Roadha Mihaaru
ޝިމާ ގެއްލުނު ޑިންގީން މީގެ ކުރިން މީހަކު މަރުވި

ޝިމާ ގެއްލުނު ޑިންގީން މީގެ ކުރިން މީހަކު މަރުވި

24 ފެބުރުއަރީ 2019

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ޒުވާން އަންހެނަކު ގެއްލިގެން ހޯދަމުން ދާއިރު، މީގެ ތިން އަހަރު ކުރިން ހަމަ އެ ޑިންގީން ވެއްޓި މީހަކު ވަނީ މަރުވެފަ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ޒުވާން އަންހެނަކު ގެއްލިގެން ހޯދަމުން ދާއިރު، މީގެ ތިން އަހަރު ކުރިން ހަމަ އެ ޑިންގީން ވެއްޓި މީހަކު ވަނީ މަރުވެފަ އެވެ.

ލ. އަތޮޅު ކައުންސިލްގެ މާވަށު މެމްބަރު، މުހައްމަދު އަބްދުއްރަހުމާން މަރުވެފައިވަނީ އޭނާގެ ބަފައިބެއާ އެކު މަސް ބާނަން ނިކުމެ އުޅެނިކޮށް، ފޮނަދޫ ބޭރުން، ފަޅުތެރެއަށް ޑިންގީ ބަންޑުން ޖަހާލައިގެންނެވެ. ނަނުގައި ގަތް މަހެއް ޑިންގީއަށް ނަގަން އުޅެނިކޮށް ޑިންގީ ބަންޑުން ޖަހާލުމުން، އޭނާގެ ބަފައިބެ ވަނީ ފަތާފައި ފޮނަދުއަށް އަރައިފަ އެވެ.

އުމުރުން 33 އަހަރުގެ މުހައްމަދު ފެނުނީ ސިފައިންނާއި ފޮނަދޫ ރައްޔިތުން ކުރި މަސައްކަތުން، ދެ ގަޑިއިރެއްހާއިރު ފަހުން މޫދު އަޑިންނެވެ.

ގެއްލިގެން ހޯދަމުން އަންނަ ޝިމާ

ގެއްލިގެން ހޯދަމުން އަންނަ ޝިމާ

އެނގިފައިވާ ގޮތުގައި މުހައްމަދުގެ އާއިލާގެ އެ ޑިންގީ، ފަހުން ވަނީ ލ. ގާދޫން ފޮނަދުއަށް ބަދަލުވި މީހަކަށް ވިއްކާލައިފަ އެވެ.

ގާދޫ ކަނޑުއޮޅިއަށް ބަންޑުން ޖަހާލައިގެން މިހާރު ހޯދަމުން އަންނަ އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާޒިމްގެ އެއްވެސް ޚަބަރެއް އަދި ނުވާއިރު ޑިންގީ ވެސް ނުފެނެ އެވެ.

ޝިމާގެ އުފަންރަށް، ލ. މާމެންދޫ ކައުންސިލުން ބުނާގޮތުގައި އެ ޑިންގީއަކީ އެ ވަރުގެ ދިގު ދަތުރެއް ކުރަން ހެޔޮވާ ވަރުގެ އުޅަނދެއް ނޫނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ ޑިންގީގައި ފޮނަދޫން މާމެންދުއަށް ދާން މަދުވެގެން ދެ ގަޑިއިރު ނަގާނެ އެވެ.

ކަނު އަނދިރީގައި ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި ޑިންގީ އަކީ ތިން ހޯސްޕަވަރުގެ ކުޑަ އިންޖީނެއް އަޅާފައިވާ ހައެއްކަ ފޫޓުގެ އުޅަނދެކެވެ.

ޑިންގީ ދުއްވަން ހުރި އަދި ޝިމާއާ އެކު ދަތުރުކުރި ހަމައެކަނި މީހާ ކަމަށް ވާ އިބްރާހިމް ފަޒީލް، 24، ވަނީ މި ހާދިސާ އިން ސަލާމަތްވެފަ އެވެ. އޭނާ ފަތާފައި ގޮސް އެރީ އެ ހިސާބުގައި އޮތް ސިކްސް ސެންސަސް ރިޒޯޓަށެވެ.

"ވައި ހުރި ދުވަހެއް. އެކަހަލަ ދުވަހެއްގައި ދަތުރުކުރަން އެ ޑިންގީ މާ ކުޑަ. އާއްމުކޮށް އެ ދޭތެރެ ހުރަސް ނުވެސް ކުރާނެ އެހާ ކުޑަ އެއްޗެއްގައި،" މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު އަލީ ވިދާޅުވި އެވެ.

ޑިންގީ ދުއްވަން އިން ފަޒީލްއާ ހަވާލާދީ ހުސައިން ވިދާޅުވީ ޑިންގީ ބަންޑުން ޖަހާލީ ޕެޓްރޯލް ހުސްވެގެން ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ކަމަށެވެ.

ފޮނަދު އާއި މާމެންދުއާ ދެމެދު އާއްމުކޮށް ދަތުރުކުރަނީ 250 ހޯސްޕަވަރުގެ އިންޖީނު އަޅާފައި ހުންނަ ލޯންޗް ފަހަރާއި ދޯނިފަހަރުގަ އެވެ. އެ ވަަރުގެ ލޯންޗެއްގައި އެއީ 20 މިނެޓުގެ ދަތުރެކެވެ.

މާމެންދޫގައި ދިރިއުޅޭ ޝިމާ ބޭސްފަރުވާއަކަށް މާލޭގައި އުޅުމަށް ފަހު ގަމަށް ދިޔައީ މިދިޔަ ހަފްތާގަ އެވެ. އޭނާ އެނބުރި މާމެންދުއަށް ދާން ހުކުރު ދުވަހުގެ އިރުއޮއްސި 6:15 ހާއިރު ފުރީ ގަމުގައި ދެ ދުވަހަކު މަޑުކުރުމަށް ފަހު ކަމަށް އާއިލާއާ ހަވާލާދީ، މާމެންދޫ ކައުންސިލުން ބުނެ އެވެ.

ވޭތުވެދިޔަ ދެ ދުވަހުގެ މަސައްކަތުން، އެމްއެންޑީއެފުން ވަނީ ބޮޑު ސަރަހައްދެއް ބަލާފަ އެވެ. އަދި މިހާރު އެމްއެންޑީއެފުން އަަންނަނީ ޑައިވިން ރޮބެޓް ބޭނުންކޮށްގެން ކަނޑު އަޑި ބަލަމުންނެވެ.

ޝިމާގެ 18 މަހުގެ ތުއްތު ކުއްޖަކު އޮވެ އެވެ. އޭނާ ބަލަމުން އަންނަނީ ޝިމާގެ މަންމަ އެވެ.