Roadha Mihaaru
ބިޝާމްގެ މައްސަލަ ނެގީ ކުރިއަށް ނުގެންދިއުމުން: އަބުޅޯ

ބިޝާމްގެ މައްސަލަ ނެގީ ކުރިއަށް ނުގެންދިއުމުން: އަބުޅޯ

27 ފެބުރުއަރީ 2019

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ދެ ވަނަ ފަހަރަށް ނެގީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެ މައްސަލަ ކުރިއަށް ނުގެންދިއުމުން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރުމުގެ މައްސަލަ ދެ ވަނަ ފަހަރަށް ނެގީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން އެ މައްސަލަ ކުރިއަށް ނުގެންދިއުމުން ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ލީޑަރުންނަށް ސިޔާސީ ދައުވާ އުފުއްލެވި ކަަމަށް ތުހުމަތުކުރާ ޕީޖީ ބިޝާމް ވަކި ކުރަން އެންމެ ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އިތުރު ކަންތައްތަކެއް ފުރިހަމަ ކުރަން ކަމަށް ވިދާޅުވެ އޭރު އެ މައްސަލަ އަނބުރާ ނެގުމަށް ފަހު އަލުން ހުށަހެޅުއްވީ މި މަހުގެ 2 ވަނަ ދުވަހެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް މިއަދު ފޮނުއްވި ސިޓީގައި އަބުޅޯ ވިދާޅުވީ ޕީޖީގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޭނާ ހުށަހެޅުއްވިތާ އެތައް ދުވަހެއްވި އިރު ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެ މައްސަލަ ބާއްވާފައި، އެ ކޮމިޓީ އަށް ހުށަހަޅާފައި ހުރި އެހެން މައްސަލަތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އަބުޅޯ ވިދާޅުވި ގޮތުގައި ޕީޖީ ވަކިކުރަން އޭނާ ހުށަހެޅުއްވީ ކޯލިޝަން ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގައި ވެސް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

އެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ކުރިއަށް ނުދާތީ، ކޮމިޓީގެ މުގައްރިރާއި ޕާލަމެންޓް ގްރޫޕުގެ ލީޑަރުންނާ ވާހަކަ ދެއްކެވި ކަމަށާއި އަނބުރާ ގެނައީ ކުރިއަށް ނުގެންދާތީ ކަމަށް ވެސް އަބުޅޯ ވިދާޅުވި އެވެ.

ބިޝާމްގެ މައްސަލަ ހުށަހެޅުއްވި އިރު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރަކީ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމެވެ. އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މުގައްރިރުގެ މަގާމުން ދުރުކުރަން ހުށަހެޅުމުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެ ކޮމެޓީގެ އާ މުގައްރިރަކީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

ސިޔާސީ ކަންކަމާ ގުޅުވައި އެކި މީހުންނަށް އުފުލި ޓެރަރިޒަމްގެ ދައުވާތައް، ވެރިކަން ބަދަލުވުމާ އެކު ޕީޖީ ބިޝާމް ވަނީ އަނބުރާ ގެންނަވައިފި އެވެ. އެއާއެކު، އެ ދައުވާތަކުގެ ސަބަބުން ޖަލު ބަންދާއި ނުހައްގު އަނިޔާ ލިބުނު އެތައް ބަޔަކު ސަލާމަތް ވެއްޖެ އެވެ. ގާނޫނީ ބައެއް ބޭފުޅުން އެކަން މާނަކުރައްވަނީ، އެ ދައުވާ އުފުލީ ގޯސްކޮށް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އަމިއްލަ އަށް އިއުތިރާފްވެވަޑައިގަތުމެވެ.

ޕީޖީ މަގާމުން ވަކިކުރަން ހުށަހެޅީ ވެސް އެތައް ބަޔަކަށް ނުހައްގުން އަދަބު ލިބި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު މައްސަލައިގަ އެވެ. ގިނަ މީހުންނަށް ދައުވާ އުފުލައި އަދަބު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައިކަން އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ. ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. އޭރު ބިޝާމް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ރައީސް އޮފީހުގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ލީޑަރުން ޖަލަށްލާފައިވާއިރު އެ ދައުވާތައް ކުރީ ރައީސް ޔާމީންގެ އެންގުމަށް ސިޔާސީ ބޭނުމުގައި ބިޝާމް ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތު ކުރި އެވެ. ގާނޫނު އަސާސީގައި ޕީޖީ އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.