Roadha Mihaaru
ޝިމާ ހޯދަން ދެ ފަޅުރަށް ވެސް ބަލައިފި

ގެއްލުނު ޝިމާ ހޯދަން ގާދޫ އާއި ހުޅިމެންދޫ ވެސް ބަލައިފި

24 ފެބުރުއަރީ 2019

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަން ދެ ފަޅުރަށެއް ވެސް މިއަދު ބަލައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަން ދެ ފަޅުރަށެއް ވެސް މިއަދު ބަލައިފި އެވެ.

މާމެންދޫ ކައުންސިލުން ބުނީ އެ ދެ ރަށުން ވެސް، 19 އަހަރުގެ ޝިމާގެ އެއްވެސް ހިލަމެއް ނެތް ކަމަށެވެ.

ބަންޑުން ޖަހާލި ޑިންގީ އާއި ޝިމާ ހޯދަން ބެލީ، މީހުން ބާލާފައިވާ ގާދޫ އާއި މާމެންދޫ ކައިރި އޮންނަ ފަޅުރަށެއް ކަމަށްވާ ހުޅިމެންދޫ އެވެ. އެ ދެ ރަށް ބެލީ ސިފައިންނާއި މާމެންދޫ ރައްޔިތުން ގޮސްގެންނެވެ.

މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު އަލީ ވިދާޅުވީ އެ ދެ ރަށް ބެލީ އެ ހާދިސާއާ ގުޅުން ހުރި އެއްވެސް އެއްޗެއް ލައްގާފައި ވެސް ވޭތޯ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މުޅި ގާދޫ ބަލައިފިން. އެއްބަޔަކު މިހާރު ވެސް ހުޅިމެންދޫ އެ ބަލަނީ. ޑިންގީގެ ބައެއް ވެސް. ހެދުމެއް ވެސް އެކަހަލަ އެއްވެސް އެއްޗެއް ފެނޭތޯ މިބަލަނީ،" އެ މަސައްކަތުގައި ކަނޑުމަތީގައި ހުރި ހުސައިން ވިދާޅުވި އެވެ.

Shima gehlun: "E'ee dhathurukuraa varuge dingy eh nun"

Shima gehlun: "E'ee dhathurukuraa varuge dingy eh nun"

The most trusted news source in the Maldives

Mihaaru

ޝިމާ ގެއްލުން: ދަތުރުކުރީ ކުޑަ ޑިންގީއެއްގައި

ޑިންގީ ބަންޑުން ޖަހާލި ދިމާލުގައި އޮންނަ ވެލިގަނޑުފިނޮޅު ކައިރިއަށް ފީނައި ބެލުމަށް ތައްޔާރު ވަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އެމްއެންޑީއެފުން މިއަދު ވަނީ ޑައިވިން ރޮބޮޓް ބޭނުންކޮށްގެން ވެސް އެ ސަރަހައްދު ބަލައިފަ އެވެ.

ޝިމާ ގެއްލުނީ ލ. ގަމު، އިބްރާހިމް ފަޒީލް، 24، އާ އެކު ފޮނަދޫން ކުޑަ ޑިންގީއެއްގައި ފުރައިގެން މާމެންދޫއަށް ދަނިކޮށް ހުކުރު ދުވަހުގެ ރޭ އިރާކޮޅު އެވެ. ކުޑަ ޑިންގީއެއްގައި އެ ދެމީހުން ދަތުރު ކުރިއިރު އެއީ މޫސުން ވެސް ގޯސް ދުވަހެއް ކަމަށް ކައުންސިލުން ބުންޏެވެ.

ސަލާމަތްވި ފަޒީލް ބުނެފައި ވަނީ ޑިންގީން ތެޔޮ ހުސްވެގެން ތެޔޮ އަޅަން އުޅުމުގެ ތެރޭގައި ޑިންގީ ބަންޑުން ޖަހާލީ ކަމަށެވެ. ފަޒީލް ސަލާމަތްވީ ފަތާފައި ގޮސް، ސިކްސް ސެންސް ލާމް ރިސޯޓަށް އެރުމުންނެވެ. އޭނާ ބުނިގޮތުގައި ޝިމާ ފެން މަތީގައި އޮތުމަށް ހަމެއް ދީފައި އޭނާ ރިސޯޓަށް އެރީ އެހީ ހޯދުމަށެވެ.

އެ ރެއިން ފެށިގެން ޝިމާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް އޭނާގެ އެއްވެސް ހިލަމެއް ނުވެ އެވެ.

ކުޑަ ދަރިއަކު ވެސް ހުންނަ ޝިމާ ދިރިއުޅެނީ މާމެންދޫގަ އެވެ. އޭނާ ގަމަށް ދިޔައީ ބޭސްފަރުވާއަށް މާލޭގައި އުޅުމަށް ފަހު ރަށަށް ދިއުމަށެވެ. އަދި މިދިޔަ ހުކުރު ދުވަހު ފޮނަދޫން މާމެންދުއަށް ދާން އޭނާ ފުރީ ގަމުގައި ދެ ދުވަހު އުޅުމަށް ފަހުގަ އެވެ.