Roadha Mihaaru
ސްވިޑަންގެ "ވަގަބޮންޑް" މަޖައްލާގެ ޓީމެއް ރާއްޖޭގައި

ސްވިޑަންގެ "ވަގަބޮންޑް" މަޖައްލާގެ ޓީމެއް ރާއްޖެ އަތުވެއްޖެ

30 އޯގަސްޓް 2021

ފެމިލިއަރައިޒޭޝަން ދަތުރެއްގައި ސްވިޑަންގެ "ވަގަބޮންޑް" މަޖައްލާގެ ދެ މެމްބަރަކު ރާއްޖެ އަތުވެއްޖެ އެވެ.

ހަފީޒާ އަހުމަދު ހަފީޒާ އަހުމަދު

ފެމިލިއަރައިޒޭޝަން ދަތުރެއްގައި ސްވިޑަންގެ "ވަގަބޮންޑް" މަޖައްލާގެ ދެ މެމްބަރަކު ރާއްޖެ އަތުވެއްޖެ އެވެ.

ސްވިޑަންގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ދައުވަތަކަށް ރާއްޖެ އައިސްފައި ވަނީ އެ މަޖައްލާގެ އެޑިޓަރު ޕާޖޭ އެންޖާސަން އާއި ފޮޓޯގްރަފަރު ޕޭނިލާ ޝޫހޮމް އެވެ.

އޮގަސްޓް 26 އިން ސެޕްޓެމްބަރު 3 އަށް ކުރިއަށްދާ މި ދަތުރުގައި، އެ ޓީމުން ތިން ރިސޯޓަކަށް ޒިޔާރަތްކޮށް ރާއްޖެއިން ޓޫރިސްޓުންނަށް ލިބޭ ހިދުމަތްތައް ތަޖުރިބާ ކުރާނެ އެވެ. އެގޮތުން ސްނޯކްލް ކުރުމާއި، ސްޕާ، ވޯޓާ ސްޕޯޓްސް، އަދި ރާއްޖެ އަށް ހާއްސަ ތަޖުރިބާތައް ކުރުމާއި ރާއްޖޭގެ ރިސޯޓުތަކުން ލިބެން ހުންނަ އެކި ގައުމުތަކުގެ ކެއުންތައް ތަޖުރިބާ ކުރުން ހިމެނެ އެވެ.

ހަފްތާއަކު 47،500 ކިޔުންތެރިން ޒިޔާރަތް ކުރާ ވަގަބޮންޑް މަޖައްލާގެ ޓީމުން ކުރާ ހުރިހާ ތަޖުރިބާތަކެއް ވެސް އޮންލައިން، ޑިޖިޓަލް އަދި ޕްރިންޓް މެދުވެރިކޮށް ޝާއިއު ކުރާނެ އެވެ. މި މަޖައްލާ އިން 50،000 ޕްރިންޓް 149،00 ކިޔުންތެރިންނާ ހަމައަށް ފޯރުކޮށްދޭނެ އެވެ.

އެމްއެމްޕީއާރްސީން ރާއްޖެ އިޝްތިހާރު ކުރަމުންދާ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ގައުމުތަކުގެ މެދުގައި ރާއްޖެ އަކީ ޓޫރިސްޓުން ޒިޔާރަތް ކުރުމަށް އެންމެ ކަމުދާ އަދި އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޓޫރިސްޓުންނަށް ތައާރަފް ކުރުމެވެ.

އެގޮތުން ސްވިޑަންގެ މާކެޓުގައި ރާއްޖެ މަގުބޫލުކަން އިތުރުކޮށް، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރު ކުރުން މި ކެމްޕެއިންގައި ހިމެނެ އެވެ.

މީގެ އިތުރުން ރާއްޖެ އަކީ ގުދުރަތީ ގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް އެކުލެވިފައި އޮންނަ ގައުމެއްކަމުން، ރާއްޖެ އަކީ ސްވިޑަން ޓޫރިސްޓުންނަށް ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލުގެ ގޮތުގައި އިޝްތިހާރު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ރާއްޖެ އަށް ޒިޔާރަތްކުރި ވަގަބޮންޑް މަޖައްލާގެ ޓީމުން ރާއްޖޭގެ ރިސޯޓް، ގެސްޓްހައުސް އަދި ލިވްބޯޑްތަކުން ލިބެން ހުންނަ ހިދުމަތްތައް ތަޖުރިބާ ކުރުމަށްފަހު މި ޓީމުގެ ދަތުރަށް ފަހު ސްވިޑަންގެ މާކެޓަށް އިޝްތިހާރު ކުރާނެ އެވެ.

މިއީ މި އަހަރު މިހާތަނަށް ސްވިޑަން މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރްސީން ކުރިއަށް ގެންދާ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ. މި މާކެޓަށް އަމާޒުކޮށް މި އަހަރުގެ މާޗު މަހު ވިޒިޓް މޯލްޑިވްސް އިން އެމިރޭޓްސްއާ އެކު ވެބިނާއެއް ވެސް ވަނީ ބާއްވައިފަ އެވެ.

ސްވިޑަންގެ މާކެޓުގައި ރާއްޖެ އިޝްތިހާރު ކުރުމަށް އިތުރު ފޭމް ޓްރިޕްތަކާއި، ގޫގުލް އެޑް ވޯޑް ކެމްޕެއިނަކާއި، އަދި ނޯޑިކް ލެޝާ ޓްރަވެލް ގްރޫޕަކާ އެކު ކެމްޕެއިން ކުރުމުގެ އިތުރުން ޓްރެވަލް އޮޕްރޭޓަރުންނާ އެކު ބާއްވާ ކެމްޕެއިނާ އަދި ވެބިނާ ސީރީޒްތައް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި އަހަރުގެ ޖުލައި މަހާ ހަމައަށް ސްވިޑަން އިން ވަނީ 7،553 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ. މި މާކެޓަކީ ރާއްޖޭގެ މާކެޓުގައި 23 ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވާ މާކެޓެވެ. މިދިޔަ އަހަރު ސްވިޑަން އިން ރާއްޖެ ޒިޔާރަތްކޮށްފައި ވަނީ 5،613 ޓޫރިސްޓުންނެވެ. އަދި 2019 އަހަރު ވަނީ 13،245 ޓޫރިސްޓުން ރާއްޖެ ޒިޔާރަތް ކޮށްފަ އެވެ.

ސްވިޑަންގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ދެމެހެއްޓުމަށް އެމްއެމްޕީއާރްސީން ގިނަ މަސައްކަތެއް ކުރެ އެވެ.