12 ފެބުރުއަރީ 2019
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓު ބުރު މިރޭ ފަށާއިރު އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ މެޗަކީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗަށެވެ. އެ މެޗަށް ނުކުންނައިރު އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ޕީއެސްޖީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ.
ޗެމްޕިއަންސް ލީގުގެ ނޮކްއައުޓު ބުރު މިރޭ ފަށާއިރު އެންމެ ގިނަ ބަޔެއްގެ ލޯ އަމާޒުވާނެ މެޗަކީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އާއި އިނގިރޭސި ގަދަބާރު މެންޗެސްޓާ ޔުނައިޓެޑް ވާދަކުރާ މެޗަށެވެ. އެ މެޗަށް ނުކުންނައިރު އޮލެ ގުނަ ސޯލްޝެއާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. ޕީއެސްޖީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާގެ ސަބަބުން ނުކުޅެވުމެވެ.
މިއީ ވާދަވެރި މެޗެއްގައި ޕީއެސްޖީ އާއި ޔުނައިޓެޑް ކުޅޭ ފުރަތަމަ ފަހަރެވެ. ޕީއެސްޖީގެ ދެ ތަރިން ކަމަށްވާ ނޭމާ އާއި ކަވާނީ އަށް މިރޭގެ މެޗުގައި ނުކުޅެވޭއިރު، އެ ޓީމަށް އޮތް އަނެއް ޗެލެންޖަކީ މިހާތަނަށް ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑް ދަނޑުގައި ފްރާންސްގެ އެއްވެސް ޓީމަކަށް މޮޅެއް ހޯދިފައިނުވުމެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ތަރިން ނެތުމުގެ މައްސަލަ ދިމާވިޔަސް އެ ޝަކުވާ ނުކުރާނެ ކަމަށެވެ.
"ޔުނައިޓެޑުގައި ޕޮގްބާ އާއި ރަޝްފޯޑް ނެތިއްޖެނަމަ އެ މީހުންނަށް އުނިކަމެއް ނާންނާނެ؟ ނެތްތަން ނުދައްކާނެ؟ ނޭމާ އަކީ ޔޫރަޕްގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ. އެ ފަދަ ކުޅުންތެރިއަކު ނެތުމަކީ ގެއްލުމެއް. އަނެއްކޮޅުން ކަވާނީ ވެސް މި ހުރީ އަނިޔާގައި،" ކަންބޮޑުވުންތަކާ ގުޅޭގޮތުން ޓުޗެލް ބުންޏެވެ.
އެޓޭކުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ނުލައި ކުޅޭއިރު ބޮޑު ޒިންމާއެއް އުމުރުން 20 އަހަރުގެ ކިލިއަން އެމްބާޕޭ ބޮލުގައި އޮތް ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަދި މިއީ އެމްބާޕޭގެ ފެންވަރު ސާބިތުކޮށްދެވޭނެ މެޗެއްގެ ގޮތުގައި ޓުޗެލް ގަބޫލުކުރެ އެވެ.
"އެމްބާޕޭގެ ހުނަރާ މެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ. ވޯލްޑް ކަޕްގައި އޭނާ އަކީ ކޮން ލެވެލެއްގެ ކުޅުންތެރިއެއްކަން ސާބިތުކޮށްދީފި. މިއީ އޭނާ އަށް ބޮޑު މެޗެއް،" ކުރިން ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިން ޓުޗެލް ބުންޏެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ޓުޗެލް ވާހަކަ ދައްކަނީ. -- ފޮޓޯ: އޭއެފްޕީ
ޕީއެސްޖީގެ ތަރި އެންހެލް ޑި މާރިއާ ވަނީ ޔުނައިޓެޑުގައި އެއް އަހަރު ހޭދަކޮށްފަ އެވެ. އެއީ ކެރިއަރުގައި ދިމާވި އެންމެ އުނދަގޫ ދުވަސްތަކުގެ ގޮތުގައި ސިފަކޮށް އޭނާ ބުނީ މިއީ ވަކި އަމިއްލަ ކަންތައްތަކެއް ހާސިލްކުރުމަށް ވުރެ ޓީމު މޮޅުކޮށްދޭން ބޭނުންވާ މެޗެއް ކަމަށެވެ.
