކަމަށާއި އަދީބުގެ ސިއްހީ ކަންކަމާ ގުޅޭގޮތުން ޑޮކްޓަރުން ދޭ ލަފާތަކަކީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނަ ލިޔުންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ. އެ ލިޔުންތައް ދައުލަތުން ފޯރުކޮށް ނުދެނީސް، ގަވާއިދުގައި ބުނާ އިޖްރާއާތުތައް އަދީބަށް ފުރިހަމަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެ މައްސަލަ ސިވިލް ކޯޓުން ނިންމުމުގައި ހަވާލާދީފައިވަނީ ގަވާއިދުގައި ނެތް މާއްދާއަކަށް ކަމަށް ވެސް ވަކީލް ވިދާޅުވި އެވެ. އަދި އެކަން ވަކީލުންގެ ފަރާތުން ހާމަކުރުމުން ފަހުން ކޯޓުން އެ ހުކުމަށް ބަދަލު ގެނައީ ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ވަކީލް އިސްމާއިލް އެދިވަޑައިގަތީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ ސިވިލް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅައި ދިނުމަށާއި އަދީބުގެ ބޭސްފަރުވާއަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމަށް ދައުލަތުގެ މައްޗަށް އަމުރު ކުރުމަށެވެ.
މިިއަދުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ އޭނާއަށް ދިމާވެފައިވާ ސިއްހީ ހާލަތުގެ ސަބަބުން ބާރުގަދަ ބޭސްތަކެއް ކާން ޖެހޭ ކަމަށާއި އެކަމުގެ ސަބަބުން ހޭނެތުމާއި ބޯ އެނބުރުން ފަދަ ކަންކަން ދިމާވާ ކަމަށެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު ވެސް ޖަލުގެ ފާހާނާ ތެރެއަށް އޭނާ ވެއްޓިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނު ކަމަށް އަދީބު ވިދާޅުވި އެވެ.
ރައްދުގައި ދައުލަތުގެ ވަކީލް ވިދާޅުވީ އަދީބު ބޭސްފަރުވާއަށް ބޭރަށް ފޮނުވުމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސިވިލް ކޯޓުން އޭރު ނިންމީ ގައިދީން ބޭރަށް ފޮނުވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖްރާއާތުތައް ފުރިހަމަ ކުރުމުގައި އަދީބުގެ ފަރާތުން ދައުލަތަށް އެއްބާރުލުން ލިބިފައި ނުވާތީ ކަމަށެވެ. އެގޮތުން އަދީބުގެ ސީޓީ ސްކޭނެއް ހެދުމަށް ކަރެކްޝަންސް އިން މަސައްކަތް ކުރުމުން އެކަމަށް އަދީބުގެ ފަރާތުން އެއްބާރުލުން އޭރު ނުލިބުނު ކަމަށް ވަކީލް ވިދާޅުވި އެވެ.
މީގެ އިތުރުން ސިވިލް ކޯޓުގެ ހުކުމުގައި، ގަވާއިދުގައި ނެތް މާއްދާއަކާ ހަވާލާ ދެވިފައިވަނީ އިދާރީ އޮޅުމަކުން ކަމަށާއި އެެފަދަ ކަންކަން ކޯޓުތަކުން އަމިއްލައަށް އިސްލާހު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ދައުލަތުން ބުންޏެވެ. އަދި އެއީ ގާނޫނީ ގޮތުން ހުރަހެއް އޮތް ކަމެއް ނޫން ކަމަށް ވެސް ދައުލަތުގެ ވަކީލް ވިދާޅުވި އެވެ.
ދައުލަތުން ބުނިގޮތުގައި ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލް ކުރިޔަސް، އަދީބު ބޭރަށް ފޮނުވަން މިވަގުތު ހައި ކޯޓަށް އަމުރެއް ނުކުރެވޭނެ އެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ ސިވިލް ކޯޓުން އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމާފައިވަނީ މައުޟޫއީ ގޮތުން މައްސަލަ ބެލުމެއް ނެތި ކަމަށް ވެފައި، އަދި އެއީ އިޖްރާއީ ގޮތުން ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެވެ.
އަދީބުގެ ފަރާތުން އެދުނު ވަގުތީ އަމުރާ ގުޅިގެން ދައުލަތުން ބުނީ އެ އަމުރާ މެދު ޖަވާބުދާރީވާން އިތުރު ފުރުސަތެއް ބޭނުންވާ ކަމަށެވެ.
އެހެންވެ، ފަނޑިޔާރުންގެ ބެންޗުން ވަނީ އެކަމަށް ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދައުލަތަށް ދެއްވައިފަ އެވެ. އަދި އިތުރު އަޑުއެހުމެއް ވަރަށް އަވަހަށް ބާއްވަވާނެ ކަމަށް ބެންޗުން އިއުލާން ކުރެއްވި އެވެ.
އެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ އިސް ފަނޑިޔާރު ޝުޖާއު އެވެ.
އަދީބު ގެއަށް ބަދަލުކުރުމުގެ އަމުރު ހުއްޓުވައިފި
އަދީބު ޝަކުވާ ނުކުރިޔަސް ފަރުވާ އެބަކުރަން: އިމްރާން
އަދީބު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި
އަދީބު އެޑްމިޓްކޮށް އިމަޖެންސީގައި ފަރުވާދެނީ
އަދީބަށް ހާއްސަ ހިމާޔަތެއް ދެވޭކަށް ނެތް: ކަރެކްޝަންސް
އަދީބު ދޫނިދޫ ޖަލަށް ބަދަލުކޮށްފި: އާއިލާ
އަދީބުގެ އޮޕަރޭޝަން ލަސްކުރާތީ އާއިލާގެ ކަންބޮޑުވުން
އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު
އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި