Roadha Mihaaru
އެންމެ ބޮޑު އެއް ޕެސެންޖާ ލައިނާ ރާއްޖެ އަންނަނީ

އެންމެ ބޮޑު އެއް ޕެސެންޖާ ލައިނާ ރާއްޖެ އަންނަނީ

27 ފެބުރުއަރީ 2019

ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ބޮޑު އެއް ޕެސެންޖާ ލައިނާ އޭޕްރީލް މަހު އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް މިހާތަނަށް އަންނަ އެންމެ ބޮޑު އެއް ޕެސެންޖާ ލައިނާ އޭޕްރީލް މަހު އަންނާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓް (މާޔާ) އިން ބުނެފި އެވެ.

މާޔާގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި "އެމްއެސްސީ މެގްނިޕިކާ" ނަމަކަށް ކިޔާ ޕެސެންޖާ ލައިނާ، އޭޕްރީލް 10 ވަނަ ދުވަހު ރާއްޖެއަށް އަންނާނެ އެވެ. މި ބޯޓު ރާއްޖޭން ފުރަން ހަމަޖެހިފައިވަނީ އޭޕްރީލް 11 ވަނަ ދުވަހު އެވެ.

ރާއްޖެއަށް ޕެސެންޖާ ލައިނާސް އާއި ސުޕާ ޔޮޓާއި މެގަ ޔޮޓުގެ އިތުރުން ގައުމުތަކުގެ ވެރިންނާއި ސެލެބްރިޓީން ގެނައުމުގައި ރާއްޖެ މާކެޓު ކުރާ، މާޔާއިން ބުނީ މިއަހަރު ރާއްޖެއަށް މިފަދަ 50 ބޯޓު އަންނާނެ ކަމަށެވެ. އޭގެ ތެރޭގައި "އެމްއެސްސީ މެގްނިޕިކާ" އަށް ވުރެ ބޮޑެތި ބޯޓުތައް ވެސް އައުމަށް ހަމަޖެހިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ޕެސެންޖާ ލައިނާތައް އައުމުގައި ބޯޓު މާލެއާ ކައިރީގައި ބޭއްވުމުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށެވެ. ނަމަވެސް އަދިވެސް އުނދަގޫތައް އެބަހުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ފުރަތަމަ ޕެސެންޖާ ލައިންތަކުން އަންނަ ޓޫރިސްޓުންނަށް މަޑުކޮށްލެވޭނެ ތަނެއް ނެތް. ފާހާނާކުރާނެ ތަނެއް ނެތް. އަދި ކްރޫޒް ލައިނާއެއް ގެންނަން ޖެހޭ އިރު ނަގަންޖެހޭ ހުއްދަ ހޯދުމަށް ވަރަށް ބޮޑަށް އުނދަގޫ،" އޭނާ ވިދާޅުވި އެވެ.

އެމްއެސްސީ މެގްނިފިކާގައި 964 ފޫޓު ހުންނަ އިރު މި ބޯޓުން 3،500 މީހުންނަށް ދަތުރުކުރެވޭނެ އެވެ. އަދި ކްރޫއިންގެ ގޮތުގައި 1،200 މީހުން ބޯޓުގައި އުޅެ އެވެ. މި ބޯޓު 2010 ދަތުރުތައް ކުރަން ފެށުނު އިރު މި ބޯޓު ހެދުމަށް 547 މިލިއަން ޑޮލަރު ޚަރަދުވި އެވެ. ބޯޓުގައި ސްވިމިން ޕޫލަކާއި ވެލްނެސް ސެންޓަރެއްގެ އިތުރުން ސިނަމާއެއް ވެސް ހުރެ އެވެ.

މި ބޯޓުން މިއަހަރު 32 ގައުމަކަށް ދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ 119 ދުވަހުންނެވެ.