Roadha Mihaaru
ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވަނީ

ނާދިރާ ގަލޮޅު ދެކުނު ދާއިރާއަށް ކުރިމަތިލައްވަނީ

01 ފެބުރުއަރީ 2019

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ، އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ، އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާ އަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަލޮޅު ދެކުނުގެ ރައްޔިތުންގެ އަޑުއަހާނެ ކަމަށާއި އަދި އެ އަޑު އިއްވުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ފެށި އިސްލާހީ މަސައްކަތްތަކުގައި ވެސް މައުމޫންގެ ފަރާތްޕުޅުން އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ ނާދިރާ އެވެ. އެ މަސައްކަތްތަކުގެ ތެރެއިން އޭނާ ހައްޔަރުކޮށްފައި ވެސް ވެ އެވެ.

މި ސަރުކާރުގައި އެމްއާރުއެމްގެ ފަރާތުން ވަޒީރުކަން ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް އޭނާ އެކަން ގަބޫލުނުކުރެއްވީ އެވެ.

ނާދިރާ ވަނީ ޔާމީންގެ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރުކަން ކުރައްވައިފަ އެވެ. ނަމަވެސް ޓޫރިޒަމްގެ ބޭނުމަށް ރަށްރަށާއި ބިން އަދި ފަޅުތައް އިއުލާނު ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާ ދެކޮޅަށް ކުރި ޓްވީޓަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރީ އެވެ.

މައުމޫންގެ ތާއީދާ އެކު މަޖިލީހުގެ 81 ދާއިރާ އަށް ވާދަކުރަން 108 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައި ވެ އެވެ. ޓިކެޓް ދޭނެ މީހުން ހޮވުމަށް ކޮމެޓީއަކުން ވަނީ އިންޓަވިއު ވެސް ކޮށްފަ އެވެ.