މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
20 ފެބުރުއަރީ 2019
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ އެސްއޯއެފުން ޖަމާކުރި 155 މީހުންނާ ގުޅޭ ތަހުގީގު ކުރިއަށް އެބަދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމަށް ދޫކުރި ރަށްތަކާއި ފަޅުތަކުން ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ޖަމާކުރީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި އެސްއޯއެފަށެވެ. އެ ހިޔާނާތް ތަހުގީގުކޮށް އޭސީސީން ނެރުނު ތަފްސީލް ރިޕޯޓުގައި އެސްއޯއެފުން ފައިސާ ޖަމާކުރި 155 މީހުންގެ ނަން ހިމެނެ އެވެ.
ރިޕޯޓުގައިވާ ގޮތުން އެސްއޯއެފުން ވަނީ ބައެއް މީހުންނަށް މިލިއަނުންނާއި ލައްކަ އިން ޑޮލަރު ޖަމާކޮށްފަ އެވެ.
އޭގެތެރޭގައި މި ސަރުކާރުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރިވެރިންނާއި އާއްމުން ވެސް ހިމެނެ އެވެ. އެކަމަކު، ހިޔާނާތުގައި އެ މީހުންގެ ބައިވެރިވުން އޮތީ ކިހާ މިންވަރަކަށް ކަމެއް ނުވަތަ އެސްއޯއެފުން ފައިސާ ޖަމާކުރި ބޭނުން ތަހުގީގު ރިޕޯޓުގައި އޭސީސީން ސާފުކޮށްދީފައެއް ނުވެ އެވެ.
އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ތަހުގީގު ނިންމައި، އޮގަސްޓު 10، 2017 ގައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް އެ ކޮމިޝަނުން ރިޕޯޓް ފޮނުވި އިރު ވެސް 155 މީހުންގެ މައްސަލަ ވަކި ތަހުގީގެއްގެ ގޮތުގައި ކުރިއަށް ގެންދަން އޮތީ ނިންމާފައި ކަމަށެވެ. އެ ތަހުގީގުގައި އޭސީސީން މިހާރު ކުރަމުން އަންނަ ކަމަކީ އެ ލިސްޓުގައި ހިމެނޭ މީހުންނަށް ފައިސާ ޖަމާވި ސަބަބު ދެނެގަތުން ކަމަށް މުއައްވިޒް ވިދާޅުވި އެވެ.
"އެ ލިސްޓުގައި ހިމެނޭ ފަރާތްތަކާ އިތުރަށް އޭސީސީން އަންނަނީ ސުވާލު ވެސް ކުރަމުން،" މުއައްވިޒް ވިދާޅުވި އެވެ.
އެސްއޯއެފުން 155 މީހަކަށް ފައިސާ ޖަމާކުރި ސަބަބު ދެނެގަތުމުގައި އޭސީސީ އަށް ގާނޫނީ ގޮތުން ގޮންޖެހުންތަކެއް ހުރި ކަން ފާހަގަކުރައްވައި، މުއައްވިޒް ވިދާޅުވީ އެ ތަހުގީގު ފުލުހުންނާ އެކު ކުރިއަށް ގެންދަން އެ މުއައްސަސާ އެކު ވެސް މިހާރު އަންނަނީ މަޝްވަރާ ކުރަމުން ކަމަށެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި އެ ކޮމިޝަނުން ތަހުގީގު ކުރީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކާ ގުޅުން ހުރި މައްސަލައަކަށް ވެފައި އެ މައްސަލައިގައި ސުވާލުކުރީ ތުހުމަތު ކުރެވުނު މީހުންގެ އިތުރުން ހެކިބަސް ދިން މީހުންނާއި ރަށްތަކާ ގުޅުން ހުރި މީހުންނާ އެވެ. އެ ހިޔާނާތާ ގުޅޭ ފައިސާގެ މުއާމަލާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތައް ތަހުގީގަށް ހާޒިރު ނުކުރުމަކީ ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް އޭސީސީން ބުންޏެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއެރީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި ރޯކޮށްލުމާ އެކުގަ އެވެ.
އެސްއޯއެފްގެ ހިއްސާދާރުންގެ ގޮތުގައި ތިބި އަދީބުގެ އެކުވެރިން، އެ ހާދިސާ އަށް ފަހު ވަނީ ފިލައިގެން ރާއްޖެ އިން ބޭރަށް ގޮސްފަ އެވެ. އެއީ، މުހައްމަދު އައްލާމް ލަތީފް (މޮހޯ) އާއި މުހައްމަދު ހުސެއިން (އޮއިއްޓެ) އެވެ. އެސްއޯއެފުން ލޯންޑަކުރި ފައިސާ ބެހުމުގައި އެ ދެ މީހުންގެ އިތުރުން އުޅުނު ކަމަށް ތުހުމަތު ކޮށްފައިވާ އަހްމަދު އިޝްފާހު އަލީ ވެސް ވީ ރާއްޖެ އިން ބޭރުގަ އެވެ. ތަހުގީގަށް އެ މީހުން ހާޒިރުކުރަން ފުލުހުން ރެޑް ނޯޓިސް ނެރެފައިވީ ނަމަވެސް މިހާތަނަށް އެ މީހުން ހާޒިރުކުރެވިފައެއް ނުވެ އެވެ.
ޚިޔާނާތް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން ވެސް ވަނީ، އޭސީސީގެ ރިޕޯޓުގައި ފައިސާ ލިބުނު ކަމަށް ނަން އާއްމުކޮށްފައިވާ 155 މީހުންނަށް ފައިސާ ޖަމާވި ސަބަބު ހޯދައި ގޯހެއް އުޅޭ ނަމަ އެކަން ވެސް ހިއްސާކޮށްދޭން އޭސީސީގައި އެދިފަ އެވެ.
އެ ރިޕޯޓް އާއްމުވުމާ އެކު ސަރުކާރުން ވަނީ، 155 މީހުންގެ ލިސްޓުގައި ހިމެނޭ މި ސަރުކާރުގެ އިސް ބޭފުޅުންތަކެއް ސަސްޕެންޑްކޮށްފަ އެވެ. އޭގެތެރޭގައި، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފާއި ފެންކުންފުނީގެ ޗެއާމަން އަހްމަދު މައުސޫމާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން އާއި އައައިލެންޑް އޭވިއޭޝަންގެ ބޯޑު މެމްބަރު އާޒިމް ހިމެނެ އެވެ.
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
10 ރަށެއް ދިނުމުން އަދީބާ ދެކޮޅަށް ދައުވާކޮށްފި
ހިޔާނާތުގެ ރަށްތައް އަތުލެވޭކަށް ނެތް, ހަމަ އަގު ހޯދޭނެ؟
ރައީސަށް އެމްއެމްޕީއާރުސީގެ ތަހުގީގު ލަހެއް ނޫން!
ޚިޔާނާތުގެ ތަހުގީގު ނުނިމޭ، އިތުރު ކަންކަން ހާމަވާނެ
މައުސޫމާ މެދު ވެސް އަމަލުކުރީ އެއް އުސޫލަކުން
ރިޕޯޓް ޕީޖީގެ މޭޒުމަތީގައި، އެޅި ފިޔަވަޅެއް ނެތް!
ރައީސަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ
މަސް ނިމިއްޖެ، ބޮޑު ހިޔާނާތުގެ ރިޕޯޓެއް ނުނެރުނު!
"ހިޔާނާތުގެ ފައިސާ ހޯދޭނެ ކަމުގެ އުއްމީދެއް ލިބިއްޖެ"