Roadha Mihaaru
ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނުގެ އިޝްތިހާރެއް

ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނުގެ އިޝްތިހާރެއް ލީކްވެއްޖެ

02 ފެބުރުއަރީ 2019

މި މަސް އެންމެ ހާއްސަވާ އެއް ކަމަކަށްވެގެން ވާނީ ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނު ރަސްމީކޮށް ނެރުމެވެ. ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ސެމްސަންގުގެ މި މަސައްކަތަށް ކުރެވޭ އިންތިޒާރީ އަށް މި މަހުގެ 20 ގައި ނިމުމެއް އަންނާނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަސް އެންމެ ހާއްސަވާ އެއް ކަމަކަށްވެގެން ވާނީ ސެމްސަންގުގެ ފަށްޖަހައިލެވޭ ފޯނު ރަސްމީކޮށް ނެރުމެވެ. ޓެކް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ސެމްސަންގުގެ މި މަސައްކަތަށް ކުރެވޭ އިންތިޒާރީ އަށް މި މަހުގެ 20 ގައި ނިމުމެއް އަންނާނެ އެވެ.

ފޯލްޑެބަލް ނުވަތަ ފަށްޖަހައިލެވޭ ފޯނުގެ ޕްރިވިއުއެއް ދެކުނު ކޮރެއާގެ ސެމްސަންގުން އެންމެ ފުރަތަމަ ދައްކައިލީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. މިހާރު މި ވަނީ މި ފޯނު އިޝްތިހާރުކޮށްދޭ ވީޑިއޯއެއް ވެސް ލީކްވެފަ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ސެމްސަންގް ގެލެކްސީ އެފް ނުވަތަ ގެލެކްސީ އެކްސްގެ ނަން ދީފައިވާ މި މޮޑެލްވެގެން ދާނީ ސްމާޓްފޯންތަކަށް ލޯބިކުރާ މީހުން ވަރަށް ވެސް ގަޔާވާ މި ޒަމާނުގެ އެންމެ ފަހުގެ ގިނަ ފީޗާތައް ހިމެނޭނެ ފޯނަކަށެވެ. މި މޮޑެލްއާ ބެހޭ ގޮތުން މިހާތަނަށް ގިނަ ވާހަކަތަކެއް ދެކެވިފައި ވިޔަސް، ސެމްސަންގު އޮތީ ހިމޭނުންނެވެ.

ނަމަވެސް އެ ކުންފުނިން ކުރިން ބުނެފައިވާ ގޮތުގައި އިންފިނިޓީ ފްލެކްސް ޑިިސްޕްލޭ ހިމެނޭ ފަށްޖަހައިލެވޭ ފޯނު ވާނީ އޭގެ އަސްލު ސައިޒަށް ރުޖޫއަކުރުމުން ޓެބްލެޓެއްގެ އިހުސާސް ކުރެވޭ ފޯނަކަށެވެ. އެގޮތުން އޭގެ ސްކްރީނުގައި 7.3 އިންޗި ހުންނާނެ އެވެ.

ފަށްޖަހައިލެވޭ ފޯނު މި މަހުގެ ތެރޭގައި ނެރެ، ޕްރި-އޯޑަރަށް ހުޅުވައިލަން ނިންމާފައިވާ އިރު، ރަސްމީކޮށް ބާޒާރަށް ނެރޭނީ މާޗް މަހުގެ ތެރޭގަ އެވެ.

މި ވައްތަރުގެ ފޯނު ފުރަތަމަ ފަހަރަށް ނެރޭ ކުންފުނީގެ ޝަރަފު ސެމްސަންގުން ހޯދަން އުޅުނަސް، މި ރޭހުގައި ޗައިނާގެ ޝޯމީ އާއި ވާވޭގެ އިތުރުން އޮޕޯގެ ވާދަވެރިކަން ވެސް ބޮޑެވެ. ދާދި ފަހުން ޝޯމީން ވަނީ ފަށްޖަހައިލެވޭ ފޯނެއްގެ ވީޑިއޯއެއް ދައްކާލައި، އެއަށް ކިޔާނެ ނަމަކަށް ހިޔާލު ހޯދަން ވެސް ހުޅުވާލައިފަ އެވެ.