Roadha Mihaaru
ޕީއެސްއެމް: މިނިވަން ވަނީ ގާނޫނުން، އަމަލަކުން ނޫން!

ޕީއެސްއެމް: މިނިވަންކަން އޮތީ ގާނޫނުގައި، އަމަލަކުން ނުފެނޭ!

01 ޑިސެމްބަރ 2023

އާ ސަރުކާރެއް އައީ އެވެ؛ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ހުރިހާ ވެރިންނާއި މުވައްޒަފުންގެ ފިކުރު އަނެއްކާ ވެސް ބަދަލު ކުރަންވީ އެވެ. މި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށެވެ. މި ސަރުކާރަށް ސަނާ ކިޔުމަށެވެ. އެހެން ނޫނީ މުވައްޒަފުންނަށް އޮތީ، ކުރިން ވެސް އެ ތާނގައި ދިމާވާ ދަތި އުނދަގޫތަކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާ ސަރުކާރެއް އައީ އެވެ؛ ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ހުރިހާ ވެރިންނާއި މުވައްޒަފުންގެ ފިކުރު އަނެއްކާ ވެސް ބަދަލު ކުރަންވީ އެވެ. މި ސަރުކާރުގެ ސިޔާސަތާ އެއްގޮތަށެވެ. މި ސަރުކާރަށް ސަނާ ކިޔުމަށެވެ. އެހެން ނޫނީ މުވައްޒަފުންނަށް އޮތީ، ކުރިން ވެސް އެ ތާނގައި ދިމާވާ ދަތި އުނދަގޫތަކެވެ.

ކޮންމެ ސަރުކާރަކާ އެކު، ވިސްނުމާއި ފިކުރާއި ކޮންޓެންޓް ބަދަލު ކުރުމަކީ ދައުލަތުގެ މީޑިއާ އަށް މަޖުބޫރީ ހާލަތެކެވެ. އެކަމަކު، ދައުލަތުގެ މީޑިއާ އާ ބެހޭ ގާނޫނުގައި އޮތީ އެތަނަށް ތަންމިނަށް މިނިވަންކަން ދީފަ އެވެ.

"ރައީސުލްޖުމްހޫރިއްޔާއާ އެކީ ކޮންމެ ފަސް އަހަރަކުން ބަދަލުވާ ތަނެއް މިތަނަކީ،" މައްސަލައިގެ ގޮތުން ނަން ނުޖަހަން އެދި ވާހަކަދައްކަމުން އޭނާ ބުންޏެވެ.

މިއީ، އެ ތަނުގައި އާއްމުކޮށް ކަން ހިނގާ ގޮތްކަން، ޕީއެސްއެމް އިން ވާހަކަ ދެއްކި އެހެން މީހުންގެ ވާހަކަތަކުން ވެސް އެނގެ އެވެ.

ދައުލަތުގެ މީޑިއާ އަބަދުވެސް ކުޅެނީ ސަރުކާރުކޮޅަށެވެ. އެ މީޑިއާ އަށް ދައުލަތުގެ މީޑިއާއޭ ކިޔަސް، ހުރިހާ ކޮންޓެންޓެއް ވެސް އޮންނަނީ ސަރުކާރުގެ މުށުތެރޭގަ އެވެ. ދައުލަތުގެ އެހެން މުއައްސަސާތައް ހުއްޓަސް، އެ މުއައްސަސާތަކަކީ، ދައުލަތުގެ މީޑިއާގެ ސަމާލުކަން އޮތް ދިމާތަކެއް ނޫނެވެ. ހުރިހާ ވެސް އެއްޗަކީ ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރު އެކަންޏެވެ. އަދި، މާ ކުރިން ފެށިގެން ވެސް ދައުލަތުގެ މީޑިއާ އޮންނަނީ ކޮންމެ ސަރުކާރަކާ އެކު ބަދަލުވަމުންދާ ތަނެއްގެ ގޮތުގަ އެވެ. ކޮންމެ ބަޔަކު ވެރިކަމަށް އަންނަން އުޅޭއިރު، މީޑިއާ އަށް އަތް ނުބާނާނަމޭ ބުންޏަސް، ފަސް އަހަރުގެ ވެރިކަން ނިމޭއިރު އެ ވާހަކައިގެ ހަނދާނެއް ނުހުރެ އެވެ.

