Roadha Mihaaru
ރިޕޯޓް ޕީޖީގެ މޭޒުމަތީގައި، އެޅި ފިޔަވަޅެއް ނެތް!

ރިޕޯޓް ޕީޖީގެ މޭޒުމަތީގައި، އެޅި ފިޔަވަޅެއް ނެތް!

19 ފެބުރުއަރީ 2019

އެމްއެމްޕީއާރުސީގެ ޚިޔާނާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓް، ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އަށް ފޮނުވިތާ ގާތްގަނޑަކަށް ދެ އަހަރުވި އިރު ވެސް ފިޔަވަޅު އަޅާފައި ނުވާތީ އޭސީސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ޚިޔާނާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓް، ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އަށް ފޮނުވިތާ ގާތްގަނޑަކަށް ދެ އަހަރުވި އިރު ވެސް ފިޔަވަޅު އަޅާފައި ނުވާތީ އޭސީސީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ތަހުގީގީ އިދާރާތަކުން ފޮނުވާ މައްސަލަތައް ދިރާސާކޮށް، އޭގައި ހިމެނޭ ޖިނާއީ ކުށްތަކަށް ދައުވާ ކުރަން ޝަރީއަތަށް ހުށަހެޅުމަކީ ޕްރޮސިކިއުޓަ ޖެނެރަލްގެ މަސްއޫލިއްޔަތެކެވެ. އަދި ތަހުގީގުތައް ފުރިހަމަ ނުވާ ނަމަ، އަލުން އެ މައްސަލައެއް ބަލަން އިދާތަކަށް އަމުރުކުރުމަކީ ވެސް ޕީޖީގެ ގާނޫނީ ޒިންމާއެކެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތް ތަހުގީގުކޮށް، ރިޕޯޓް ޕީޖީގެ އޮފީހަށް އޭސީސީން ފޮނުވީ އޮގަސްޓު، 10، 2017 ގަ އެވެ. އެ ރިޕޯޓުގައި އެސްއޯއެފުން މަނީ ލޯންޑަރިން ހިންގި ގޮތާއި އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓްތަކަށް ޖަމާކޮށް، ޑޮލަރު ވިއްކުމުގެ މުއާމަލާތް ހިންގި ގޮތާއި ފައިސާ ޖަމާކުރި 155 މީހުންގެ ތަފްސީލްތައް ހިމަނާފައިވެ އެވެ.

މީގެ އިތުރުން ޓޫރިޒަމްގެ ބޭނުމަށް ރަށްތަކާއި ފަޅުތައް ނުއަގުގައި ވިއްކި ގޮތާއި ދައުލަތަށް ލިބުނު ގެއްލުން ވެސް ރިޕޯޓުގައި ހިމަނާފައިވެ އެވެ. އެކަމަކު، އެސްއޯއެފުން ޑޮލަރު ވިއްކި 155 މީހުންނާ، ހިޔާނާތާ ހުރި ގުޅުމާއި ދައުލަތުގެ ފައިސާ އެސްއޯއެފުން ބެހި މީހުންގެ ތަފްސީލާ ހަމައަށް އޭސީސީން ވާސިލްވެފައެއް ނުވެ އެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ފުރިހަމަ ނުވާތީ އެ ކޮމިޝަނަށް އަމާޒުކުރި ފާޑުކިއުންތަކަށް ރައްދު ދީ އޭސީސީން ނެރުނު ބަޔާނުގައި، އެ ޚިޔާނާތާ ގުޅިގެން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުމާލުތައް ވަނީ އާއްމުކޮށްފަ އެވެ. އޭސީސީގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އަމާޒުވި އެއް މުއައްސަސާ އަކީ، ޔާމީންގެ ވެރިކަން ދަމަހައްޓަން ސިޔާސީ ފަރާތްތަކަށް ނުހައްގު ދައުވާ އުފުލި ކަމަށް ތުހުމަތު ކުރެވޭ ޕްރޮސިކިއުޓަ ޖެނެރަލް ބިޝާމެވެ.

އޭސީސީގެ ބަޔާނުގައި ބުނެފައި ވަނީ ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާ ގުޅުން ހުރި މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް 2017 ވަނަ އަހަރު ފޮނުވި ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތަށް ތުހުމަތުކުރެވޭ، އެ ކޮމިޝަނުން ބަލަމުން ދިޔަ އެ ނޫން މައްސަލަތައް ވެސް ޕީޖީއާ ހިއްސާކުރި ކަަމަށް އޭސީސީން ބުންޏެވެ.

"...ޕީޖީން އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަން މި ކޮމިޝަނަށް މިހާތަނަށް އަންގައިފައެއް ނުވެ އެވެ،" އޭސީސީގެ ބަޔާނުގައިވެ އެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން: ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް މުއައްސަސާތަކަށް ފޮނުވުމުން އަޅާނުލީ ކަމަށް އޭސީސީން ތުހުމަތު ކުރޭ

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެމްބަރުން: ހިޔާނާތުގެ މައްސަލަ ތަހުގީގުކޮށް މުއައްސަސާތަކަށް ފޮނުވުމުން އަޅާނުލީ ކަމަށް އޭސީސީން ތުހުމަތު ކުރޭ

އެ ކޮމިޝަނުން ބުނިގޮތުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް 70 އަށް ވުރެ ގިނަ ރަށާއި ފަޅުތައް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ މައްސަލަތައް ޕީޖީ އަށް ފޮނުވި ނަމަވެސް މިހާތަނަށް ދައުވާ އުފުލީ ޅ. މާބިންހުރާ މައްސަލައިގައި އެކަންޏެވެ. އެ މައްސަލައިގައި ކޯޓުން ހުކުމް ކުރީ ކޮރަޕްޝަން ސާބިތުވާ ކަމަށެވެ.

އޭސީސީން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޕީޖީ އަށް ފޮނުވި މައްސަލަތަކުގެ ތަފްސީލް ވެސް އާއްމުކޮށްފަ އެވެ. އޭގެ ތެރޭގައި، އެމްއެމްޕީއާރުސީން ނަސަންދުރަ ޕެލަސް ހޮޓެލް ގާނޫނާ ޚިލާފަށް 50 އަހަރަށް ކުއްޔަށް ދޫކުރި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ފޮނުވި މައްސަލަ ވެސް ހިމެނެ އެވެ.

ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގައި، ކޮރަޕްޝަނުން ހޯދާ މުދަލާއި ފައިސާ އޭސީސީ އަށް ހޯދޭނީ އެ މީހެއްގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާ ކުށެއް ސާބިތުވެއްޖެ ނަމަ އެވެ. މަނީ ލޯންޑަރިންގެ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު އޭސީސީއަކަށް ނޯވެ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފާހަގަކުރެވުނު ކަންކަމާ ގުޅިގެން ޖޮއިންޓް އިވެންސްޓިގޭޝަނެއް ކުރިއަށް ގެންދަން ފުލުހުންގެ އިދާރާގައި 2017 ވަނަ އަހަރުން ފެށިގެން އެދެމުން އައި ނަމަވެސް މިހާތަނަށް ވެސް އެ ފުރުސަތު ލިބިފައި ނެތް ކަަމަށް އޭސީސީން ބުންޏެވެ.