07 މާޗް 2019
ޕެރިސް (މާޗް 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޕީއެސްޖީ އަތުން ރަށުން ބޭރުގައި 3-1 އިން ހޯދި ތާރީހީ މޮޅާ އެކު، އެ ޓީމު ރޮއްވާލުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ޕެރިސް (މާޗް 7) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ޕީއެސްޖީ އަތުން ރަށުން ބޭރުގައި 3-1 އިން ހޯދި ތާރީހީ މޮޅާ އެކު، އެ ޓީމު ރޮއްވާލުމަށް ފަހު މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.
ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ ޕީއެސްޖީ އަތުން 2-0 އިން ބަލިވެފަ އެވެ. ރޭގެ މެޗަށް ނުކުތްއިރު ޔުނައިޓެޑަށް އޮތީ ހަނި ފުރުސަތެކެވެ. ޗެމްޕިއަންސް ލީގުގެ ތާރީހުގައި މިހާތަނަށް އެއްވެސް ޓީމަކަށް ފުރަތަމަ ލެގުގައި އަމިއްލަ ދަނޑުގައި ދެ ލަނޑުގެ ތަފާތަކުން ބަލިވުމަށް ފަހު ނަތީޖާ އަނބުރާލެވިފައިނުވެ އެވެ. އެކަމަކު މެޗަށް ނުކުތްއިރު ތާރީހު ބަދަލުކުރުމުގެ އަމާޒުގައި ނުކުމެ ޔުނައިޓެޑުން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. ޔުނައިޓެޑް ކުރި ހޯދީ ދެ ޓީމު އެގްރިގޭޓުން 3-3 އިން އެއްވަރުވި ނަމަވެސް، ރަށުން ބޭރުގައި ޖެހި ގޯލުން ކުރި ލިިބިގެންނެވެ.
މިރޭގެ މެޗަށް ނުކުތްއިރު އަނިޔާގެ ސަބަބުން ޔުނައިޓެޑް އޮތީ ވަރަށް ބޮޑަށް ބަލިކަށިވެފަ އެވެ. އަނެއްކޮޅުން އެ ޓީމުގެ ތަރި ޕައުލް ޕޮގްބާ ހުރީ ފުރަތަމަ ލެގުގައި ދެއްކި ރަތް ކާޑުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އެހެން ނަމަވެސް ރޭގެ މެޗު ފެށިގެން ފުރަތަމަ މިނިޓުން ފެށިގެން ޔުނައިޓެޑްގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. މެޗުގެ ދެ ވަނަ މިނިޓްގައި ޕީއެސްޖީގެ ޒުވާން ޑިފެންޑަރު ތިލޯ ކެރާ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ރޮމެލޫ ލުކާކޫ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ.
އޭގެ ދިހަ މިނިޓް ފަހުން ޕީއެސްޖީ އަށް އެއްވަރުކޮށްދިނީ ކިލިއަން އެމްބާޕޭ ދިން ބޯޅަ އަކުން ހުއާން ބާނާޓް އެވެ. އޭގެ ކުރިން ޕީއެސްޖީގެ ޑެނީ އަލްވޭސް އަތުން ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް ބޭކާރުވި އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑަށް އަލުން ލީޑު ލިބުނީ ވެސް ޕީއެސްޖީ އަށް ހެދުނު ގޯހަކުންނެވެ.
ވިއްސާރަ ވުމުގެ ސަބަބުން ދަނޑު ތެމިފައި އޮތުމުން ދެ ޓީމަށް ވެސް އުނދަގޫތަކެއް ކުރިމަތިވިއިރު، މެޗުގެ 30 ވަނަ މިނިޓްގައި މާކަސް ރެޝްފޯޑް ޖެހި ބޯޅައެއް ޕީއެސްޖީގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއިޖީ ބުފޮން ހިފަން އުޅުމުގެ ތެރޭގައި އޭނާ އަތުން ދޫވި ވަގުތު ލުކާކޫ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.
މެޗަށް ފަހު ޕީއެސްޖީގެ އެމްބާޕޭ (ކ) އާއި ޔުނައިޓެޑްގެ ރެޝްފޯޑް. -- ފޮޓޯ: އޭއެފްޕީ
ދެ ވަނަ ހާފް ފަށައިގެން ޕީއެސްޖީން ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ނަމަވެސް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާނުލެވުނެވެ. އެކަަމަކު އެ ޓީމަށް ކުއާޓާގެ ޖާގައެއް ޔަގީންކޮށްދޭން އެމްބާޕޭ އަށް ލިބުނު ބޯޅައިން އޭނާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާ ކައިރިން ނައްޓާލުމަށް މަސައްކަތްކުރަނިކޮށް ވެއްޓުމުން ރަނގަޅަށް ފޮނުވާނުލެވުނެވެ. އެ ބޯޅަ އެ ޓީމުގެ ބަނާޓް ޖެހުމުން އަމާޒުވީ ދަނޑިއަށެވެ. އެންހެލް ޑިމަރިއާ ޖެހި ގޯލެއް ވެސް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.
