Roadha Mihaaru
ގައުމު އިސްލާހު ކުރެވޭނީ މަޖިލީސް ޒިންމާދާރުވެގެން: މައުމޫން

ގައުމު އިސްލާހު ކުރެވޭނީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރުވެގެން: މައުމޫން

06 މާޗް 2019

ގައުމުގެ ހުރިހާ ކަމެއް ވެސް އޮތީ އިސްލާހު ކުރަން ޖެހިފައި ކަމަށާއި އެ އިސްލާހު ގެނެވެން އޮތީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރުކަމާ އެކު މަސައްކަތް ކޮށްގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ގައުމުގެ ހުރިހާ ކަމެއް ވެސް އޮތީ އިސްލާހު ކުރަން ޖެހިފައި ކަމަށާއި އެ އިސްލާހު ގެނެވެން އޮތީ ރައްޔިތުންގެ މަޖިލިސް ޒިންމާދާރުކަމާ އެކު މަސައްކަތް ކޮށްގެން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މައުމޫންގެ ތާއީދާ އެކު ވާދަކުރާ ކެންޑިޑޭޓުންނާ ލިޔުން ހަވާލު ކުރަން ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލިހަކީ މަސްއޫލިއްޔަތު އުފުލާ، ރައްޔިތުންނަށް ޖަވާބުދާރީވާ މުއައްސަސާ އަކަށް ވާން ޖެހޭ ކަމަށެވެ. އެ ޒިންމާ މަޖިލީހުން އަދާނުކުރާ ނަަމަ ގައުމު އިސްލާހެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"ހުރިހާ ކަމެއް މިވަނީ އިސްލާހު ކުރަން ޖެހިފައި. ސަރުކާރު ހިންގުމުގެ ދާއިރާ. ގާނޫނު ހެދުމުގެ ދާއިރާ، ރައްޔިތުންގެ މަޖިލީސް ވެސް މިވަނީ އިސްލާހު ކުރަން ޖެހިފައި. ޝަރުއީ ދާއިރާ ވެސް އިސްލާހު ކުރަން ޖެހޭ. މުއައްސަސާތައް ވެސް އިސްލާހު ކުރަން ޖެހޭ،" މައުމޫން ވިދާޅުވި އެވެ.

މައުމޫންގެ ތާއީދާ އެކު ނުކުންނަ ކެންޑިޑޭޓުންނަށް ލިއުން ހަވާލުކުރަން ބޭއްވި ޖަލްސާގައި އެމްއާރުއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މައުމޫންގެ ތާއީދާ އެކު ނުކުންނަ ކެންޑިޑޭޓުންނަށް ލިއުން ހަވާލުކުރަން ބޭއްވި ޖަލްސާގައި އެމްއާރުއެމްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މި ހާލަތުގައި މުއައްސަސާތައް އޮތް އިރު، މައުމޫން ވިދާޅުވި ގޮތުގައި، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކާއި މަޝްވަރާތައް ކުރިއަށް ގެންދާ ގޮތް ވެސް ފެނިވަޑައިގަންނަވަ އެވެ. ބައެއް ބިލްތައް ފާސްވާ ގޮތާއި ފާސް ނުވެ ލަސްވާ ތަން ވެސް ފެންނަ ކަމަށް ވިދާޅުވި އެވެ.

"އެ ކަންކަމުގެ ތެރޭގައި ނުރަނގަޅުކޮށް ހިނގާ ކަމެއް އޮތް ނަމަ ނުވަތަ ކަން ހިނގަން ޖެހޭ ގޮތާ ޚިލާފަށް ކަމެއް ހިނގަމުންދާ ނަމަ އެކަމެއް އެބަޖެހޭ އިސްލާހުކުރަން،" މައުމޫން ވިދާޅުވި އެވެ.

މަޖިލިހުގެ މެމްބަރުންގެ ހާޒިރީ އާއި ވޯޓު ދެއްވާ ގޮތް ފަދަ ސުލޫކީ ކަންކަން ވެސް ރަނގަޅު ކުރަން ޖެހޭ ނަމަ، އެ މަގަށް އަވަހަށް މިސްރާބު ޖެއްސެވުމަށް މައުމޫން އެދިވަޑައިގަތެވެ. އެ ނޫން ގޮތަކަށް މަޖިލީހުގެ މަސްއޫލިއްޔަތު ފުރިހަމަ އަށް އަދާނުކުރެއްވޭނެ ކަމަށް ވިދާޅުވި އެވެ.

އެމްއާރުއެމް އިން ބޭއްވި ޖަލްސާގައި މައުމޫނާއި ނަސްރީނާ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމްއާރުއެމް އިން ބޭއްވި ޖަލްސާގައި މައުމޫނާއި ނަސްރީނާ ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މައުމޫން ވިދާޅުވީ 'މާއްދާ 4' ގެ ނަމުގައި މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ކެމްޕޭން ކުރިއަށް ގެންދަން ބޭނުންފުޅުވީ އެއީ، ގާނޫނުއަސާސީގައި ރައްޔިތުންގެ ބާރު މާނަކޮށްދޭ މާއްދާ ކަމަށް ވާތީ ކަމަށެވެ. ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ، އަދި ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަން ކަނޑައަޅާފައި އޮންނަނީ އެ މާއްދާގަ އެވެ.

