Roadha Mihaaru
ބީއެމްއެލް އިސްލާމިކްގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

ބީއެމްއެލް އިސްލާމިކް ބޭންކިންގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

05 ފެބުރުއަރީ 2019

ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީއާ އެކައުންޓާއި އިންވެސްޓްމަންޓް އެކައުންޓްތަކުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބީއެމްއެލް އިސްލާމިކްގެ ސޭވިންގްސް އެކައުންޓާއި ވަދީއާ އެކައުންޓާއި އިންވެސްޓްމަންޓް އެކައުންޓްތަކުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަސް ނިމެންދެން ބީއެމްއެލް އިސްލާމިކްގައި އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ އެއް ވަނަ ފަރާތަކަށް 15،000ރ. ދޭނެ އެވެ. އަދި އިތުރު ތިން ފަރާތަކަށް 5،000ރ. ދޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން އެކި ކުންފުނިތަކުގެ މުވައްޒަފުންނާއި، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ މީހުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ. އެކައުންޓް ހުޅުވަން ބޭނުންވާ ކަސްޓަމަރުންނަށް ފަސޭހައިން އެކައުންޓް ހުޅުވުމަށް އެދި ހުށަހެޅޭނެ ގޮތް ވަނީ ހަމަޖައްސައިފަ އެވެ.

ބީއެމްއެލް އިސްލާމިކުން ވަނީ ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓާއި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓް އަދި ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް ތައާރަފްކޮށްފަ އެވެ.

ބީއެމްއެލް ބޭންކު

ބީއެމްއެލް ބޭންކު

ބީއެމްއެލް އިސްލާމިކް ސޭވިންގްސް އެކައުންޓަކީ ފަހަށް ފައިސާ ރައްކާކޮށް އަދި އެ ފައިސާ އިން ފައިދާ ހޯދައިދިނުމުގެ ގޮތުން އަމިއްލަ ފަރާތްތަކަށް ތައާރަފުކުރާ ހިދުމަތެކެވެ. ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވާ އެކައުންޓަކީ 18 އަހަރުން ދަށުގެ ކުދިންނަށް އިސްލާމިކް ބޭންކިންގް ހިދުމަތް ދިނުމަށް ތައާރަފުކުރި އެކައުންޓެކެވެ. ބީއެމްއެލް އިސްލާމިކް ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓް އަކީ ޝަރީއާ ހުއްދަކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި މުއްދަތަކަށް ފައިސާ ރައްކާކުރުމަށް އަމިއްލަ ފަރުދުންނާއި ވިޔަފާރި ކުންފުނިތަކަށް ހާއްސަކޮށް ތައާރަފުކުރާ އިންވެސްޓްމަންޓް އެކައުންޓެކެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާކޮށްފައި ވަނީ އިސްލާމިކް ބޭންކިންގްއާ ގުޅޭ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް، ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އެގޮތުން ކަސްޓަމަރުން ޑިޕޮސިޓްކުރާ ފައިސާ ބަހައްޓަނީ ވެސް މުޅިން ވަކި ފަންޑެއްގަ އެވެ. އަދި އެ ފައިސާ ބޭނުންކުރަނީ އިސްލާމީ ޝަރުއީ ހަމަތަކަށް ފެތޭ ކަންކަމަށެވެ.

ބީއެމްއެލް އިސްލާމިކްގެ މަސައްކަތްތައް ހިންގަނީ އިސްލާމިކް ފައިނޭންސިންގެ ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.