ސަރުކާރުގެ އެހެން ކުންފުނިތަކާއި ޕީއެސްއެމްއާ އަޅާކިޔޭ ވަރަށް ވުރެ، ދައުލަތުގެ މީޑީއާ ކުންފުނީގެ މަސައްކަތް ތަފާތެވެ. މިނިވަންކަމާއެކު މަސައްކަތްކުރަން ޖެހޭނެ ކަމަށް ސާފު، ސަރީހަ އިބާރާތުން ބުންޏަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީއެސްއެމް އިމާރާތުގެ ބޭރު ފާރުގައި ފިޔާތޮށި ކުލަ ކުލުމަކީ، އެ ތަނަށް ނުފޫޒު ފޯރާފައިވާކަން ވަރަށް ރަނގަޅަށް އޭރު ވެސް ފެންނަން އޮތް ކަމެކެވެ. އަދި، އޭގެކުރިން އެހެން ސަރުކާރުތަކުން ސިޔާސީ މީހުން އެތަނަށް ވަދެ، ކޮންޓެންޓާ ކުޅެ، ބައެއް ހަބަރުތަކާއި ކޮންޓެންޓް ނުދައްކަން ވެސް އެދިފައި އެބަހުއްޓެވެ.

ޕީއެސްއެމްއިން ވާހަކަ ދެއްކި ބުނިގޮތުގައި، ދައުލަތުގެ މީޑިއާ ކުންފުންޏަކީ ވަކިމިނިވަންކަމާ އެކު، ވަކި ފަރާތަކަށް ނުޖެހި ހިންގަން ޖެހޭ ތަނެއް ކަމަށް ކަނޑައަޅައި 2015 ވަނަ އަހަރު ޕީއެސްއެމްގެ ގާނޫނު ވުޖޫދުވިޔަސް، ކުންފުނި ހިންގާނެ ވެރިން ހަމަޖެއްސުމުން އަބަދު ވެސް އެންމެ އަވަހަށް ބަދަލުވާ ތަނަކީ، އެ މުވައްޒަފު ބުނިގޮތުގައި، ނިއުސް ރޫމެވެ.

ރިޔާސީ އިންތިހާބާ އެކު، ވެރިކަން ބަދަލުވުމުގެ މަރުހަލާއަކީ، ޕީއެސްއެމްގެ ނިއުސް ހެޑް ވެސް އަމިއްލައަށް ޒިންމާތަކުން ފެއަށް ޖެހޭ ދުވަސްވަރެވެ. ނަމަވެސް، މި ފަހަރު ވެރިކަން ބަދަލުވުމުގެ މަރުހަލާގެ ތެރޭގައި ވެސް އެކަމަށް ބަދަލެއް ނައުމުން، އެންމެ ފަހުން އެ ޒިންމާތައް އަދާކުރަމުން ދިޔަ މުހައްމަދު އަފްޒަލް، އެ މަގާމުން ދުރުކުރީ، ކުންފުނީގެ އެމްޑީ އޮފީހަށް އަލަށް ވަޑައިގެންނެވިތާ ކުޑަ ވަގުތުކޮޅެއް ފަހުންނެވެ.

ކުރިން ވާހަކަދެއްކި މުވައްޒަފު ވެސް ބުނީ އެތައް ޑިޕާޓްމަންޓެއް ހިންގިއަސް، އެ އިރެއްގައި އޮންނަ ސަރުކާރަކުން އަބަދު ވެސް ކުޅެނީ ނިއުސް ރޫމަށެވެ. ސަބަބަކީ އެ ބަޔަކު ބޭނުންވާ ގޮތަށް ހަބަރާއި މައުލޫމާތު ފެތުރުމެވެ.

މީގެ ކުރިން، ޕީޕީއެމް ވެރިކަމުގައި އޮތްއިރު، އިދިކޮޅު ތިބި އެމްޑީޕީ އަދި ގުޅިފައިވާ ޕާޓީތަކުގެ އެއްވެސް އެއްޗެއް ނުގެނެސްދިނެވެ. ބޮޑެތި ޖަލްސާތަކާއި އެއްވުންތައް ބޭއްވި އެވެ. އެކަމަކު، ގައުމީ ޓީވީގެ ރާޑަރަކަށް ނޭރި އެވެ. ނަމަވެސް، ރިޔާސީ އިންތިހާބުގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހޯއްދެވި ކާމިޔާބީ އަށް ފަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލިސް ޓީވީއެމް އިން ލައިވްކުރި އެވެ.

މި ފަހަރު ވެސް ހަމަ އެހެންނެވެ. އިދިކޮޅުގައި ޕީޕީއެމް އޮތްއިރު ވަރަށް ގިނަ ޖަލްސާތައް ބޭއްވި އެވެ. އެކަމަކު، ޕީއެސްއެމްގެ ލެންސަށް އެ މަންޒަރުތައް އެރީ، ރިޔާސީ އިންތިހާބުގެ ނަތީޖާއަށްފަހުގަ އެވެ.

ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީއެސްއެމްގެ ކުރީގެ އެމްޑީ ހަލީލް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީއެސްއެމްގެ ކުރީގެ އެމްޑީ ހަލީލް (ކ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ޕީއެސްއެމްގެ ގާނޫނު ބައްޓަންކޮށްފައިވަނީ މައިގަނޑު 13 ސިޔާސަތެއްގެ ތެރޭގަ އެވެ. އޭގެ ތެރޭގައި؛

- ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިޔާސީ އަދި ގައުމަށް ބޭނުންތެރި ހުރިހާ ދާއިރާއެއްގައި މައުލޫމާތު މުއްސަނދި، ހޭލުންތެރި ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރުން

- މުޖުތަމައުއަށް ބޭނުންތެރިވާނެ ބިނާކުރުވަނިވި ތަފާތު ފިކުރުތަކާއި ހިޔާލުތަކަށް އަދި އާ ވިސްނުންތަކަށް ޖާގަ ދިނުން

- ރައްޔިތުންގެ ހުރިހާ ގިންތިއަކާ ގުޅޭ އަދި ހުރިހާ އުމުރު ފުރައަކަށް އަމާޒުކުރެވޭ ރައްޔިތުންގެ ހާލަތާއި ކަންބޮޑުވުންތައް ހާމަކޮށްދޭ އުފެއްދުންތައް ޕީއެސްއެމް މެދުވެރިކޮށް ފޯރުކޮށްދިނުން

ސިޔާސަތުތައް ތަރުތީބުކޮށްފައިވާ ގޮތަށް ބަލާއިރު، ދައުލަތް ހިންގުމުގެ ތިން ބާރާއި މިނިވަން މުއައްސަސާތަކާއި ދައުލަތުގެ އެކި އިދާރާތަކުގެ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހާއްސަ އިސްކަމެއް ދިނުން އޮތީ ފަހަތުން ދެ ވަނައަށެވެ. އެކަމަކު، އޭގެ ކުރިން ކުރަންޖެހޭ ކަންކަމަށް ވުރެ ބޮޑަށް، ދައުލަތުގެ މީޑިއާ ހުސްވެފައި އޮންނަނީ އެ އިރެއްގައި އޮންނަ ސަރުކާރު ޕްރޮމޯޓުކުރާށެވެ.

ޕީއެސްއެމް ހިންގާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީއެސްއެމް ހިންގާ އިމާރާތް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދައުލަތުގެ މީޑިއާގެ ކަންކަން އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި، މިނިވަންކަމާއެކު ޕީއެސްއެމް ހިންގަން ގާނޫނުގައި ސާފުކޮށް ބުންޏަސް، އެ އިރެއްގައި އޮންނަ ސަރުކާރުގެ ނުފޫޒު އަބަދު ވެސް އެ މީޑިއާއަށް އޮންނަ ކަމަށެވެ.

"ކޮންމެ ސަރުކާރެއް އަޔަސް ޕީއެސްއެމް ހިންގަން އަންނަނީ އެ ތަނުގައި ހުންނަ ނިއުސްއާ ޕްރޮގްރާމްސްއާ. ތަން ހިންގާކަށް ނުޅޭ. ބޮޑު ސްޓޭޝަނެއް ވިއްޔާ ހުންނާނެ، ކުޑަ ތަނެެއްގެ ވާހަކައެއް ނޫން މި ދައްކަނީ. އޮޕަރޭޝަންއާ މީހުން މެނޭޖުކުރުމާ ފައިނޭންސް މެނޭޖުކުރުމާ މިއީ އަދި އެހެން އެސްޕެކްޓެއް މި ހިންގަނީ. ސަރުކާރަކުން މި ދެކެނީ އަހަރުންނަށް މުހިއްމީ ނިއުސް ރޫމާ ޕްރޮގްރާމްތަކާއޭ." އޭނާ ވިދާޅުވި އެވެ.

"އެ ބަޔަކު ބޭނުންވާ އެއްޗެހި ގެނެސްދޭ ބަޔަކު އެބަޖެހޭ ބައިތިއްބަން. އެހެންވެގެން އެ ބަދަލުތައް ގެންނަނީ."

އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީގައި ތިބެ ބަޔަކު ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެއްޖެނަމަ، އެ ބަލަން އިދިކޮޅު މީހުން ބޭނުންވެ އެވެ. އެކަމަކު، ދައުލަތުގެ މީޑިއާއަކީ އޮޕޮޒިޝަން ބަލަން ބޭނުންވާ ޗެނަލްއެއް ނޫން ކަމަށް ދައްކަން ބޭނުންވާނެ ކަމަށް، އޭނާ ވިދާޅުވި އެވެ.