މައުމޫން ވިދާޅުވި ގޮތުގައި އެމްއާރުއެމްގެ ކެންޑިޑޭޓުން މަސައްކަތް ކުރާނީ ޑިމޮކްރަސީގެ ނިޒާމް އިތުރަށް ފުރިހަމަކޮށް އެންމެ މަތީ މަރުހަލާ އަށް ގެންދިއުމެވެ. އެމަނިކުފާނު މިރޭ ވެސް ތަކުރާރު ކުރެއްވި ގޮތުގައި މޯލްޑިވްސް ރިފޯމް މޫވްމަންޓް ނުވަތަ އެމްއާރުއެމްގެ ނަމުގައި އަލަށް އުފައްދަވާ ޕާޓީގެ ވެސް އެންމެ އިސް ވާޖިބަކީ އިސްލާހަށް މަސައްކަތް ކުރުމެވެ.

މައުމޫންގެ ތާއީދާ އެކު މަޖިލީހަށް ވާދަކުރައްވާ ކެންޑިޑޭޓުންނާ ލިއުން ހަވާލުކުރަން ބޭއްވި ޖަލްސާގައި ކުރީގެ މެމްބަރު އަހްމަދު ނާޒިމާއި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެމަނިކުފާނު ވިދާޅުވީ އެމްއާރުއެމްގެ ކެންޑިޑޭޓުންނަކީ ވަކި ކަމެއް އިސްލާހުކުރަން މަޖިލީހަށް ވަންނަވާނެ މެމްބަރުންތަކެއް ނޫން ކަމަށާއި އިސްލާހަށް ބޭނުންވާ ހުރިހާ ކަމަކަށް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވި އެވެ. އިސްލާހީ އެ މަސައްކަތުގައި އެމްއާރުއެމް ދެމިއޮންނާނީ، ސަރުކާރު ހިންގާ ކޯލިޝަންގައި ސަރުކާރަށް އެއްބާރުލުންދޭ ބައެއްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖެ އިތުރު ހަލަބޮލިކަމެއްގެ ތެރެއަށް ގެންދާކަށެއް އަޅުގަނޑުމެން ބޭނުމެއް ނޫން. ވޭތުވެދިޔަ ފަސް އަހަރު ފެނުނީ ވަރަށް ހަލަބޮލި ހަމަނުޖެހުން ބޮޑު، ރައްޔިތުންނާއި ގައުމަށް ގެއްލުން ލިބެމުން ދިޔަ ފަސް އަހަރުގެ ގޮތުގައި،" މައުމޫން ވިދާޅުވި އެވެ.

ސަރުކާރު ހިންގަން ކޯލިޝަން އުފެއްދީ ވަރަށް މަތިވެރި މަސްލަހަތުތަކެއް ހިމާޔަތް ކުރަން ކަމަށް ވެސް ވިދާޅުވި އެވެ. އެއީ، އިސްލާމްދީނާއި ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު ދަަމަހައްޓައި ރައްޔިތުންގެ ހައްގުތައް އިޔާދަކޮށްދޭން ކަމަށް ވިދާޅުވި އެވެ. އެއާއެކު ކޮރަޕްޝަނާއި ވައްކަން ހުއްޓުވައި ގައުމު ބިނާކޮށް، ހަމަޖެހުން ގެނެސްދޭން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އެމްއާރުއެމްގެ ޖަލްސާގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން. --ފޮޓޯ/މިހާރު

އެމްއާރުއެމްގެ ޖަލްސާގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ އާއި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން. --ފޮޓޯ/މިހާރު

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބެކޭ އެއްގޮތަށް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވެސް ކޯލިޝަން ޕާޓީތަކުން ވާދަކުރުން ރަނގަޅީ ގުޅިގެން ކަން މިރޭ ވެސް މައުމޫން ފާހަގަކުރެއްވި އެވެ. އެކަމަކު، އެ މަގަށް ކަންކަން ނުދިއުމަކީ ކޯލިޝަން ޕާޓީތަކަށް އޮތް ދެރައެއް ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ، އެއް ޕާޓީއަކުން ވާދަކުރާ ދާއިރާ އަކަށް އަނެއް ޕާޓީއަކުން ވާދަކޮށް، ވޯޓު ބެހިގެންދާނެތީ އެވެ.

އެމަނިކުފާނުގެ ތާއީދާ އެކު، މި ފަހަރުގެ އާންމު އިންތިޚާބަށް ނުކުންނަވާ ހުރިހާ ކެންޑިޑޭޓުންނަކީ ވެސް ނަޒާހަތްތެރި، ޒިންމާ އުފުލާ ބައަކަށް ވާން މައުމޫން އެދިވަޑައިގަތެވެ.