Roadha Mihaaru
ސެމްސަންގްގެ އަހަރުގެ ފުރަތަމަ އިވެންޓް އަންނަ މަހު

ސެމްސަންގްގެ މި އަހަރުގެ ފުރަތަމަ އިވެންޓް އަންނަ މަހު

27 ޖެނުއަރީ 2022

ސެމްސަންގްގެ "ގެލެކްސީ އެސް22 ސީރީޒް" ގެ ފޯނުތައް ދައްކައިލާނެ ކަމަށް ބެލެވޭ އިވެންޓް އަންނަ މަހުގެ 9 ގައި ބާއްވަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ސެމްސަންގްގެ "ގެލެކްސީ އެސް22 ސީރީޒް" ގެ ފޯނުތައް ދައްކައިލާނެ ކަމަށް ބެލެވޭ އިވެންޓް އަންނަ މަހުގެ 9 ގައި ބާއްވަން ނިންމައިފި އެވެ.

މިކަން އިއުލާންކޮށް އެ ދުވަހު ބާއްވާ ގެލެކްސީ އަންޕެކްޑް އިވެންޓް ދެކުނު ކޮރެއާގެ ކުންފުނިން ސިފަކޮށްފައި ވަނީ "ދި އެޕިކް ސްޓޭންޑާޑް" ގެ ގޮތުގަ އެވެ. އިވެންޓްގައި ދައްކާލާނެ އުފެއްދުންތަކާ ބެހޭ އެއްވެސް ތަފުސީލެއް ނުދިނަސް ޓެކް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުން މި އަހަރު ބާއްވާ ސެމްސަންގްގެ ފުރަތަމަ އިވެންޓްގައި ދައްކާލާނެ ކަމަށް ބެލެވޭ އެއް އުފެއްދުމަކީ ގެލެކްސީ އެސް22 އަލްޓްރާ އެވެ.

މި ޑިވައިސް އަންނަ މަހުގެ ތެރޭގައި އަންނާނެ ކަމުގެ އިޝާރާތްތަކެއް ކުރިން ވެސް ދީފައިވެ އެވެ. އެސް ސީރީޒްގެ ދަށުން ނެރޭނެ ކަމަށް ބެލެވޭ އުފެއްދުންތަކުގެ ތެރޭގައި އެސް22 އާއި އެސް22 ޕްލަސް ހިމެނެ އެވެ.

ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މައުލޫމާތުތަކަށް ބަލާއިރު އެސް22 އަލްޓްރާގެ އަގު އުޅޭނީ 1،300 ޑޮލަރު (20,052ރ.) ގަ އެވެ. އަދި އެސް22 ގެ އަގަކީ 900 ޑޮލަރު (13,882ރ.) އެވެ. އަދި އެސް22 ޕްލަސްގެ އަގަކީ 1،100 ޑޮލަރު (16,967ރ.) އެވެ.

ސެމްސަންގް އަކީ ސްމާޓްފޯނު ނެރޭ ކުންފުނިތަކުގެ ތެރެއިން އެންމެ ވަރުގަދަ އެއް ކުންފުންޏަށް ވާތީ، އާ އިވެންޓަށް ވަރަށް ގިނަ ބަޔަކު އިންތިޒާކުރާނެ އެވެ.