Roadha Mihaaru
ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު ހަ ދުވަހަށް ހުޅުވާލައިފި

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު ހަ ދުވަހަށް ހުޅުވާލައިފި

10 މާޗް 2024

އަންނަ މަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު ހަ ދުވަހުގެ މުއްދަތަކަށް މިއަދު ހުޅުވާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަންނަ މަހު 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު ހަ ދުވަހުގެ މުއްދަތަކަށް މިއަދު ހުޅުވާލައިފި އެވެ.

އީސީގެ ނައިބު ރައީސް އަދި ތަރުޖަމާން އިސްމާއިލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 3:00 ގެ ނިޔަލަށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

"ރީ-ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ދުރާލާ އޮންލައިންކޮށް ރީ-ރަޖިސްޓަރީ ކުރެއްވުން އެދެން،" ހަބީބް ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ރީ-ރަޖިސްޓާކުރުމަށް ފޯމު ހުށަހަޅަން ޖެހެނީ އީސީގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.

ކުރިން މި މަހު 17 ގައި ބާއްވާ ގޮތަށް ހަމަޖެއްސި މަޖިލިސް އިންތިހާބު އަންނަ މަހު 21 އަށް ފަސްކުރުމާ ގުޅިގެން ވޯޓުލުމުގެ ހައްގު އިތުރު 560 މީހަކަށް ވަނީ ލިބިފަ އެވެ. އެހެންވެ އެ މީހުންނާއި އިތުރު މީހުންނަށް ވެސް ރީ-ރަޖިސްޓާކުރުމުގެ ފުރުސަތު ދޭން އީސީން ނިންމި އެވެ.

ރާއްޖެއިން ބޭރުގައި ވޯޓުފޮށި ބަހައްޓަން ހުޅުވާލި ފުރުސަތުގައި އަދަދު ހަމަނުވާ ގައުމުތަކަށް ވެސް އިތުރު ފުރުސަތެއް ދީ، އަދަދު ހަމަވޭތޯ ހުޅުވާލަން ނިންމާފައިވާ ކަމަށް އީސީން ބުނެފައިވެ އެވެ. އަދި ލަންޑަނާއި ތައިލެންޑް ފަދަ ތަންތަނަށް އިތުރު ފުރުސަތު ދީ، 150 ހަމަވެއްޖެ ނަމަ، އެ ތަންތަނުގައި ވެސް ވޯޓުފޮށި ބަހައްޓަން ވަނީ ނިންމައިފަ އެވެ.