Roadha Mihaaru
ޕްރައިމަރީން ބަލިވިޔަސް ވާދަކުރެވޭނެ އަމުރަކަށް އެދެފި

ޕްރައިމަރީން ބަލިވުމުން އިންތިޚާބުގައި ވާދަ ނުކުރެވޭ މާއްދާއަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދެފި

13 ފެބުރުއަރީ 2019

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ މާއްދާއަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީން ނާކާމިޔާބުވާ ކެންޑިޑޭޓުންނަށް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮތް މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ނިމެންދެން އެ މާއްދާއަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ސުޕްރީމް ކޯޓުގައި މިއަދު އެދެފި އެވެ.

ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުންނެވެ. އަހުމަދު މުހައްމަދުގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިވަނީ ވަކިން ކަމަށް ވިޔަސް، އެ ދެ މައްސަލަ ކުރިއަށް ގެންދިޔައީ އެއްކޮށެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލް މާނިއު ވިދާޅުވީ މެމްބަރުންގެ ޝަރުތު ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު، ގާނޫނަކުން އެ ޝަރުތުތަކަށް އުނި އިތުރު ނުގެނެވޭނެ ކަމަށެވެ. އިންތިޚާބުތަކުގައި ވާދަކުރުމަކީ އަސާސީ ހައްގެއްކަން ފާހަގަ ކުރައްވައި، މާނިއު ވިދާޅުވީ އެ ހައްގު ގާނޫނަކުން ހިފަހައްޓަން ޖެހޭނީ ކޮންމެހެން ހިފަހައްޓަންޖެހޭ ހާލަތެއްގައި ކަމަށެވެ. އަދި އެކަން ދައުލަތުން ސާބިތުކޮށްދޭން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާނިއު ވިދާޅުވި ގޮތުގައި މަޖިލިސް އިންތިޚާބުގެ ޕްރައިމަރީއެއްގައި ވަކި ދާއިރާއަކަށް ވާދަކޮށް ނާކާމިޔާބުވިޔަސް، ގާނޫނު އޮތް ގޮތުން މަޖިލީހުގެ 85 ދާއިރާއަށް ވާދަކުރުމުގެ ހައްގު ވެސް ގެއްލިގެންދެ އެވެ.

އެކަންކަން ފާހަގަކޮށް، މާނިއު އެދިވަޑައިގަތީ ގާނޫނުގެ އެ މާއްދާ ބާތިލްކޮށްދިނުމަށް ނުވަތަ ޕްރައިމަރީން ބަލިވިޔަސް، ޕާޓީން ވަކިވުމަށް ފަހު އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އަހުމަދު މުހައްމަދުގެ ވަކީލް މުހައްމަދު ހިލްމީ ވިދާޅުވީ މަޖިލިސް މެެމްބަރުންގެ ޝަރުތުތަކާއި މެމްބަރު ކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާއިރު، ޕާޓީތަކުގެ ގާނޫނުގެ އެ މާއްދާ އޮތްގޮތުން ގާނޫނު އަސާސީގައި ބުނާ އެ ޝަރުތުތަކަށް ބަދަލު އަންނަ ކަމަށެވެ.

އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގަކީ ގާނޫނު އަސާސީންނާއި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކުން ވެސް ކަށަވަރުކޮށް ދޭ ހައްގެއްކަން ފާހަގަކުރައްވައި، ހިލްމީ ވިދާޅުވީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް ވާދަނުކުރެވޭ ގޮތަށް ޕާޓީތަކުގެ ގާނޫނުގެ ދަށުން ހައްގު ހިފަހައްޓާފައިވަނީ ކުރިއަރާފައިވާ ގައުމުތަކުގައި އަމަލުކުރާ އުސޫލުތަކާ ވެސް ޚިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނުގެ އެ މާއްދާ އުވާލަން މަޖިލީހަށް މިހާރު ބިލެއް ހުށަހަޅާފައި އޮތްކަން ވެސް ހިލްމީ ފާހަގަ ކުރެއްވި އެވެ.

އެކަންކަން ފާހަގަ ކުރައްވައި، ހިލްމީ ވިދާޅުވީ ޕްރައިމަރީން ބަލިވާ ކެންޑިޑޭޓުންނަށް އިންތިޚާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތް އެ މާއްދާ ބާތިލްކޮށް ދިނުމަށާއި އެ މައްސަލަ ނިމެންދެން އެ މާއްދާއަށް އަމަލު ކުރުން ހުއްޓާލުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހިލްމީ ވިދާޅުވި ގޮތުގައި އެފަދަ ވަގުތީ އަމުރަކަށް އެދުނީ އެ މައްސަލަ ނިމޭއިރު، ގާނޫނުގެ މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފި ނަމަ، އިންތިޚާބަށް ކުރިމަތިލުމުގެ ހައްގު ބައެއް ފަރާތްތަކަށް ގެއްލިގެންދާނެތީ އެވެ.

އެ މައްސަލައަށް ޖަވާބުދާރީވުމަށް ދައުލަތުން ދިން ފުރުސަތުގައި ދައުލަތުން އެދުނީ އިތުރު ފުރުސަތަކަށެވެ. އެ މައްސަލައަކީ އަވަސް މައްސަލައެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އެ މައްސަލައަށް ޖަވާބުދާރީވެވޭނީ މައްސަލަ ދިރާސާ ކުރުމަށް ފަހު ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، އަންނަ އާދިއްތަ ދުވަހާ ހަމައަށް ފުރުސަތު ދިނުމަށް ދައުލަތުން އެދުނެވެ.

އެކަމާ މެދު ފަނޑިޔާރުންގެ ބެންޗުން މަޝްވަރާ ކުރެއްވުމަށް ފަހު ނިންމީ ދައުލަތުން އެދުނު ގޮތަށް އާދިއްތަ ދުވަހާ ފުރުސަތު ދިނުމަށެވެ. އެހެންވެ، ދެން އޮންނަ އަޑުއެހުން އާދިއްތަ ދުވަހު ހެނދުނު ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ. އަދި އެ މައްސަލާގައި އިލެކްޝަންސް ކޮމިޝަން ވެސް ހާޒިރު ކުރާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ.

އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.