މެޗުގެ މަންޒަރު މުޅިން އެއްކޮށް ބަދަލުވީ އިތުރު ވަގުުތުގައި ޔުނައިޓެޑަށް މެޗުގެ ރެފްރީ ސްލޮވީނިއާގެ ޑަމީރް ސްކޮމީނާ ދިން ޕެނަލްޓީންނެވެ. ޔުނައިޓެޑްގެ ޑިއޭގޯ ޑަލޮޓް ޖެހި ބޯޅައެއް އޭރިއާތެރެއިން ޕީއެސްޖީގެ ޕްރެސްނެލް ކިމްޕެމްބޭ އަތުގައި ޖެހުމުން ރެފްރީ އެންމެ ފުރަތަމަ ޕެނަލްޓީ ނުދެ އެވެ. އެކަމަކު ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީހޯދުމަށް ފަހު ޕެނަލްޓީ ދިނެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ރެޝްފޯޑް ވަނީ ޔުނައިޓެޑަށް ކުއާޓާގެ ޖާގަ ޔަގީންކޮށްދީފަ އެވެ.
މެޗުގެ ފަހު ކަށިގަނޑަށް ފަހު ޕީއެސްޖީގެ ގިނަ ކުޅުންތެރިންނަށް ތިބީ ރޮވިފަ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުހުރި ނޭމާ ވެސް މާޔޫސްވެފައި ހުއްޓެވެ. މިއީ ޕީއެސްޖީ މުބާރާތުގެ ދެ ވަނަ ބުރުން ޖެހިޖެހިގެން ކެޓި ތިން ވަނަ ފަހަރެވެ.
ރޭގެ މެޗަށް ފަހު ޔުނައިޓެޑްގެ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. މިއީ 2014 ވަނަ އަހަރު އަމިއްލަ ދަނޑުގައި އޮލިމްޕިއާކޯސް އަތުން ޗެމްޕިއަންސް ލީގުގެ ނޮކައުޓު ބުރުގައި މޮޅުވި ފަހުން އެ ޓީމަށް މި ބުރުގައި ހޯދުނު ފުރަތަމަ މޮޅެވެ.
ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ: ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ. -- ފޮޓޯ: އޭއެފްޕީ
ޔުނައިޓެޑްގެ މި ކާމިޔާބީއާ އެކު އެ ޓީމުގެ ކޯޗުކަން ދާއިމީ އެއްބަސްވުމެއްގެ ދަށުން މިހާރު ހުރި އޮލެ ގުނަ ސޯލްޝެއާއާ ހަވާލުކުރާނެ ކަމަށް ބެލެވެ އެވެ. ހޯސޭ މޮރީނިއޯ ވަކިކޮށް މިދިޔަ ޑިސެމްބަރު މަހު ސޯލްޝެއާއާ ޔުނައިޓެޑްގެ ކޯޗުކަން މި ސީޒަނުގެ ނިޔަލަށް ހަވާލުކުރިއިރު، މިހާތަނަށް އެ ޓީމު ލީޑުކުރުމުގެ ޒިންމާ ސޯލްޝެއާ ވަނީ ވަރަށް ފުރިހަމަކޮށް ނަގައިފަ އެވެ. ޔުނައިޓެޑަށް އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގެ ތެރެއިން ފުރުސަތު ހޯދައިދިންއިރު، ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕްގައި ވެސް އަންނަނީ ރަނގަޅު ހިސާބެއްގައި ވާދަކުރަމުންނެވެ.
ޔުނައިޓެޑް ކަޓައިފި، ޕީއެސްޖީ މެޗު ސަސްޕެންޑް
ޔުނައިޓެޑް ބަލިވިއިރު، ޗެލްސީ އަށް އެއް ވަނަ
ކަވާނީއާ ދެކޮޅަށް ނުކުންނަން ޖެހިލުންވޭ: ޓުޗެލް
ޕީއެސްޖީ ދެ ވަނަ ބުރުގެ އުއްމީދު އާކޮށްފި
ޗެލްސީ އެއްވަރުވިއިރު، ޔުނައިޓެޑުން ޕީއެސްޖީ ބަލިކޮށްފި
ޔުނައިޓެޑުގެ އަމާޒަކީ ތާރީހު ބަދަލުކުރުން
ޕީއެސްޖީން ޔުނައިޓެޑް ބަލިކޮށްފި
ޔުނައިޓެޑް ފޯމުގައި، ޕީއެސްޖީ އަށް އަނިޔާގެ މައްސަލަ
ޕީއެސްޖީ އަތުން ބަޔާން ބަދަލުހިފައިފި
ޔުނައިޓެޑާއި ޕީއެސްޖީ ދެ ވަނަ ބުރާ ގާތަށް