Roadha Mihaaru
ކުރިން ބިޝާމް ގޯސް، މިހާރު؟

ކުރިން ބިޝާމް ގޯސް، މިހާރު؟

28 ފެބުރުއަރީ 2019

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބޭނުން ނުވުމުން އެކަމާ ސުވާލު އުފެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ވަކިކުރަން ހުށަހެޅި މައްސަލަ ކުރިއަށް ގެންދަން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުން ބޭނުން ނުވުމުން އެކަމާ ސުވާލު އުފެދިއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިދިކޮޅު ލީޑަރުންނަށް ސިޔާސީ ދައުވާ އުފުއްލެވި ކަަމަށް ތުހުމަތުކުރާ ބިޝާމް ޕީޖީކަމުން ވަކިކުރަން އެންމެ ފުރަތަމަ ހުށަހެޅުއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެކަމަކު އިތުރު ކަންތައްތަކެއް ފުރިހަމަ ކުރަން ކަމަށް ވިދާޅުވެ އޭރު އެ މައްސަލަ އަނބުރާ ނެގުމަށް ފަހު އަލުން ހުށަހެޅީ މި މަހުގެ 2 ވަނަ ދުވަހެވެ.

ތިނަދޫ ދެކުނު ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަހްމަދު އަބްދުﷲ (އަބްދުﷲ) މަޖިލީހަށް އެ މައްސަލަ ހުށަހެޅުއްވީ، އޭނާ ވިދާޅުވި ގޮތުގައި، ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕާ ވެސް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ. ދެ ފަހަރަށް ހުށަހަޅައިގެން ވެސް ކުރިއަށް ނުގެންދިއުމުން އޭނާ ވަނީ، ޕީޖީ ވަކިކުރަން ހުށަހެޅި މައްސަލަ އަނބުރާ ނަންގަވައިފަ އެވެ.

އަބުޅޯ ވިދާޅުވި ގޮތުގައި ޕީޖީ ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ކުރިއަށް ގެންދަން ބޭނުންނުވި ސަބަބެއް އެނގިވަޑައެއް ނުގަންނަވަ އެވެ. އެކަން ސާފުކުރަން މަސައްކަތް ކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އެ މައްސަލަ ކުރިއަށް ގެންދާނެ ކަމަކަށް. ނުހިނގާނެ މައްސަލައެއް ކޮމިޓީގައި ބާއްވައިގެން ރައްޔިތުންނަށް ނާއުއްމީދު ނުކުރުވަން ނެގީ،" އަބުޅޯ ވިދާޅުވި އެވެ.

މިނިވަން މުއައްސަސާތަކަށް އިއްޔެ އައި ބަދަލާ އެކު ދެން ވެސް އެ މައްސަލަ ހިނގައިގަންނާނެ ކަމަކަށް އަބުޅޯ ގަބޫލެއް ނުކުރައްވަ އެވެ. އެމްޑީޕީގެ ރޮޒެއިނާ އާދަމް އިސްތިއުފާ ދެއްވުމުން، އެ ކޮމިޓީގެ މުގައްރިރަކަށް ހަމަޖައްސާފައި ވަނީ މިހާރު ޖޭޕީގައި ހުންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ.

މި ސަރުކާރު ވެރިކަމަށް އަންނަން އުޅުނު އިރު، އޭރުގެ އިދިކޮޅު ފަރާތްތަކުގެ ބަހުގެ ހަމަލާތައް އެންމެ ބޮޑަށް އަމާޒުވި އެއް ބޭފުޅަކީ ބިޝާމެވެ. ސިޔާސީ ކަންކަމާ ގުޅުވައި އެކި މީހުންނަށް އުފުލި ޓެރަރިޒަމްގެ ދައުވާތައް، ވެރިކަން ބަދަލުވުމާ އެކު ބިޝާމް ވަނީ އަނބުރާ ގެންނަވައިފަ އެވެ. އެއާ އެކު، އެ ދައުވާތަކުގެ ސަބަބުން ޖަލު ބަންދާއި ނުހައްގު އަނިޔާ ލިބުނު އެތައް ބަޔަކު ސަލާމަތް ވި އެވެ.

