Roadha Mihaaru
އުފާފާޅުކުރި ގޮތަކުން ބޭލް އަށް ސަސްޕެންޝަނެއް؟

އުފާފާޅުކުރި ގޮތަކުން ބޭލް އަށް ސަސްޕެންޝަނެއް؟

15 ފެބުރުއަރީ 2019

މެޑްރިޑް (ފެބްރުއަރީ 15) - މިދިޔަ ހަފްތާގައި ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލް މެޑްރިޑްގެ ތަރި ގަރެތު ބޭލް އުފާފާޅުކުރިއިރު ކުޅިވަރުގެ ރޫހާ ހިލާފު އިޝާރާތެއް ކޮށްފައިވާތީ އޭނާ އަށް ސަސްޕެންޝަނެއް އައުމުގެ ބިރުބޮޑުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ފެބްރުއަރީ 15) - މިދިޔަ ހަފްތާގައި ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ރެއާލް މެޑްރިޑްގެ ތަރި ގަރެތު ބޭލް އުފާފާޅުކުރިއިރު ކުޅިވަރުގެ ރޫހާ ހިލާފު އިޝާރާތެއް ކޮށްފައިވާތީ އޭނާ އަށް ސަސްޕެންޝަނެއް އައުމުގެ ބިރުބޮޑުވެއްޖެ އެވެ.

އެތުލެޓިކޯ ދަނޑުގައި ރެއާލް 3-1 އިން މޮޅުވި މެޗުގައި ލަނޑު ޖެހުމަށް ފަހު އަތުގެ އިޝާރާތް ބޭނުންކޮށް ބޭލް ވަނީ ސަޕޯޓަރުން ނުރުހުންވާގޮތަށް އުފާފާޅުކޮށްފަ އެވެ. އަދި ބޭލް އަތުގެ އިޝާރާތް ބޭނުންކުރުމުގައި ކަންތައް ކުރި ގޮތުން ގިނަ ސަޕޯޓަރުން ވަނީ އޭނާއާ މެދު ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ބޭލް އުފާފާޅުކުރިއިރު ބޭނުންކުރި "ސްލީވް ކަޓާ ސެލެބްރޭޝަން (އެތްއަތުން އަނެއް އަތުގެ ހުޅު ބުރިކޮށްލާ އިޝާރާތެއް ދެއްކުން)" އަކީ ސްޕެއިނު ފުޓްބޯޅަ ފެޑެރޭޝަނުން މީގެ ކުރިން ހަރުކަށި އަދަބު ދީފައިވާ އުފާފާޅުކުރުމެކެވެ.

މި މައްސަލައިގައި ލަލީގާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭލްގެ މި އުފާފާޅުކުރުމުގެ ސަބަބުން ސަޕޯޓަރުންގެ މެދުގައި ނަފުރަތު އުފެއްދި ހިޔާލުތަފާތުވުންތައް ބޮޑުވެ، މަސްލަހަތު ގެއްލިދާފަދަ ކަންތައްތަކެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމަށާއި އެ ފަދަ ކުޅިވަރުގެ ރޫހާ ހިލާފު ކަމެއް ފެނުމުން އޭނާ އަށް އެކަމާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

ސްޕެއިނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ގަވާއިދު ބުނާގޮތުން އޭނާ އަށް 4-12 މެޗާ ދެމެދުގެ ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑެވެ. ހަމައެކަނި ސަޕޯޓަރުން ރުޅިގަދަވާގޮތަށް ބޭލް އަމަލުކޮށްފައިވާ ކަމަށް ބެލެވިއްޖެނަމަ އޭނާ އަށް އަންނާނީ އެންމެ ގިނަ ވެގެން ތިން މެޗުގެ ސަސްޕެންޝަނެކެވެ.

ފަހަކަށް އައިސް ބޭލް އަންނަނީ ގިނަ މެޗުތަކެއްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ލަލީގާ އިން ބޭލް އަށް އަދަބު ދޭން ގޮވާލާފައިވީ ނަމަވެސް އެކަމާ މެދު ގޮތެއް ނިންމާނީ ސްޕެއިނުގެ ފެޑެރޭޝަނުގެ ކޮމިޓީންނެވެ.

ސްޕެނިޝް ލީގުގައި ރެއާލް ދެން އެންމެ އަވަހަށް ކުޅޭނީ ލެވާންޓޭ އާއި ޖިރޯނާއާ ދެކޮޅަށެވެ. އޭގެ ފަހުން ދެން ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށް ކުޅޭ ދެ މެޗަށެވެ. އެ ދެ މެޗު ވެސް ރެއާލުގެ ދަނޑުގައި ކުޅޭއިރު، އޭގެ ތެރެއިން އެއް މެޗަކީ ސްޕެނިޝް ކަޕް ސެމީ ފައިނަލުގެ ދެ ވަނަ ލެގެވެ. ބޭލް އަށް ބޮޑު ސަސްޕެންޝަނެއް އަތުވެއްޖެނަމަ އޭނާ އަށް ބާސެލޯނާއާ ދެކޮޅަށް ކުޅޭ މެޗު ގެއްލޭނެ އެވެ.