Roadha Mihaaru
ބަޔާނާ ދެކޮޅަށް ހާއްސަ ވާދަވެރިކަމެއް ނެތް: ކްލޮޕް

ބަޔާނާ ދެކޮޅަށް ހާއްސަ ވާދަވެރިކަމެއް ނެތް: ކްލޮޕް

19 ފެބުރުއަރީ 2019

ލިވަޕޫލް (ފެބްރުއަރީ 19) - ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލް ގޮވައިގެން ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު، މިއީ އޭނާ އަށް ހާއްސަ ވާދަވެރިކަމެއް އޮންނަ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލިވަޕޫލް (ފެބްރުއަރީ 19) - ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލް ގޮވައިގެން ބަޔާން މިއުނިކާ ދެކޮޅަށް ނުކުންނައިރު، މިއީ އޭނާ އަށް ހާއްސަ ވާދަވެރިކަމެއް އޮންނަ މެޗެއްގެ ގޮތުގައި ނުދެކޭ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ކްލޮޕް 2008-2015 އަށް ބޮރޫޝިއާ ޑޯޓްމަންޑަށް ކޯޗުކޮށްދިންއިރު، އޭނާ އެންމެ ބޮޑަށް ވާދަކުރީ ބަޔާންއާ އެވެ. ޑޯޓްމަންޑުގެ ކޯޗަކަށް ހުރެ، ކްލޮޕް ވަނީ ބަޔާނުގެ މައްޗަށް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު ޑޯޓްމަންޑް ގޮވައިގެން ނުކުމެ މިހާތަނަށް ކްލޮޕް އެންމެ ބޮޑަށް މާޔޫސްވި މެޗަކީ 2013 ވަަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ބަޔާން އަތުން ބަލިވި މެޗުތަކަށް ވަނީ މީގެ ކުރިން ބުނެފަ އެވެ. ބަޔާން ކޯޗުކަން ދެ ފަހަރެއްގެ މަތިން ކްލޮޕަށް ހުށަހެޅި ނަމަވެސް އޭނާ ވަނީ އެ ފުރުސަތުތަކަށް ނޫނެކޭ ބުނެފަ އެވެ.

"ބަޔާނާ އަހަންނާ ދެމެދު އެއްވެސް ކަމެއް ނެތް. ޔަގީނުން ވެސް ޒާތީ ކަމެއް ނެތް. އެހެންވެ މިއީ އެއްވެސް ގޮތަކަށް ހާއްސަ ވާދަވެރިކަމެއް ގޮތުގައި އަހަރެން ނުދެކެން. ހަމައެކަނި އޮތް ހިތް ނުތަނަވަސްކަމަކީ އަހަރެމެންގެ ކުޅުންތެރިން ބަޔާނުން ގަތުން. އެހެން އެގޮތަށް އޮއްވައި އަހަންނަށް ނުބުނެވޭނެ ބަޔާނާ ހަމައަށް އެ ކުޅުންތެރިން ގެންގޮސްދޭނީ އަހަރެން ކާރުގައޭ." ކްލޮޕް ބުންޏެވެ.

ލިވަޕޫލް ގޮވައިގެން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކްލޮޕް ވަނީ ވާދަކޮށްފަ އެވެ. އެކަމަކު ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ވަނީ ބަލިވެފަ އެވެ. ކްލޮޕް ބުނީ މިދިޔަ އަހަރުގެ އެ ދަތުރުން ލިބިފައިވަނީ ހިތްވަރު ކަމަށާއި ގިނަ ބަޔަކު ލިވަޕޫލާ މެދު ދެކޭގޮތް ވެސް ބަދަލުކުރެވުނު ކަމަށެވެ.

"(މެންޗެސްޓާ) ސިޓީއާ ދެކޮޅަށް އަހަރެމެން ކުޅުނުއިރު ގިނަ ބަޔަކު ނިންމައިގެން ތިބީ ފުރުސަތެއް ނެތް ކަމަށް. އެ ދުވަސް މާޒީ ވެއްޖެ. މިހާރު ގިނަ ބަޔަކު ގަބޫލުކުރޭ އަހަރެމެންނަށް ބަޔާން ވެސް ބަލިކުރެވޭނެ ކަމަށް. ލިވަޕޫލްގެ ވާހަކަ ދަނީ ކުރިއަށް. މިއީ ނިމިފައި އޮތް ވާހަކައެއް ނޫން،" ކްލޮޕް ބުންޏެވެ.

