Roadha Mihaaru
ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ ބަދަލު ހިފައިފި

ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ ބަދަލު ހިފައިފި

25 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ 2-1 އިން ބަލިކޮށް، ދެ ވަނަ ބުރުގައި މިދިޔަ ހޯމަ ދުވަހު އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ޓީސީ ސްޕޯޓްސް ކްލަބުން ހިފައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ 2-1 އިން ބަލިކޮށް، ދެ ވަނަ ބުރުގައި މިދިޔަ ހޯމަ ދުވަހު އެ ޓީމު އަތުން ބަލިވި ބަލިވުމުގެ ބަދަލު ޓީސީ ސްޕޯޓްސް ކްލަބުން ހިފައިފި އެވެ.

ފަހު ވަގުތު ޖެހި ލަނޑާ އެކު އެ މެޗުން ޓީސީ ހިތްދަތި ގޮތަކަށް ބަލިވިއިރު، މިއަދުގެ މޮޅާ އެކު ތިން ވަނައިގައި އޮތް ޓީސީ ވަނީ 27 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ވެސް 27 ޕޮއިންޓް ލިބިފައިވާއިރު އެ ޓީމަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އެއް ވަނައިގައި 31 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ 18 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބުކުރީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަލީ ފާސިރު (ސެންޓޭ) އެވެ. މެދުތެރެއިން ސެންޓޭ އަށް ދިން ބޯޅަ، އޭނާ ގޯލް ތެރެއަށް ވައްދާލީ ގޯލްކީޕަރު ކައިރިން ނައްޓާލުމަށް ފަހު އެވެ.

އޭގެ ކުރިން ޓީސީގެ މުހައްމަދު ނިޒާމް ވަނީ ގޯލް ޖެހުމާ ވަރަށް ގާތަށް ގޮސްފަ އެވެ. އޭނާ 21 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅަ، ގޯލަށް ނުވަނީ ކިރިޔާ އެވެ. އެ ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު މުހައްމަދު އަލް ޔޫސުފް ހުށިޔާރުކަމާ އެކު މަތަކުރި އެވެ. އޭގެ ފަހުން އޭނާ އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ޖެހުނީ ގޯލް ދަނޑީގަ އެވެ.

ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސެންޓޭ އަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އެކަމަކު އެނިމާއެކަނި އަރައި އޭނާ ބޯޅަ ގޯލަށް ފޮނުވާލަން އުޅެނިކޮށް ޔުނައިޓެޑް ވިކްޓަރީގެ ޑިފެންޑަރަކު ވަނީ އެ ބޯޅަ ބޭރުކޮށްފަ އެވެ. އަދި އޭގެ 10 މިނެޓު ފަހުން ޓީސީގެ ނާއިޒް ހަސަން (ދާދު) އަށް ލިބުނު ހުސް ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ގޯލް މަތިންނެވެ.

ޔުނައިޓެޑް ވިކްޓަރީ އަށް އެއްވަރުކޮށްދިނީ 65 ވަނަ މިނެޓުގައި ބްރެޒިލް ފޯވާޑް ރަފީނިއާ އެވެ. އޭނާ މި ގޯލް ވައްދާލީ ހިލޭ ޖެހުމަކުންނެވެ.

ޓީސީ މޮޅުވީ 80 ވަނަ މިނެޓުގައި ޝަމްވީލް ގާސިމް (ބޮންޑާ) ކާމިޔާބުކޮށްދިން ލަނޑުންނެވެ. ސެންޓޭ ގޯލަށް ފޮނުވާލި ބޯޅަ ޔުނައިޓެޑް ވިކްޓަރީގެ ގޯލްކީޕަރު ޕަންޗުކޮށް ފޮނުވާލި ވަގުތު ބޮންޑާ ވަނީ ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލައިފަ އެވެ.