Roadha Mihaaru
ޖަޒީރާ ހޮޅުއަށީގައި ހިޔާލު ހޯދަނީ ލާމަރުކަޒީ ނިޒާމަށް

ޖަޒީރާ ހޮޅުއަށީގައި މިރޭ ހިޔާލު ހޯދަނީ ލާމަރުކަޒީ ނިޒާމަށް

31 ޖެނުއަރީ 2019

ރާއްޖޭގައި ހުރި މައްސަލަތަކަށް މަޝްވަރާ ކުރުމަށް "ޖަޒީރާ ހޮޅުއަށި" ނަމުގައި ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ހުރި މައްސަލަތަކަށް މަޝްވަރާ ކުރުމަށް "ޖަޒީރާ ހޮޅުއަށި" ނަމުގައި ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިރޭގެ ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމާ ގުޅޭ ގޮތުން ހިޔާލު ހޯދަން ނިންމައިފި އެވެ.

ލޯކަލް ކައުންސިލްތައް ބާރުވެރިކުރުވުމުގެ ބޭނުމުގައި ހެދި ލާމަރުކަޒީ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގެ ތެރޭގައި ހިމެނޭ ވައުދެކެވެ. އެގޮތުން، އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ލާމަރުކަޒީ ގާނޫނު އިސްލާހު ކުރުމަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފަ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ސެކްރެޓަރީ ހަސަން އިސްމާއިލް "މިހާރު" އަށް މިއަދު ވިދާޅުވީ ޖަޒީރާ ހޮޅުއަށީގެ ބޭނުމަކީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ އެކިއެކި ކަންކަމަށް ހޯދުން ކަމަށެވެ. މިއީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިސް ނެގުމަކަށް ބާއްވާ ބައްދަލުވުންތަކެކެވެ.

އެގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުމުގައި ލާމަރުކަޒީ ގާނޫނަށް ގެންނަން ބޭނުންވާ ހިޔާލުތައް އާންމުންނަށް ހުށަހެޅޭނެ ކަމަށް ހަސަން ވިދާޅުވި އެވެ.

"މި ބައްދަލުވުމުގައި ރައްޔިތުން ވާހަކަ ދައްކާނީ. ސަރުކާރުން އަޑު އަހާނީ. އެކަމަކު، ބައްދަލުވުމުގައި ރައީސް ދޭތެރެއަކުން އެއްޗެއް ވިދާޅުވެދާނެ. މީގެ ބޭނުމަކީ ރައްޔިތުންގެ އަޑު އެހުން،" ހަސަން ވިދާޅުވި އެވެ.

ޖަޒީރާ ހޮޅުއަށީގެ ނަމުގައި ބޭއްވި ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކުރީ މާލޭގެ މަގުތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އާންމުން ދިން ބައެއް ހިޔާލުތައް ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނައި، މާލޭގެ ބައެއް މަގުތަކަށް މިހާރު ދަނީ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އާއްމުކޮށް ހުޅުވާލައިގެން ބާއްވާ އެ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ދަރުބާރުގޭގަ އެވެ.