މިރޭގެ މެޗަށް ނުކުންނައިރު ސަސްޕެންޝަނުގެ ސަބަބުން ލިވަޕޫލްގެ އެއް ނަމްބަރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް ނުކުޅެވޭނެ އެވެ. ޑޭޔާން ލޮވްރެން އާއި ރޮބާޓޯ ފިރްމީނޯ މެޗާ ގާތްކޮށް ފިޓްނަސް ޓެސްޓްތަކެއް ހެދުމަށް ނިންމާފައިވާއިރު، އެ ދެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ބަޔާނުން ވެސް މިރޭގެ މެޗަށް އައީ ތަޖުރިބާކާރު ތިން ކުޅުންތެރިން ކަމަށްވާ ފްރޭންކް ރިބަރީ، ޖެރޯމް ބޯޓެން އަދި އާޔެން ރޮބެން ނުލަ އެވެ. އަދި ގްރޫޕް ސްޓޭޖުގައި ދެއްކި ރަތް ކާޑެއްގެ ސަބަބުން ތޯމަސް މުލާ ވެސް ވަނީ ދެ މެޗަށް ސަސްޕެންޑްވެފަ އެވެ. އެކަމަކު އަނިޔާއިން ރަނގަޅުވެ، އެއް ނަމްބަރު ކީޕަރު މެނުއަލް ނޯޔާ މި މެޗުގައި ކުޅޭނެ އެވެ.

ބަޔާނުގެ ކޯޗު ކްރޮއޭޝިއާގެ ކުރީގެ މިޑްފީލްޑަރު ނިކޯ ކޮވަޗް ބުނީ މިއީ އެ ޓީމަށް އެންމެ އުނދަގޫވާނެ މެޗު ކަމަށެވެ

"ލިވަޕޫލުން މިދިޔަ ސީޒަނުގައި ހާސިލްކުރި ކަންތައްތަކާއި މި ސީޒަނުގައި ޕްރިމިއާ ލީގުގައި އެ ޓީމުން ދައްކަމުން އަންނަ ކުޅުމަށް ބަލާއިރު މިއީ އަހަރެމެންނަށް ކުރިމަތިވާނެ އެންމެ އުނދަގޫ މެޗު. މިއީ އަހަރެން މި ކްލަބުގައި ހުރުމާ ބެހޭގޮތުން ވާހަކަ ދައްކަންވީ ވަގުތެއް ނޫން. މި ޓީމާއި ކުޅުންތެރިންގެ ކުރިއެރުމުގެ ވާހަކަ ދައްކަންވީ ވަގުތު،" ލިވަޕޫލް އަތުން ބަލިވެ މުބާރާތުން ކަޓައިފިނަމަ އޭނާގެ ވަޒީފާ ގެއްލިދާނެތޯ ކުރި ސުވާލަށް ކޮވަޗް ބުންޏެވެ.

ޔޫރަޕްގެ މުބާރާތްތަކުގައި ލިވަޕޫލާ ދެކޮޅަށް މިހާތަނަށް ކުޅުނު ހަތް މެޗުގެ ތެރެއިން ބަޔާން މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 1971 ވަނަ އަހަރުގެ ޔުއެފާ ކަޕް ވިނާސް ކަޕްގަ އެވެ. ބަޔާނަށް އޮތް ހިތްހަމަޖެހުމަކީ މިހާތަނަށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ބަލިނުވެ އޮތް ފަސް ޓީމުގެ ތެރޭގައި އެ ޓީމު ހިމެނުމެވެ. އަމިއްލަ ދަނޑުގައި ޔޫރަޕްގައި އެންމެ ފަހުން ލިވަޕޫލް ކުޅުނު 19 މެޗުން ވެސް ބަލިވެފައެއް ނުވެ އެވެ.

މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 1 ޖަހާއިރު ލިވަޕޫލްގެ އެންފީލްޑްގަ އެވެ. ކިޔުންތެރިންގެ ނަޒަރުގައި މިރޭގެ މެޗުން މޮޅުވާނީ ކޮން ޓީމެއް ހެއްޔެވެ؟