Roadha Mihaaru
މަޖިލިސް އިންތިޚާބަށް މައުމޫންގެ ޝިއާރު: "މާއްދާ 4"

މަޖިލިސް އިންތިޚާބަށް މައުމޫންގެ ޝިއާރު: "މާއްދާ 4"

13 ފެބުރުއަރީ 2019

"މާއްދާ 4" ޝިއާރެއްގެ ގޮތުގައި ކަނޑައަޅައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލިހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ވަރަށް އަވަހަށް ފަށަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

"މާއްދާ 4" ޝިއާރެއްގެ ގޮތުގައި ކަނޑައަޅައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ރައްޔިތުންގެ މަޖިލިހަށް ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕޭން ވަރަށް އަވަހަށް ފަށަން ނިންމައިފި އެވެ.

މައުމޫންގެ ސިޔާސީ ހަރަކާތްތައް ހިންގަވާ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް ކަނޑައެޅި ތަރުޖަމާން ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ މައުމޫންގެ ތާއީދާ އެކު 24 ދާއިރާ އަކަށް ވާދަކުރާނެ ކެންޑިޑޭޓުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. މީގެ އިތުރަށް ވެސް ބައެއް ދާއިރާތަކަށް ކެންޑިޑޭޓުން ނެރުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިޚާބުގެ ޝިއާރަކަށް "މާއްދާ 4" ކަނޑައެޅީ، ތަޒްމީލް ވިދާޅުވި ގޮތުގައި، މަޖިލީހުގައި ތިއްބަވަނީ ރައްޔިތުންގެ މަންދޫބުންނަށް ވާތީ އެވެ.

ގާނޫނުއަސާސީގެ މާއްދާ 4 އަކީ، ރައްޔިތުންގެ ބާރު ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އަދި މި ބާރުތައް ދެމިއޮންނަނީ ވެސް ރައްޔިތުންގެ ކިބައިގަ އެވެ.

މައުމޫން ވެސް ހިމެނިވަޑައިގަންނަވާ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްޑީޕީން މަޖިލިސް އިންތިޚާބަށް ކެމްޕޭން ކުރަމުން އަންނަނީ "އެޖެންޑާ 19" ގެ ދަށުންނެވެ. އެއީ، މަޖިލީހުން ހައްލު ހޯދަން އެ ޕާޓީން ހުށަހަޅާން ނިންމާފައިވާ ސިޔާސަތުތަކުގެ އަދަދެވެ.

ތަޒްމީން ވިދާޅުވި ގޮތުގައި އެމްއާރުއެމުން 11 ދާއިރާ އަކަށް ކުރިމައްޗެއް ނުލާނެ އެވެ. އެއީ، ކޯލިޝަން ސަރުކާރުގެ އިސް ބޭފުޅުންނާއި އެ ބޭފުޅުން ކާމިޔާބު ކުރަން ބޭނުންވާ މުހިއްމު ދާއިރާތަކެވެ.

"އެ ދާއިރާތައް ފިޔަވައި އަދިވެސް އެމްއާރުއެމް އިން އިތުރު ދާއިރާތަކަކަށް ޓިކެޓް ދީފާނެ،" މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާ ތަޒްމީލް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް، ރައްޔިތުންގެ މަޖިލިހާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެކުގައި ވާދަކުރަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވައިލި އެވެ. ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޕާޓީތަކުން ގޮނޑިތަކަށް ވާދަކުރާނެ އަދަދު ލިޔެފައި ނުވާ އެއްބަސްވުމާ މެދު ހިޔާލު ތަފާތުވެ، ޕާޓީތަކުން ވާދަކުރަން ނިންމާފައި އޮތީ ވަކިވަކިންނެވެ.