Roadha Mihaaru
ވެރިކަމަށް ރަނގަޅީ ގާސިމް! މުޒާހަރާކުރަން ހޮސްޕިޓަލް!

ވެރިކަމަށް ރަނގަޅީ ގާސިމް! މުޒާހަރާކުރަން ހޮސްޕިޓަލް!

24 ފެބުރުއަރީ 2019

މީގެ ތިން މަސް ކުރިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަވައި އެ ކަންކަމުން ރެކެން ވެރިކަމާ ހެދި އުޅުއްވި ބޭފުޅެކެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މީގެ ތިން މަސް ކުރިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމާއި ކޯޓުތަކަށް ނުފޫޒު ފޯރުވުމާއި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަވައި އެ ކަންކަމުން ރެކެން ވެރިކަމާ ހެދި އުޅުއްވި ބޭފުޅެކެވެ.

ހަމަ އޭރު، ކަންކަމާ ހިތްހަމަނުޖެހި އަޑު އުފުލަން ބޭރު ތެރެއަށް ނިކުމެއްޖެ ނަމަ ގައުމަށް ކުރިމަތިވަނީ ނާމާންކަމާއި ބިރުވެރިކަމެވެ. އެހެންވެ މި ބިރުވެރިކަމުން މުޖުތަމައު ސަލާމަތްކުރަން، މުޒާހަރާކުރުން ވެސް ގޮޅިއަކަށް ފައްތާލީ އެވެ.

އަމިއްލަ އަށް ޖެހި މަޅީގައި ބެދޭނެ ދުވަހެއް ކައިރީގައި ނެތް ކަމަށް ހީކޮށްގެން ޕީޕީއެމްގެ މެމްބަރުން ތިއްބާ، ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެ، އެމަނިކުފާނާއި ސަޕޯޓަރުންނަށް ލިބުނީ ވަރަށް ބޮޑު މާޔޫސް ކަމެކެވެ. އެއަށް ވުރެ ކަންބޮޑުވީ ޔާމީނަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ޝަރީއަތާ ހިސާބަށް ދިއުމެވެ. ސިޔާސީ މައިދާނުގައި ގެންގުޅުނު ގޮތް ދޫނުކުރުމާއި ބޯހަރު ސިޔާސަތުގެ ސަބަބުން ސިޔާސީ މައިދާނުގައި އެކުވެރިން ގެއްލި ނިކަމެތިވެފައިވާކަން ރަނގަޅަށް އިހްސާސްވީ ސަރުކާރާ ދެކޮޅަށް ކަމެއް ކުރަން ހިތަށް އަރުވާ މީހާ ވެސް ހައްޔަރުކޮށް "ވާނުވާ" އަށް ޖަލަށް ފޮނުވި އިރުގެ ވެރިޔާ އަށް ވެސް އެ ހާލު ޖެހުމުންނެވެ.

މި ކަންކަމުގެ ބައެއް މޭސްތިރިންނާއި އެ ކަންކަމަށް ހިތްވަރުދީ ދިފާއުގައި ވާހަކަ ދެއްކި އެތައް ބަޔަކު މިދިޔަ ހަފުތާގައި އެ ފެނުނީ ދައުލަތުގެ މައި ހޮސްޕިޓަލު ތެރޭ މުޒާހަރާކުރި ތަނެވެ. އަދި އެކަން މި ކުރީ ވެސް ބަލި މީހުންނަށް ޒިޔާރަތްކުރަން ވެސް ދާ ވަގުތުގަ އެވެ. ގޯސްވީ މުޒާހަރާ ނުވަތަ އެ އެއްވުން ރޫޅާލަން ޕެޕަ ސްޕްރޭ ޖެހި ފުލުހުންނެވެ. އޭގެ ދިލަ އެރި މީހުން ބުނީ މިއީ އަނިޔާވެރި ސަރުކާރެއް ކަމަށެވެ. ހޮސްޕިޓަލެއްގެ ކައިރީގައި ވެސް މުޒާހަރާކުރުން މަނާ ކަމަށް އޮންނަ އިރު ހޮސްޕިޓަލް ތެރޭގައި މުޒާހަރާކޮށް އަޑު ގަދަކުރުމުން އަސްލު މައްސަލައަކަށް ވާންވީ އެކަން ހުއްޓުވަން ޕެޕަ ސްޕްރޭ ޖެހުމެއް ނޫނެވެ. އެ ނުޖެހުމެވެ.

ގާނޫނު އަސާސީން ލިބިދީފައި އޮތް ހައްގުތައް، ހިތުހުރި ގޮތަކަށް ހިފަހައްޓައި، މާލޭގައި މުޒާހަރާކުރެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ކަނޑައެޅި މީހުންނަށް އެތަނުގެ ތެރޭގައި ވެސް މުޒާހަރާކުރާކަށް ނުތިބެވުނެވެ. މަގުމައްޗަށް ނިކުމެ އެ މީހުންގެ ޝުއޫރު ފާޅުކުރި އެވެ. މަގުމަތީގައި ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް މިހާރު ދައްޗެއް ވެސް ނުވެ އެވެ.

މަގެއްގެ އަރިމަތީގައި ހަވީރު ސައި ބޯން ތިބުން ވެސް ގައުމީ ސަލާމަތަށް ނުރައްކާވުން ކަމަށް ބެލި މީހުންނަށް، އެއްވެ އުޅުމާއި ޝުއޫރު ފާޅުކުރުމުގެ މުހިންމުކަން ކުއްލިއަކަށް އެނގުނީ ކަމަށް ވެދާނެ އެވެ. މުޒާހަރާތަކުން ހައްޔަރުކުރާ މީހުންނާއި އަނިޔާ ލިބޭ މީހުންނާ ދިމާލަށް، "ތިޔައީ ގޭގައި އޮއްވައި ވީ ކަމެއްހޭ" ކިޔައި ފުރައްސާރަކުރި މީހުން ޕެޕަ ސްޕްރޭ އަކީ އަނިޔާވެރިކަމުގެ އިންތިހާ ކަމަށް ގޮވާއިރު ހަމަ ލަދު ނުގަންނަނީ ހެއްޔެވެ؟

ބޭނުންހާ ތަނެއްގައި މުޒާހަރާކުރެވިގެން ނުވާނެ ކަމަށް ބުނެ، އެއްވެ އުޅުމުގެ ހައްގު ހަނިކޮށް އެކަމުގެ ދިފާއުގައި ވާހަކަ ދެއްކި ސިޔާސީ ބައެއް ބޭފުޅުން ހޮސްޕިޓަލް ތެރޭގައި ވެސް ވަނީ މުޒާހަރާކޮށްފައި

ބޭނުންހާ ތަނެއްގައި މުޒާހަރާކުރެވިގެން ނުވާނެ ކަމަށް ބުނެ، އެއްވެ އުޅުމުގެ ހައްގު ހަނިކޮށް އެކަމުގެ ދިފާއުގައި ވާހަކަ ދެއްކި ސިޔާސީ ބައެއް ބޭފުޅުން ހޮސްޕިޓަލް ތެރޭގައި ވެސް ވަނީ މުޒާހަރާކޮށްފައި

ގާސިމާ މެދު ވެސް މި ވީ ހަމަ މިހެންނެވެ.

ގާސިމަކީ ކޯޓުތަކަށް ނުފޫޒު ފޯރުވާ، އެންމެ ކުރު މަގުން ކަންކަން ކުރަން ދަންނަ ބޭފުޅެއް ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވި ޔާމީނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް ކުއްލިއަކަށް ގާސިމު ރަނގަޅުވީ ގާސިމަށް އެ ކުރެއްވި ތުހުމަތާ ގުޅޭ ކަމެއްގައި ހެއްޔެވެ؟ ނުވަތަ ސިޔާސީ މައިދާނުން އަލުން އެކުވެރިން ހޯދައިގެން ނޫނީ ލީޑަރު ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ގެއްލުމުން ހެއްޔެވެ؟ އޭރު ގާސިމަކީ ވެރިކަމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫނެވެ. އެކަމަކު އޭގެ ތިން މަސް ފަހުން އެ ވިދާޅުވަނީ ވެރިކަމަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ގާސިމް ކަމަށެވެ. ގާސިމާ އެކު ސިޔާސީ މަސައްކަތްކުރަން ތައްޔާރުވީ އެވެ. މިހާރު ގާސިމްގެ އަމިއްލަ މަސްލަހަތެއް ނެތެވެ.