ހޯސޭ މޮރީނިއޯ މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށް މި ސީޒަނުގެ ނިޔަލަށް ސޯލްޝެއާއާ ޓީމު ހަވާލުކުރި ފަހުން އެ ޓީމުގެ ހާލަތު މުޅިން އެއްކޮށް ވަނީ ބަދަލުކޮށްލައިފަ އެވެެ. މެޗަކުން ބަލިނުވެ ދައްކަމުން އައި ތަފާތު ހިތްވަރުން އެ ޓީމު މިހާރު ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް ވަދެފަ އެވެ.
އިނގިރޭސި މީޑިއާގައި މިދިޔަ ދެ ދުވަހު އެންމެ ގަދަޔަށް ދެކެވުނު އެއް ވާހަކަ އަކީ ޔުނައިޓެޑުގެ ކޯޗުކަން ދާއިމީކޮށް ސޯލްޝެއާ އަށް ދިނުމަށް އެ ކްލަބްގެ ބޯޑުގެ ބައެއް މެމްބަރުން ނިންމާފައިވާ ވާހަކަތަކެވެ. ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭގޮތުގައި ސޯލްޝެއާ އަށް ޔުނައިޓެޑުން ދާއިމީ އެއްބަސްވުން ދިނުމުގައި އެންމެ ބޮޑަށް ބަލާނީ ޗެމްޕިއަންސް ލީގުގައި އެ ޓީމު ނެރޭ ނަތީޖާތަކެވެ. އެ ގޮތަށް ބަލާއިރު ޕީއެސްޖީ މެޗަކީ ސޯލްޝެއާ އަށް އިމްތިހާނެކެވެ.
"ޗެމްޕިއަންސް ލީގުގެ ގުރުއަތުލުން ނެގިއިރު އަހަރެން ހިއެއް ނުކުރަން މިހާރު އަހަރެން މިހުރި މަގާމުގައި ހުންނާނެކަމެއް. އެއީ މިއީ ވަރަށް އުނދަގޫ ޗެލެންޖަކަށްވާނެތީވެ. ޕީއެސްޖީ އަކީ ތަރިންގެ ޓީމެއް. އެކަމަކު ޔުނައިޓެޑަކީ އާދަޔާހިލާފު ޓީމެއް. ހީނުކުރާ ފަދަ ނަތީޖާތަކެއް ނެރެފައިވާ ޓީމެއް. އަހަރެމެން މި މެޗަށް މި ނުކުންނަނީ އެންމެ ރަނގަޅު ހާލަތުގައި ވަރަށް ކޮންފިޑެންސާ އެކު،" 1999 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިން ސޯލްޝެއާ ބުންޏެވެ.
ޕީއެސްޖީ މިހާތަނަށް ރަށުން ބޭރުގައި ބަލިކުރި އިނގިރޭސި ޓީމަކީ ޗެލްސީ އެވެ. މި ފަހަރުގެ ގްރޫޕް ސްޓޭޖުގައި ޕީއެސްޖީ ވަނީ ލިވަޕޫލް ދަނޑުގައި 3-2 އިން ބަލިވެފަ އެވެ. ޔުނައިޓެޑުން ބަލިނުވުމުގެ ސިލްސިލާ ދަމަހައްޓަން ނުކުންނައިރު މިއީ އެ ޓީމުގެ ސީޒަނަށް އެންމެ މުހިއްމު އެއް މެޗެވެ.
ޔުނައިޓެޑް ކަޓައިފި، ޕީއެސްޖީ މެޗު ސަސްޕެންޑް
ޔުނައިޓެޑް ބަލިވިއިރު، ޗެލްސީ އަށް އެއް ވަނަ
ކަވާނީއާ ދެކޮޅަށް ނުކުންނަން ޖެހިލުންވޭ: ޓުޗެލް
ޕީއެސްޖީ ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި
ޗެލްސީ އެއްވަރުވިއިރު، ޔުނައިޓެޑުން ޕީއެސްޖީ ބަލިކޮށްފި
ޕީއެސްޖީ ރޮއްވާލުމަށް ފަހު ޔުނައިޓެޑް ކުއާޓާ އަށް
ޔުނައިޓެޑުގެ އަމާޒަކީ ތާރީހު ބަދަލުކުރުން
ޕީއެސްޖީން ޔުނައިޓެޑް ބަލިކޮށްފި
ޕީއެސްޖީ އަތުން ބަޔާން ބަދަލުހިފައިފި
ޔުނައިޓެޑާއި ޕީއެސްޖީ ދެ ވަނަ ބުރާ ގާތަށް