Roadha Mihaaru
ޕްރައިމަރީން ބަލިވިޔަސް، ވާދަކުރެވޭ ގޮތް ހަދަން ކޯޓަށް

ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

11 ފެބުރުއަރީ 2019

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލް ކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލް ކުރަން ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއި އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިން އެވެ.

ޖާބިރަކީ، އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ބަޔަކު ކަނޑައަޅަން މިދިޔަ މަހު ބޭއްވި އެ ޕާޓީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާ އަށް ވާދަ ކުރައްވައި، ނާކާމިޔާބުވެވަޑައިގަތް ބޭފުޅެކެވެ. ނަމަވެސް، އޭނާ ވަނީ އަމިއްލަ ގޮތުން އެ ދާއިރާ އަށް ވާދަ ކުރައްވާނެ ކަން ފަހުން އިއުލާން ކުރައްވައިފަ އެވެ.

ޕްރައިމަރީން ބަލިވާ މީހުން އެއްވެސް ގޮތަކުން އިންތިޚާބަށް ވާދަނުކުރެވޭ ގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ގާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރަން ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހު މަޖިލިހަށް ބަލައިގަނެ މިހާރު ވަނީ މަޖިލިހުގެ ކޮމިޓީގަ އެވެ.

ޖާބިރާއި މާނިއުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައި ވަނީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮންނަ، ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާ ބާތިލްކޮށް ދިނުމަށް ނުވަތަ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުން ޕާޓީގެ މެމްބަރުކަން ދޫކޮށްލުމަށް ފަހު، އަމިއްލަ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަ ކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލައިގައި ވަނީ ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލާ މީހުންގެ ޝަރުތު ގާނޫނުއަސާސީ ގައި ބަޔާން ކޮށްފައިވާއިރު، ޕްރައިމަރީން ބަލިވާ މީހުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ އަކީ ގާނޫނުއަސާސީ އަށް ގެނެވޭ އުނި އިތުރެއް ކަމަށެވެ. އަދި އެ ގާނޫނުގެ އެ މާއްދާ އަކީ ގާނޫނުއަސާސީން ލިބިދޭ ވޯޓު ދިނުމުގެ ހައްގާއި އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގާއި ގާނޫނުއަސާސީގައި ބުނާ ހަމަހަމަ ކަމުގެ ހައްގާ ޚިލާފް ކަމެއް ކަމަށް ވެސް އެ މައްސަލައިގައި ވެ އެވެ.

ޕްރައިމަރީން ބަލިވާ މީހުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައީ 2016 ވަނަ އަހަރު އެވެ. އެ އިސްލާހު އެގޮތަށް ގެނައުމުން ގިނަ ފާޑު ކިޔުންތަކެއް އޭރު އެކަމަށް އަމާޒުވި އެވެ.