"މިއަދު ވެސް ވާނީ ހަމަ އެހެން. އިންވައިޓު ކޮށްފިއްޔާ އޮޕޮޒިޝަންގައި ތިބޭ ބޭފުޅުން ނާންނާނެ ޓީވީއެމްއަކަށް. އެ ބޭފުޅުން ދާނީ ރާއްޖެ ޓީވީއަށް. އެއީ އެ ބޭފުޅުންގެ ސަޕޯޓާސް ޓިއުން ކުރުވަން ބޭނުންވާނީ އޭތި...ކުރީގައި ވެސް ޕްރޮގްރާމްސް އަށް ގެންނަން އެ ބޭފުޅުންނަށް ދައުވަތު ވެސް ދީފައި ހުންނާނެ. ހަމަ ނާންނާނެ. ރޯދަ މަހުގެ ޕްރޮގްރާމްތަކަށް ވެސް ގެންނަން."

ޕީއެސްއެމް އިމާރާތުގައި ފިޔާތޮށި ކުލަ ލާފައި.

ޕީއެސްއެމް އިމާރާތުގައި ފިޔާތޮށި ކުލަ ލާފައި.

އޭނާ ވިދާޅުވި ގޮތުގައި ޕީއެސްއެމްގެ ޕްރޮގްރާމަކަށް އިދިކޮޅު ބޭފުޅަކަށް ދައުވަތު ދީފި ނަމަ، ސަރުކާރުގެ އިސް އޮފިޝަލަކު ގުޅައިގެން ވެސް އެބައެއް ފަހަރު އެކަން ބަދަލުކުރާ ކަމަށެވެ. އެއީ ކޮންމެ ސަރުކާރެއްގައި ވެސް ހިނގި ކަންތައްތައް ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރުގެ މަގާމުގައި މި ވަގުތު ހުންނެވި، ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލްގެ ވިސްނުން ތަފާތެވެ.

ޕީއެސްއެމްގެ މިނިވަންކަން އާއްމުން މިނެކިރަނީ، ހަލީލް ވިދާޅުވި ގޮތުގައި، ނިއުސް އެންޑް ކަރެންޓް އެފެއާޒަށް ބެލުމަށްފަހުގަ އެވެ. އެކަމަކު، އެ ގާނޫނުގެ ދަށުން އިތުރު ކަންތައްތައް ވެސް ޕަބްލިކް ސާވިސް މީޑިއާ އަށް މަތިކޮށްފައި އެބަހުއްޓެވެ.

ނަމަވެސް، އިދިކޮޅު ފަރާތްތަކުގެ އަޑު އިއްވައި، އެ މީހުންގެ ހަބަރުތައް މިހާރަށް ވުރެ ގިނައިން ގެންނަ ނަމަ ޕީއެސްއެމް އަށް ފާޑުކިޔުން ކުޑަވާނެ ކަމަށާއި އެކަމަކު، ސަރުކާރުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ކުރާ ކަންކަމުގެ ހަބަރުތައް އަބަދު ވެސް ގިނަވާނެކަން ފާހަގަކުރެއްވި އެވެ.

"މި ފެށުނު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނުފޫޒެއް ގައިމު ވެސް ޕަބްލިކް ސާވިސް މީޑިއާއަކަށް ނޯންނާނެ. ވަރަށް އޯޕަންކޮށް އޮންނާނީ،" ހަލީލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޕަބްލިކް ސާވިސް މީޑިއާއަކަށް އަތެއް ނުބާނާނެ. އަޅުގަނޑުމެން އެތަނަށް ނުފޫޒެއް ނުފޯރުވާނެ."

ދައުލަތުން ކޮންމެ އަހަރަކު ވެސް، ރައްޔިތުންގެ އެތައް މިލިއަން ފައިސާއެއް ޕީއެސްއެމް އަށް ހަރަދުކުރިޔަސް، ސަރުކާރުގެ "ޕްރޮޕެގެންޑާ" ފެތުރުން ނޫން މަސައްކަތެއް ނުފެނެ އެވެ. ކިތަންމެ މިނިވަންކޮށް މަސައްކަތްކުރަން ޖެހުނަސް، ރައްޔިތުންގެ ނުވަތަ ގައުމުގައި އެ އިރެއްގައި އޮންނަ ބޮޑެތި މައްސަލަތަކަށް އެޑްރެސްކުރާ ތަނެއް ނުފެނެ އެވެ. ޕީއެސްއެމް ވުޖޫދުވިތާ މި ވީ އަށް އަހަރުގެ ތެރޭގައި ވެސް ފެނުނީ އެ މަންޒަރެވެ.