ވެރިކަމަށް އެންމެ އެކަށީގެންވާ ގާސިމް، އޭނާގެ ޕާޓީ އަށް ވަންނަ މަޖިލިސް މެންބަރުންނަށް ޕާޓީގެ ޓިކެޓް ދިނުމުގައި ރަނގަޅު ގޮތްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވުމުން އެއީ ރިޝްވަތުގެ އަމަލަކަށް ވެ ޖަލު ހުކުމެއް އައި އިރު އަދި ގާސިމަކީ ވެރިކަން ކުރެއްވޭ ވަރުގެ ބޭފުޅަކަށް ނުވެ އެވެ. އޭރު އުޅުއްވީ އަމިއްލަ މަސްލަހަތު ހިމާޔަތްކުރެއްވުމުގަ އެވެ. ވެރިކަން ބަދަލުކުރަން އުޅުއްވީ ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަވާ ވާނެ ގޮތެއް ހޯއްދެވުމަށެވެ. ޔާމީންގެ ވެރިކަން ވައްޓާލަން ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ވެސް ފާޅުގައި ގޮވަމުން ދިޔަ އެވެ.

މިވަގުތު ގާސިމު އެހާ މުހިންމުވާނީ ހަމަ އެންމެ ކަމަކަށެވެ. ގެއްލުނު ސިޔާސީ ބާރުވެރިކަން އަލުން ހޯދުމަށާއި ޖަލުން ސަލާމަތްވާން ސިޔާސީ ކުޅިވަރެއް ކުޅުމަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުގައި ބޮޑު ބާރެއް ހޯދައިގެން ނުވަތަ އެހެން ގޮތަކުންނެވެ.

ސިޔާސީ ވާދަވެރިންނަށް އަމާޒުކޮށްގެން ގާނޫނު އަސާސީ އާއި ގާނޫނުތަކާ ކުޅުމާއި އެއް ދުވަހު ދައްކާ ވާހަކައާ ދިމާ އިދިކޮޅަށް އަނެއް ދުވަހަކު ވާހަކަ ދެއްކުމަކީ ސިޔާސީ މާހައުލު އޮންނާނެ ގޮތޭ އެއްބަޔަކު ބުނެ އެވެ. އެކަމަކު އަހަރެމެންނަށް ހަމަ ނޭވާ ނުލެވިގެން މި އުޅެނީ އެކަމާ ހެދިއެއް ނޫން ހެއްޔެވެ؟ މިކަން މިހެން ހިނގަމުން އަންނަހާ ދުވަހަކު އިސްލާހުވާނެ އެއްވެސް ކަމެއް ނެތެވެ. އަހަރެމެންނަށް އޮތީ ސިޔާސީ ލީޑަރުންގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރާ އައްޑަނަތަކަށް ވެގެން ތިބުމެވެ.

މުޒާހަރާ އާއި ގާސިމްގެ މިސާލެއް ދެއްކިޔަސް މިއީ ވަކި ޕާޓީއަކަށް ހާއްސަ ކަމެއް ވެސް ނޫނެވެ. ގާސިމަށް ވެސް މިހާ ހިސާބުން ފެނިވަޑައިގަތީ ބަރުލަމާނީ ނިޒާމަކާއި އަމިއްލަ އެދުން ބޮޑު ލީޑަރެކެވެ. ޔަގީނުން ވެސް އެ ވިދާޅުވާ ލީޑަރަކީ ޔާމީނެއް ނޫނެވެ.