Roadha Mihaaru
މަޖިލީސް ރައީސަކަށް އަސްލަމް ވެދާނެ ކަމުގެ އިޝާރާތެއް

މަޖިލީހުގެ ރައީސަކަށް އަސްލަމް ހަމަޖައްސަފާނެ ކަމުގެ އިޝާރާތެއް

07 އެޕްރީލް 2019

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ސާފު އަޣުލަބިއްޔަތު ހޯދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އެމްޑީޕީން ހަމަޖައްސަފާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އަށް އިންތިޚާބު ވެ ވަޑައިގެންނެވި މުހައްމަދު ނަޝީދު މިރޭ ދެއްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ސާފު އަޣުލަބިއްޔަތު ހޯދި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް، އެމްޑީޕީން ހަމަޖައްސަފާނެ ކަމުގެ އިޝާރާތެއް ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ އަށް އިންތިޚާބު ވެ ވަޑައިގެންނެވި މުހައްމަދު ނަޝީދު މިރޭ ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއާ ގުޅޭ ގޮތުން ރާއްޖެ ޓީވީގައި ނަޝީދު ވިދާޅުވީ މަޖިލީހުގެ ރައީސަކަށް ވެވަޑައިގަތުމަށް އެމަނިކުފާނުގެ ޝައުގުވެރި ކަމެއް ނެތް ކަަމަށެވެ. މަޖިލީހުގެ ރައީސް ކަމާއި ނައިބު ރައީސް ކަމަށް ގާބިލް ބޭފުޅުން އެމްޑީޕީގައި ތިއްބެވި ކަމަށް ވިދާޅުވެ އަސްލަމްގެ ނަން ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ ރައީސް ކަމަށް ގާބިލް އެއް ބޭފުޅަކީ އަސްލަމް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި މިހާރު ހުންނެވީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. ސަރުކާރު ކޯލިޝަންގައި ޖޭޕީ ހިމެނުނަސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން އުފެދުނު ޚިޔާލުތަފާތުވުންތަކާއި އެއް ބަޔަކު އަނެއް ބަޔަކަށް އަމާޒުކުރި ފާޑުކިއުންތަކާ އެކު ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ލިބުމާ ދެކޮޅު ހަދައި، އިދިކޮޅަށް އަޣުލަބިއްޔަތު ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމާއި ޕީއެންސީއާ އެކު މަސައްކަތް ކުރަން ގާސިމް ނިންމެވި ނިންމެވުމަށް އެމްޑީޕީގެ އިތުރުން ޖޭޕީގެ އިސް ބޭފުޅުންގެ ވެސް ނުރުހުން އަމާޒުވި އެވެ. އެމްޑީޕީން ތުހުމަތު ކޮށްފައިވާ ގޮތުގައި، ޕީޕީއެމާ ގުޅިގެން ގާސިމް ބޭނުންވީ މަޖިލީހުގެ ރައީސް ކަން ދިފާއު ކުރައްވާށެވެ.

އެކަމަކު ގާސިމް އެކަމަށް އިންކާރު ކުރައްވަ އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ނަޝީދު ބޭނުންފުޅު ވަނީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތުމަށެވެ. އޭނާ ދެކޮޅު ހައްދަވަނީ، ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކަމަށް ވެސް ގާސިމް ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 64 ގޮނޑި ކާމިޔާބު ކުރުމަކީ އެމްޑީޕީން ހޯދި ތާރީޚީ ކާމިޔާބީއެއް ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ކެމްޕޭންގައި ވި ވައުދާ އެއްގޮތަށް އެޖެންޑާ 19 ގެ މަސައްކަތްތައް މަޖިލީހުގައި ފަށާނެ ކަމަށެވެ. އަލަށް ފަށާ ރައްޔިތުންގެ މަޖިލީހަކީ މާބޮޑަށް ވެސް ތަފާތު މަޖިލީހެއް ކަން ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.