Roadha Mihaaru
މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

މަޖިލިސް އިންތިހާބަށް ރީ-ރަޖިސްޓްރީވާން ހުޅުވާލައިފި

19 ފެބުރުއަރީ 2019

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހުޅުވާލައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އޭޕްރިލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީ-ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއްޔެ ހުޅުވާލައިފި އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލާން ރަޖިސްޓްރީކުރި ތަނަށް މި އިންތިހާބުގައި ވޯޓު ލާ މީހުން ރީ-ރެޖިސްޓްރީވާކަން ނުޖެހޭނެ އެވެ. އެ މީހުން ވޯޓުލާން މިހާރު ވެސް އޮންނާނީ ރިޔާސީ އިންތިހާބުގައި ވޯޓު ލީ ތަނަށެވެ. ރީ-ރެޖިސްޓްރީވާން ޖެހޭނީ މިހާރު ރަޖިސްޓްރީވެފައިވާ ތަނަށް ބަދަލެއް ގެންނަން ބޭނުންވާ މީހުންނެވެ.

އީސީގެ އިއުލާނުގައި ބުނީ އޭޕްރިލް 6 ގައި ބާއްވާ އިންތިހާބުގައި ރީ-ރަޖިސްޓްރީ ވުމުގެ ފުރުސަތު މާޗު މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

ވޯޓުލާން ރަޖިސްޓްރީވުމަށް ބޭނުންވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެ އެވެ. އަދި އެ ތަންތަނުން ފޯމުތައް ބަލައިގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ އެވެ. މާލެއިން ނަމަ އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ބާ ޖަމާލުއްދީނުގައި ހުންނަ އީސީގެ ބިއުރޯ އިން ނެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުތް ބައެއް މީހުން ކިޔުގައި -- ފޮޓޯ: މިހާރު

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލާން ނިކުތް ބައެއް މީހުން ކިޔުގައި -- ފޮޓޯ: މިހާރު

އީސީން ބުނީ ފޯމު ބަލައިގަންނާނީ ފޯމު ހުށަހަޅަން އަންނަ މީހަކު ޒިންމާވާ ގޮތަށް ކަމަށެވެ. އާންމު ފަރުދަކަށް 10 ފޯމު ހުށަހެޅޭ އިރު، ސިޔާސީ ޕާޓީއަކަށް އެއްފަހަރާ 100 ފޯމު ހުށަހެޅޭނެ އެވެ. އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހަޅާ ފޯމެއް ބަލައެއް ނުގަންނާނެ އެވެ.

ރީ-ރަޖިސްޓްރީކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.

އީސީން ވަނީ މި އިންތިހާބުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާން ބޭނުންވާ މީހުން އެކަމަށް އެދުމަށް ދިން މުއްދަތު މި މަހު 28ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.