ގާނޫނީ ބައެއް ބޭފުޅުން އެކަން މާނަކުރައްވަނީ، އެ ދައުވާ އުފުލީ ގޯސްކޮށް ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ބިޝާމް އަމިއްލަ އަށް އިއުތިރާފްވެވަޑައިގަތުން ކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބިޝާމްގެ މައްސަލަ ގަސްތުގައި ކުރިއަށް ނުގެންދިޔައީ ކަމަށް ކުރާ ތުހުމަތު ރޮޒައިނާ ދޮގު ކުރައްވަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން އިސްކަންދޭން ބޭނުންވި ތަރުތީބުންނެވެ. ޕީޖީގެ މައްސަލަ ހުށަހެޅި އިރު، ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލާއި ގާނޫނީ ޚިދުމަތްތަކާ ބެހޭ ބިލް އެ ކޮމިޓީން އައީ ދިރާސާ ކުރަމުންނެވެ.

"މަޖިލީސް ޗުއްޓީ އަށް ދިއުމުގެ ކުރިން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި ހުށަހަޅާފައި ހުރި ބިލްތައް ނިންމަން. ޕީޖީގެ މައްސަލަ ލަސްވީ އެ ބިލްތަކަށް އިސްކަންދީގެން ކުރިއަށް ގެންދަން ޖެހުމުން،" ރޮޒައިނާ ވިދާޅުވި އެވެ.

"ޕީޖީގެ މައްސަލަ ކުރިއަށް ގެންދަން އަޅުގަނޑު މަޝްވަރާކުރިން ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ. އޭގައި، އަޅުގަނޑަށް މައުލޫމާތު ލިބުނު ގޮތުގައި ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕް މަޝްވަރާކޮށްފައެއް ނޫން މައްސަލަ ހުށަހެޅީ. އެހެންވެ، އެހެން ބިލްތައް ކުރިއަށް ގެންދިޔައީ."

ޕީޖީ މަގާމުން ވަކިކުރަން ހުށަހެޅީ ވެސް އެތައް ބަޔަކަށް ނުހައްގުން އަދަބު ލިބި ޖަލުގައި ދުވަސްތަކެއް ހޭދަކުރަން ޖެހުނު މައްސަލައިގަ އެވެ. ގިނަ މީހުންނަށް ދައުވާ އުފުލައި އަދަބު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައިކަން އެ މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.

ކުރިން އެޓާނީ ޖެނެރަލްގެ މަގާމު ވެސް ފުރުއްވި ބިޝާމް ޕީޖީގެ މަގާމަށް ނޮވެމްބަރު، 2015 ގައި އައްޔަން ކުރެއްވީ އޭރުގެ ޕީޖީ މުހުތާޒް މުހުސިންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް، އޭނާ މަގާމުން ވަކި ކުރުމުންނެވެ. އޭރު ބިޝާމް ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ލީގަލް އެޑްވައިޒަރަކަށް ރައީސް އޮފީހުގަ އެވެ. ރައީސް ޔާމީންގެ ސަރުކާރުން ސިޔާސީ ލީޑަރުން ޖަލަށް ލާފައިވާއިރު އެ ދައުވާތައް ކުރީ ރައީސް ޔާމީންގެ އެންގުމަށް ސިޔާސީ ބޭނުމުގައި ބިޝާމް ކަމަށް އިދިކޮޅު ފަރާތްތަކުން އޭރު ތުހުމަތުކުރި އެވެ.

ގާނޫނު އަސާސީގައި ޕީޖީ އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމެއްގައިވާ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސް ކުރިޔަސް، އެ ކަމުގައި ފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންނެވެ.